ވޮޝިންޓަން (އޮގަސްޓު 20): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަން ދެކިލައްވަނީ ރިއާލިޓީ ޝޯއެއްގެ ގޮތުގައި ކަމަށް އެގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ޖޯ ބައިޑެން އާ ހަވާލު ކުރުމަށް ކުރިއަށްގެންދާ އެ ޕާޓީގެ ކޮންވެންޝަންގައި ރޭ ވާހަކަ ދައްކަވަމުން އޮބާމާ ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސެއްގެ ގޮތުގައި ކުރައްވަން ޖެހޭ މަސައްކަތްތައް ކުރެއްވުމަށާއި އިދިކޮޅު ފަރާތްތަކާ އެކު އެއްގަލަކަށް އަރަން ޓްރަމްޕް އެއްވެސް ޝައުގުވެރިކަމެއް ފާޅު ނުކުރައްވާ ކަމަށް އޮބާމާ ވިދާޅުވި އެވެ. އަދި ވެރިކަމުގެ ބާރުތައް ޓްރަމްޕް ބޭނުން ކުރައްވަނީ އޭނާ އާއި އޭނާގެ އެކުވެރިންގެ ފައިދާއަށް ކަމަށް ވެސް އޮބާމާ ތުހުމަތު ކުރެއްވި އެވެ.
"ރައީސް ކަމަކީ ޓްރަމްޕް ބޭނުންފުޅުވާ ސަމާލުކަން ހޯއްދެވުމަށް ބޭނުން ކުރެވިދާނެ ރިއާލިޓީ ޝޯއެއް ގޮތަށް ނޫން އެހެން ގޮތަކަށް އަމަލު ކުރެއްވުމުގެ ޝައުގުވެރިކަން ޓްރަމްޕް ނުދައްކަވާ،" އޮބާމާ ވިދާޅުވި އެވެ.
މީގެ އިތުރުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އަގު ވެއްޓި، އެ ގައުމުގެ ޑިމޮކްރަސީއަށް ނުރައްކާވެފައިވާ ކަމަށް އޮބާމާ ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލު ކުރުމަށް ބައިޑެންއަށް ވޯޓު ދިނުމަށް ހިތްވަރު ދެއްވި އެވެ.
މިދިޔަ ހޯމަ ދުވަހު ޑިމޮކްރެޓިކް ކޮންވެންޝަން ފެށުނު އިރު އޮބާމާގެ އަނބިކަނބަލުން މިޝޭލް ވެސް ވާހަކަ ދެއްކެވި އެވެ. އަދި ޓްރަމްޕަށް ރައީސްކަން ކުރެއްވުމުގެ ގާބިލުކަން ލިބިގެން ނުވާ ކަމަށާއި އޭނާއަކީ އެމެރިކާއަށް ރަނގަޅު ރައީސެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އޮބާމާގެ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާއަށް ވެރިކަމަށް ވަޑައިގެންނެވުނީ އޮބާމާ އާއި ބައިޑެންއަށް ރަނގަޅަށް ވެރިކަން ނުކުރެއްވުމުންނެވެ.
"އަޅުގަނޑު މިތާ ހުރި ސަބަބަކީ ރައީސް އޮބާމާ އާއި ޖޯ ބައިޑެން. އެމީހުންނަށް ރަނގަޅަށް މަސައްކަތް ނުކުރެއްވުމުން އަޅުގަނޑު މިހިރީ ރައީސަކަށް ވެފައި،" ޓްރަމްޕް ވިދާޅުވި އެވެ.
އޮބާމާގެ ނައިބު ރައީސްގެ ގޮތުގައި 2009 އިން 2017 އަށް ހުންނެވި ބައިޑެން ވަނީ އަންގާރަ ދުވަހު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ރަސްމީކޮށް އައްޔަންކޮށްފަ އެވެ. އަދި އޭނާގެ ރަނިން މޭޓަކަށް ސެނެޓަރު ކަމަލާ ހެރިސް ވަނީ އައްޔަންކޮށްފަ އެވެ. އެ ކޮންވެންޝަން މިރޭ ނިންމާލާނީ ބައިޑެންގެ ތަގުރީރަކަށް ފަހުގަ އެވެ.
އަންނަ ނޮވެމްބަރު މަހުގެ ތިނެއްގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ބައިޑެން އާއި ކަމަލާއާ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ ޓްރަމްޕާއި ނައިބު ރައީސް މައިކް ޕެންސް އެވެ.