ލިޔޯން ކަޓުވާލުމަށްފަހު ބަޔާން ފައިނަލަށް

ލިޔޯން ކޮޅަށް ގޯލު ޖެހުމަށްފަހު ބަޔާން ކުޅުންތެރިން އުފާފާޅު ކުރަނީ: އެ މެޗުން ބަޔާން މޮޅުވީ 0-3 އިން --- ފޮޓޯ//ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ފްރާންސްގެ ލިޔޯން ކަޓުވާލުމަށްފަހު ބަޔާން މިއުނިކް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފި އެވެ.

ޕޯޗުގަލްގެ ލިސްބޮންގައި ރޭ ކުޅުނު އެ މެޗުން ލިޔޯންގެ މަައްޗަށް ބަޔާން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. އެއާ އެކު އެ ޓީމުން 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު ފައިނަލުގައި އެ ޓީމު ބައްދަލު ކުރަން ޖެހޭނީ ސެމީގެ ފުރަތަމަ މެޗުގައި އާރްބީ ލައިޕްޒިގް ބަލިކުރި ޕީއެސްޖީއާ އެވެ. ޕީއެސްޖީ އެ މެޗުން މޮޅުވީ 0-3 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މޮޅާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ބަޔާނުން އެއްވެސް މެޗަކުން ބަލިނުވެ 29 މެޗު ހަމަކޮށްފައިވާއިރު، ރޭގެ މެޗަކީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ބަޔާން މިޔުނިކުން ކާމިޔާބުކުރި 10 ވަނަ މެޗެވެ.

އެންމެ ފަހުން 2012 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރި ބަޔާން މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުމުގެ ފެވަރިޓުންނަށް ވެފައިވާ އިރު، އެ ޓީމުން ވަނީ މުބާރާތުގެ ގަދަ 16 ގައި 1-7 ގެ އެގްރިގޭޓް ނަތީޖާއިން ޗެލްސީ ބަލިކޮށް މުބާރާތުގެ ކުއާޓަރ ފައިނަލްގައި 2-8 އިން ބާސެލޯނާ ބަލިކޮށްފަ އެވެ.

ރޭގެ މެޗު ފަށައިގެން ހީކުރި ގޮތާ ޙިލާފަށް ލިޔޯންއިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ވަނީ އުފައްދާފަ އެވެ. ބަޔާން ގޯލުގެ ކުރިމަތިން އެ ޓީމަށް ހުސްކޮށް ފަސްވަރަކަށް ފުރުސަތު ލިބުނު ނަމަވެސް އޭގެ ބޭނުނޖް ނުހިފުމުގެ ނަތީޖާއަކަށްވީ ބަޔާންއަށް ލިބުނު ފުރަތަމަ ފުރުސަތުގައި އެ ޓީމުން ލީޑު ނެގުމެވެ. ޖޯޝުއާ ކިމިޗްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ސާޖް ގްނަބްރީއެވެ.

މި ލަނޑަށްފަހުވެސް ބަޔާނުން ލިޔޯންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވިއެވެ. އެގޮތުން ބަޔާނުން ވަނީ މެޗުގެ 33 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ގްނަބްރީއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ބަޔާނުން ވަނީ ފުލުފުލުގައި ލިޔޯންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެކަމަކު ބަޔާނުގެ ހަމަލާތައް ލިޔޯނުގެ ގޯލްކީޕަރާއި އެޓީމުގެ ޑިފެންޑަރުން ވަނީ ހުއްޓުވާފައެވެ.

މެޗުގައި ބަޔާން އިން ޖެހި ތިން ވަނަ ގޯލް މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ ނުރައްކާތެރި ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އެވެ. މިއީ މިފަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލެވަންޑޮސްކީ ޖެހި 15 ވަނަ ގޯލެވެ. ބަޔާންގެ ތިންވަނަ ގޯލް ކާމިޔާބުކުރުމުގެ ކުރިން، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ކުޓީނިއޯ ލިޔޯންގެ ގޯލަށް ބޯޅައެއް ވައްދާލި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމައިފަ އެވެ.

ލިޒްބަންގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ށެވެ.

comment ކޮމެންޓް