ސުޝާންތުގެ މަރު ތަހުގީގުކުރަން ސީބީއައިގެ މައްޗަށް އަމުރުކޮށްފި

ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު---

މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރު ތަހުގީގުކުރަން އިންޑިއާގެ ސުޕްރީމް ކޯޓުން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ މައްޗަށް އަމުރުކޮށްފި އެވެ.

އެއާ އެކު މިއަދުގެ ވަގުތެއްގައި ސީބީއައިގެ ޓީމެއް މުމްބާއީ އަށް ގޮސް މުމްބާއީގެ ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުމްބާއީ ފުލުހުން އެކަމާ ގުޅިގެން ހޯދި ހެކިތައް ސީބީއައިއަށް ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ސުޕްރީމް ކޯޓަށް ހުށައެޅި މައްސައެއްގައި ބުނީ އެ ކޭސް ތަހުގީގުކުރަން ޖެހޭނީ މުމްބާއި ފުލުހުން ކަމަށާއި ޕަޓްނާ ފުލުހުންނަށް އެ ކޭސް ތަހުގީގުކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. ސީބީއައި އަށް ސުޝާންތުގެ ކޭސް ޓްރާންސްފާކުރުމަށް އެދުނީ ޕަޓްނާ ފުލުހުންނެވެ. ކޯޓުން އެ ނިންމުން ނިންމީ މިދިޔަ އަންގާރަ ދުވަހު ރިއާގެ ޕެޓިޝަން ވެސް އަޑުއެހުމަށްފަހު އެވެ.

އެކްޓަރު ސުޝާންތު ދަންޖެހިގެން މަރުވިކަމަށް މުމްބާއީ ފުލުހުން ބުނިއިރު ސުޝާންތު މަރާލީކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އޭނާ މަރާލިކަމުގެ ހެކިތައް ވެސް މިހާރު ބޭރުގެ ގިނަ މީޑިއާތަކުން އަންނަނީ ދައްކަމުންނެވެ. ސުޝާންތު އަމިއްލައަށް މަރުވެދާނެ ކަމަށް އޭނާގެ އާއިލާ އާއި ރަހުމަތްތެރިންގެ އިތުރުން ފޭނުން ވެސް ގަބޫލެއް ނުކުރެ އެވެ. އަދި އޭނާ މަރާލުމުގައި ސިޔާސީ ބައެއްގެ އަތެއް ވާކަމަށް ވެސް ބައެއް މީހުން އަންނަނީ ތުހުމަތުކުރަމުންނެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާ އެކު ސުޝާންތާގެ މަރަށް އިންސާފު ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ގަބޫލުކުރަމުންނެވެ.

comment ކޮމެންޓް