ހަރީރީގެ އަވަހާރަކޮށްލުމުގެ ތުހުމަތު ހިޒްބުﷲގެ ހަތަރު މީހަކަށް

އަވަހާރަކޮށްލާފައިވާ ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީގް ހަރީރީގެ ސްޓެޗޫއެއް--

މީގެ 15 އަހަރު ކުރިން އަވަހާރަކޮށްލައިފައިވާ ލުބްނާނުގެ ބޮޑުވަޒީރު ރަފީގް ހަރީރީގެ މަރުގެ ތުހުމަތު އެގައުމުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ ހަތަރު މީހަކަށް ކޮށްފި އެވެ.

ހަރީރީގެ މަރުގެ މައްސަލަ ނެދެލެންޑްސްގެ ހާއްސަ ކޯޓަކުން ބަލަމުންދާއިރު އޭގެ ނިންމުން މިއަދު އިއްވާނެ އެވެ.

ހަރީރީގެ މަރުގެ މައްސަލާގައި ހިޒްބުﷲގެ ކޮމާންޑަރެއް ކަމަށްވާ މުސްތަފާ ބަދުރުއްދީންއަށް ވެސް މީގެ ކުރިން ތުހުމަތުކުރި އެވެ. ނަމަވެސް އޭނާ ވަނީ ސީރިއާ ހަނގުރާމައިގައި 2016 ވަނަ އަހަރު މަރުވެފަ އެވެ.

ތުހުމަތުކުރެވޭ ހަތަރު މީހުންގެ ތެރެއިން އެކަކީ ސަލީމް ޖަމީލް އައްޔާޝް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ގޮވާތަކެތި ބޭނުންކޮށްގެން ހަރީރީ މަރާލަން އުޅުން ހިމެނެއެވެ. ސަލީމްއަކީ މުސްތަފާ ބަދުރުއްދީންއާ ތިމާގެ މީހެކެވެ. އަދި ބޮމުގެ ހަމަލާ ދޭން އެ ދެ މީހުން ގުޅިގެން މަސައްކަތްކުރިކަމަށް ވެސް ވަނީ ތުހުމަތުކުރެވިފަ އެވެ.

ސަލީމްއަކީ އަވަހާރަކޮށްލައިފައިވާ ހިޒްބުﷲގެ ކުރީގެ މިލިޓަރީ ޗީފް އިމާދުު މުޣްނިޔާގެ ޅިޔަނު ވެސް މެ އެވެ.

އެ މައްސަލައިގައި ދެން ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ހަސަން ހަބީބް މެރްހީ އަސަދު ހަސަން ސަބްރާ އަދި ހުސެއިން ހަސަން އުނައިސީ ހިމެނެ އެވެ.

އެ އެންމެންގެ ޑިފެންސް ޓީމްގައި ހިމެނޭ ލޯޔަރުން ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ހަރީރީގެ މަރުގެ މައްސަލާގައި ސީރިއާގެ އަތެއްވާކަމަށް ލުބްނާނުގެ ގިނަ ބަޔަކު ދެކެ އެވެ. ހަރީރީގެ މަރާ ގުޅިގެން ސީރިއާއާ ދެކޮޅަށް ކުރި މުޒާހަރާތަކަަށް ފަހު ސީރިއާގެ ސިފައިން ލުބްނާނުން ވަނީ ފައިބައިފަ އެވެ.

ހަރީރީގެ މަރާ ގުޅޭ ގޮތުން ނެދެލެންޑްސްގެ ހާއްސަ ކޯޓަކުން މިއަދު އިއްވާއިރު އެގައުމުގައި ގޮވި ވަރުގަދަ ގޮވުމަށް ފަހު މުޅި ގައުމު މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.--- އަލްޖަޒީރާ، ބީބީސީ

comment ކޮމެންޓް