ރޭގެ މެޗުން ލިބުނު ބައްޔަކީ ބާސެލޯނާއަށް މިހާތަނަށް ލިބުނު އެންމެ ލަދުވެތި ބަލި ކަމަށާއި، މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި ކުޅުންތެރިން ނޫން ކަމަށް ބުނެ ބާސެލޯނާއަށް ބޮޑު ބަދަލުތަކެއް ގެނައުމަށް ޖެރާޑް ޕީކޭ ގޮވާލައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ބަޔާން މިއުނިކް އަތުން 2-8 ގެ ބޮޑު ތަފާތަކުން ބާސެލޯނާ ބަލިވި އިރު މުޅި ސީޒަން އެ ޓީމުން ނިންމާލީ ހުސްއަތާ އެވެ. ރެއާލް މެޑްރިޑުން ފަހަތުން އައިސް ސްޕެނިޝް ލީގުގެ ތަށި ހޯދި އިރު ކޮޕަ ޑެލްރޭއިން ވެސް ބާސެލޯނާ ވަނީ ކަޓައިފަ އެވެ.
އެހެން ނަމަވެސް ޔޫރޮޕުގެ އެންމެ ޝަރަފުވެރި ޗެމްޕިއަންސް ލީގުގައި ރޭ ލިބުނު ބައްޔަކީ ބާސެލޯނާގެ ދިގު ތާރީހުގައި ވެސް ޔޫރޮޕުގައި އެ ޓީމު އެންމެ ބޮޑު ނަތީޖާއަކުން ބަލިވި ފަހަރެވެ. މިދިޔަ ދެ އަހަރަށް ބަލާއިރު މުބާރާތުގެ ފައިނަލާ ހަމައަށް ދިއުމަށް ބާސާއަށް ކުރިމަތި ވެފައި ވަނީ ލަދުވެތި ނަތީޖާ ތަކެކެވެ. ރޯމާ އަތުން 2018 ވަނަ އަހަރު ދެ ވަނަ ލެގްގައި ބަލިވުމުން ކްއާޓާ ފައިނަލުން ކަޓައިގެން ދިޔައީ އެވެ. މިދިޔަ އަހަރު ސެމީ ފައިނަލުގައި ލިވަޕޫލުން އަތުން ކަޓައިގެން ދިޔައީވެސް އަވޭ މެޗުގައި ބަލި ވުމުންނެވެ. އެހެންނަމަވެސް ރޭގެ ނަތީޖާ އަކީ މާބޮޑަށްވެސް ލަދުވެތި ވާން ޖެހޭ ނަތީޖާ އެކެވެ.
މިކަމުގެ ޒިންމާ ކުޅުންތެރިންގެ ބޮލަށް އެކަނި ޖަހައގެން ނިންމާލެވެން ނެތް ކަމަށް ބުނެ ބާސެލޯނާގެ ޑިފެންޑަރު ޕީކޭ ވަނީ މެޗަށްފަހު ބާސެލޯނާގެ އެތެރެ، އެތެރޭގައި ހުރި ގިނަ މައްސަލަތަކެއްގެ ވާހަކަތައް ފެންމަތިކޮށްފަ އެވެ. އޭނާ ބުނީ މިއީ މުޅި ބާސެލޯނާ ވެސް އެންމެ ލަދުވެތިވީ ދުވަސްކަމަށެވެ.
"އަހަރެން މިހުރީ މުޅިން ހިތްހަލާކު ވެފައި، ހުރިހާ އެންމެން ވެސް މިތިބީ އެގޮތުގައި، ލަދުވެތިކަމަކީ މިވަގުތު ބޭނުން ކުރަން އެންމެ ރަނގަޅު ބަސް،" ޕީކޭ ޕެޗަށްފަހު ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން މި ބަލީގެ ޒިންމާ އެއްވެސް މީހަކަށް އަމާޒު ކުރާކަށް، މިއީ ހަމައެކަނި ކުޅުންތެރިންގެ މައްސަލައެއް ނޫން. މިކަމުން ދޭހަވެގެން މިދިޔައީ ބާސެލޯނާގެ ހުރިހާ ގިންތިއަކުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަން،"
ޕީކޭ ބުނީ، ކުލަބަށް ގެންނަން ޖެހިފައިވާ ބަދަލުތަކާ އެކު ޓީމު ދޫކޮށްލަން ޖެހޭ ނަމަ އެކަން ކުރަން އޭނާ މިހާރުން މިހާރަށް ވެސް ތައްޔާރަށް ހުރި ކަމަށެވެ. އަދި ރޭގެ ބައްޔާއެކު ވޭތުވެ ދިޔަ އަހަރުތަކުގައި ބާސެލޯނާ ހޯދި ބޮޑު ކާމިޔާބީއަށް ހިޔަނި އެޅިގެންދާނެ ކަމަށެވެ.
މި ބޮޑު ބައްޔާއެކު، ބާސާގެ ކޯޗް ކިކޭ ސެޓިއެން އަލުން ބާސާއަށް ކޯޗް ކޮށްދިނުމުގެ ފުރުސަތު ލިބޭނެ ކަމާމެދު އެއްވެސް ޔަގީން ކަމެއް ނެތެވެ. އަންނަ އަހަރު އޮންނަ ބާސާގެ އިންތިހާބުގައި އަނެއްކާވެސް ބާސާގެ ރައީސް ކަމަށް ކުރިމަތިލާން ތައްޔާރު ވަމުން އަންނަ މިހާރުގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއުގެ އަގުވެސް އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި އިތުރަށް ވެއްޓިގެން ދިޔައީ އެވެ.