ސާޖަރީއަށް ފަހު ސަލްމާން ރަސްގެފާނު ރެޑް ސީގައި ބިނާކުރާ މެގަސަޓީގައި އަރާމްކުރައްވަނީ

ސަލްމާން ރަސްގެފާނު މަތިންދާބޯޓުން ފައިބާވަޑައިގަންނަވަނީ--

ސާޖަރީއަށް ފަހު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު، ރަތްކަނޑުގައި ސައުދީން ބިނާކުރާ މެގަ ސިޓީ "ނިއޯމް"ގައި އަރާމްކުރައްވަމުން އެބަދެ އެވެ.

އުމުރުން 84 އަހަރުގެ ރަސްގެފާނު ދާދި ފަހުން ވަނީ ގޯލްބްލެޑާ ނެގުމަށްޓަކައި ސާޖަރީއެއް ހައްދަވައިފަ އެވެ. ހޮސްޕިޓަލްގައި 10 ދުވަސް ވަންދެން އޮންނެވުމަށް ފަހު އެތަން ދޫކުރައްވައި ވަޑައިގެންނެވީ މިދިޔަ މަހުގެ 30 ވަަނަ ދުވަހު އެވެ.

މީގެ ފަސް އަހަރު ކުރިން ވެރިކަމަށް ވަޑައިގަތް ސަލްމާން ރަސްގެފާނުގެ ސިއްހަތު ރަނގަޅުކަމަށް ދައްކަން ސައުދީ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން ހޮސްޕިޓަލްގައި އޮންނެވި އިރު ވާޗުއަލްކޮށް ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަމުން ދާ މަންޒަރު ސައުދީގެ ދައުލަތުގެ ޓީވީން ވަނީ ދައްކައިފަ އެވެ. އަދި އަރާމްކުރައްވަން ނިއޯމްއަށް ވަޑައިގަތުމަށް މަތިންދާބޯޓުގެ ސިޑިމަތީ ކޮޅަށް ހުންނަވާ މަންޒަރުތަކެއް ވެސް ސައުދީގެ މީޑިއާއިން ވަނީ ދައްކައިފަ އެވެ.

ސައުދީން މިހާރު ހަދަމުންދާ މެގަސިޓީ ނިއޯމްއަކީ 500 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ސައުދީގެ ޝާހީ އާއިލާގެ މެމްބަރުން އާންމުކޮށް ހޫނު މޫސުމުގައި ޗުއްޓީ ހޭދަކުރައްވަނީ މޮރޯކޯ ނޫނީ ޔޫރަޕްގެ ގައުމުތަކުގައެވެ.-- އަލްޖަޒީރާ--

comment ކޮމެންޓް