ޗައިނާއާ މައްސަލައެއް ނެތް، ނަމަވެސް އިންޑިއާގެ ސަލާމަތަށް ގެއްލުންވާ ކަމެއް ނުކުރެވޭނެ: ފައްޔާޒު

ބީލަންވެރިންގެ މަހާސިންތާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

ސަރުކާރާ، ޗައިނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް އަވަށްޓެރި ގައުމުތަކުގެ ސެކިއުރިޓީއަށް ނުވަތަ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ބުރުލެއް އަރާފަދަ ކަމަކަށް ރާއްޖެ ބޭނުންކުރުމަށް ޖާގަ ނުދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އިންޑިއާ އާއި ސްރީލަންކާ އަކީ ރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ގާތް ދެ އެކުވެރިން ކަމަށެވެ.

ތިން ގައުމު ވެސް އޮތް ތަނުން ނަގައިގެން އެހެން ތަނަކަށް ނުގެންދެވޭނެ ކަމަށާއި އެހެންކަމުން މި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް ގުޑުމެއް އަރާނެ ކަހަލަ އެއްވެސް ކަމެއް ރާއްޖެއިން ނުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއް އިރެއްގައި ވެސް ޗައިނާއަކާ މައްސަލައެއް ނެތް. އެކަމަކު އަޅުގަނޑުމެން ދިވެހިރާއްޖެ ބޭނުންކުރާކަމަށް ޖާގައެއް ނުދޭނަން، އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކުގެ ސެކިއުރިޓީއަށް ނުވަތަ އިންޑިއަން އޯޝަންގެ ސެކިއުރިޓީއަށް ބުރޫލެއް އަރާނެ އެއްވެސް ގޮތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ހުރިހާ ގައުމަކާ އެކު ވެސް ވިޔަފާރީގެ ގުޅުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ޗައިނާއާ މެދު ސުވާލު އުފެދެނީ ދުނިޔޭގެ އެކި ތަންތަނުގައި ޗައިނާގެ ލޯނާ ގުޅިގެން ވަރަށް ގިނަ އެހެން ކަހަލަ ކަންތައްތަކެއް ހިނގަމުންދާތަން ފެންނާތީ ކަމަށެވެ.

އެގޮތުން އެފްރިކާގެ ވަރަށް ގިނަ ގައުމުތަކުގައި ޗައިނާއިން ދީފައި ހުރި ލޯނުތަކާ ގުޅިގެން އެތަންތަން ޗައިނާއަށް މިލްކުވެރިކަން ބަދަލުވެގެން ދާތަން ފެންނަ ކަމަށް ވިދާޅުވެ މިސާލު ޖެއްސެވި އެވެ.

ފައްޔާޒް ވިދާޅުވީ އިންޑިއާ އިން ނަގާ ލޯނުތައް ހުރީ އެގޮތަށް ނޫން ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖެ ހިފަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުފާޑުގެ ވާހަކަދައްކަނީ ކޮންމެސް ބަހަނާއެއް ދައްކައިގެން ސަރުކާރާ ރައްޔިތުންނާ ދޭތެރޭގައި ފިތުނަ އުފެއްދުމަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"އިންޑިއާއިން ރާއްޖެ ހިފަން ބޭނުންނަމަ އެތައް ގަރުނެއް ކުރިން އޮންނާނީ ހިފާ ނިމިފައި. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އަޅުގަނޑުމެންނެއް މި ގައުމުގައި އެއްވެސް ކަމެއް ހިނގައިގެން ނުވާނޭ އިންޑިއާގެ ސެކިއުރިޓީއަށް ގެއްލުމެއް ވާ ފަދަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތީ ދެ ފަރާތަށް ފައިދާވާ ގުޅުމެއް ކަމަށާއި ރާއްޖޭގެ ރައްކާތެރިކަން ވެސް ރާއްޖެއިން ބަލަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖެއިން އިސްކަން ދޭންޖެހޭނީ މި ސަރަހައްދުގެ ރައްކާތެރިކަމާ ގުޅޭގޮތުން ކަމަށާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަކީ ސިއްރެއް ނޫން ކަމަށެވެ. އެހެންކަމުން އިންޑިއާ އާއި ލަންކާގެ ސަލާމަތަށް ނުރައްކާވާ ކަމަށް އެ ގައުމުތަކަށް ގަބޫލުކުރެވޭ ކަންކަމުގައި ރާއްޖެއިން އިސްކަން ދޭން ޖެހޭނީ އަވަށްޓެރިންގެ ހައިސިއްޔަތުން އެ ދެ ގައުމަށް ކަމަށެވެ.

"އަޅުގަނޑުމެން ޗައިނާއިން ލޯނު ނަގާނަން އަދި ޗައިނާގެ އިންވެސްޓްމަންޓް ތައް ވެސް ރާއްޖެ އަންނަ މަރުހަބާ. އަޅުގަނޑުމެން ހަމަ ވަރަށް ގާތް ގުޅުމެއް ޗައިނާއާއެކު ވެސް އެބަ ގެންދެވޭ،" ފައްޔާޒު ވިދާޅުވި އެވެ.

comment ކޮމެންޓް