ގަވައިދާ ހިލާފަށް އުޅުނު 4،751 ބިދޭސީއަކު ފޮނުވާލައިފި

ޖުލައި 15، 2020: ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ބުރާސްފަތި ދުވަހާ ހަމައަށް 4،751 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ރޭ ވިދާޅުވީ ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސިންގެ ތެރެއިން ވެސް ގިނަ ބަޔަކު އަނބުރާ ގައުމަށް ދާން ބޭނުންވެގެން ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށެވެ.

"ހަމަ އާދައިގެ، ހާލުގައި ޖެހިފައިތިބި ނުވަތަ ރާއްޖޭގައި އަންޑޮކިޔުމެންޓެޑްކޮށް އުޅޭ، ދާން ބޭނުންވާ މީހުން އަޅުގަނޑުމެން މި ފޮނުވާލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިމަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ފޮނުވާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެ ވެ.

"އަޅުގަނޑު އުއްމީދު މި ކުރަނީ ކޮވިޑްގެ ހާލަތު ރަނގަޅުވެއްޖެ ނަމަ މި އަހަރުގެ ނިޔަލަށް 20،000 މީހުން ފޮނުވާލެވޭނެ ކަމަށް. އެއީ ޓާގެޓަކީ. ނުވެދާނެ، އެކަމަކު ގަދައަޅާ މަސައްކަތް މިކުރަނީ ޓާގެޓަށް ވާސިލް ވެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ރޭ ވިދާޅުވީ މަގަމާ ހަވަލުވެ ވަޑައިގެން ކުރެއްވި މަސައްކަތުގެ 80 ޕަސެންޓަކީ ބިދޭސިންގެ މައްސަލަ ހައްލު ކުރުމަށް ކުރެއްވި މަސައްކަތް ކަމަށެވެ.

"އަށްޑިހަ ޕަސެންޓް މަސައްކަތަކީ ގާނޫނާއި ގަވައިދުގެ ތެރެއަށް އެމީހުން ވެއްދުމާއި އެމީހުންގެ ތެރެއިން އަދަދު މަދުކުރުމަށް މީހުން ފޮނުވާލުމާއި އެމީހުންނަށް ވެސް އެމީހުންނަށް އެންކަރޭޖު ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

comment ކޮމެންޓް