ރަސޫލާއަށް ބަދުބަސް ބުނުމާ ގުޅިގެން ބެންގަލޫރުގައި ކުރި މުޒާހަރާއެއްގައި 3 މަރު

ބެންގަލޫރުގައި ރޭ ކުރި މުޒާހަރާތަކުގައި އުޅަނދުތަކުގައި ރޯކޮށްފައިވޭ -- ފޮޓޯ: އޭއެފްޕީ

ބެންގަލޫރު (އޮގަސްޓު 12): އިންޑިއާގެ ބެންގަލޫރުގައި ކީރިތި ރަސޫލާއަށް ބަދުބަސް ބުނުމާ ދެކޮޅަށް އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ތިން މީހަކު މަރުވެއްޖެ އެވެ.

ކަރުނާޓަކާ ސްޓޭޓުގެ ބެންގަލޫރުގައި އެ މުޒާހަރާ ކުރީ، އެ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އަކަންދާ ސްރިނަވަސް މުރުތީގެ އާއިލާގެ މެމްބަރަކު ފޭސްބުކް މެދުވެރިކޮށް ރަސޫލާއާ ބެހޭ ގޮތުން އިހާނެތިކޮށް ވާހަކަ ދެއްކުމާ ގުޅިގެންނެވެ.

ބެންގަލޫރުގެ ފުލުހުން ބުނި ގޮތުގައި އެ މުޒާހަރާގެ ބައިވެރިން ފުލުހުންނަށާއި ޕޮލިސް ސްޓޭޝަނަކަށް ހަމަލާ ދިނެވެ. އަދި އުޅަނދުތަކުގައި ރޯކޮށް މެމްބަރު މުރުތީގެ ގެޔަށްވެސް ހަމަލާ ދިނެވެ. އެވަގުތު މުރުތީގެ އާއިލާ ގޭގައި ނެތް ކަމަށް އެ އާއިލާއިން ވަނީ ފަހުން ބުނެފަ އެވެ.

ބެންގަލޫރުގެ ޕޮލިސް ކޮމިޝަނަރު ކަމަލް ޕަންތު ވިދާޅުވި ގޮތުގައި އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ފުރަތަމަ މުގުރު ބުރި އާއި ކަރުނަ ގޭސް ބޭނުން ކުރި އެވެ. ނަމަވެސް އެ މީހުން ފުލުހުންނަށް ހަމަލާ ދިނުމުގެ ސަބަބުން މުޒާހަރާ ރޫޅާލުމަށްޓަކައި ބަޑި ޖަހަން ފުލުހުންނަށް މަޖުބޫރުވި އެވެ.

އެ މުޒާހަރާގައި ތިން މީހަކު މަރުވި ކަމަށް ކަރުނާޓަކާގެ ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މުޒާހަރާގައި ބައިވެރިވި 145 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި 60 ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ބެންގަލޫރުގެ ޖޮއިންޓް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.

މީގެ އިތުރުން ފޭސްބުކުގައި ރަސޫލާއަށް ބަދުބަސް ބުނެފައިވާ ޕޯސްޓު ފޮހެލައި، އެ ވާހަކަ ދެއްކި މީހާވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މެމްބަރު މުރުތީ ވަނީ އެ މައްސަލައަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށާއި ހަމަނުޖެހުން ނުހިންގުމަށް އެދިވަޑައިގެންފަ އެވެ.

"ގާނޫނާ ހިލާފުވި މީހަކާ ހެދި ތަޅާފޮޅުމަކަށް ނުދިޔުމަށް މުސްލިމް އަޚުންގެ ފަރާތުން އަޅުގަނޑު އެދެން. މި މައްސަލައިގައި ޒިންމާ ވަނީ ކޮންމެ މީހަކަށްވި ނަމަވެސް އެ މީހަކަށް އެކަށީގެންވާ އަދަބެއް ލިބޭނެކަން އަޅުގަނޑުމެން ޔަގީން ކުރާނަން. އަޅުގަނޑު މިހިރީ ތިބޭފުޅުންނާ އެކު،" ވީޑިއޯ މެސެޖެއް މެދުވެރިކޮށް މުރުތީ ވިދާޅުވި އެވެ.

މީގެ އިތުރުން ބެންގަލޫރުގެ އެހެން ބައެއް މުސްލިމް ލީޑަރުންނާއި ސިޔާސީ އިސް ފަރާތްތަކުން ވަނީ ހަމަނުޖެހުންތަކާ ދުރުހެލިވުމަށް އެދިފަ އެވެ.

comment ކޮމެންޓް