ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ އާ ގަވައިދު ގެޒެޓުކޮށްފި

މަސް ދޯންޏެއްގައި ބިދޭސިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ބެހޭ އާ ގަވައިދު ގެޒެޓުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ގެޒެޓުކުރި ގަވައިދުގައި ބުނީ ބިދޭސީއަކު ވަޒީފާއަށް ހޮވަން ވާނީ ވަޒީފާ އާ ބެހޭ ގާނޫނާއި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދާ ހިލާފު ނުވާނެ ގޮތަކަށް ކަމަށެވެ.

ބިދޭސީއަކު ވަޒީފާއަށް ރާއްޖެ ގެނައުމުގެ ކުރިން އޭނާ އަށް ވަޒީފާދިން ކަމުގެ ލިޔުމުގެ ގޮތުގައި، "ލެޓާ އޮފް އެޕޮއިންޓްމެންޓް" ހަވާލު ކުރަންވާނެ ކަމަށާއި މިއީ ބިދޭސީ މީހާ އާއި ވަޒީފާދޭ ފަރާތާމެދު ސޮއިކުރާ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރަންދެން ވަޒީފާގެ އެއްބަސްވުންކަމުގައި ބެލެވޭނެ ކަމަށް ބުނެފައިވެ އެވެ.

މި ގަވައިދުގައި ބުނާ ހުއްދަތަން ނެގުމަށް ހުށަހަޅަން ޖެހޭނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ.

ވަޒީފާދޭ ފަރާތް އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް ފަހު، އެ ފަރާތެއްގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތްކުރާނެ "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރެވިދާނެ ކަމަށާއި ރިޕްރެެންޓޭޓިވް އަކީ ދިވެއްސެއް ކަމަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ގަވައިދުގައި ބުނާ ގޮތުން ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދެވޭނީ، ބިދޭސީން ވަޒީފާއަށް ގެނައުމަށް މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށް ފަހު ކަމަށެވެ.

ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށާއި ކޮންމެ ފަރުދަކަށް، ސަރުކާރުގެ ކޮންމެ އޮފީހަކަށް އަދި ގާނޫނީ ކޮންމެ ޝަހުސަކަށް ވެސް މި ކޯޓާ އަށް އެދެވިދާނެ ކަމަށް ގަވައިދު ބުނެ އެވެ.

ކޯޓާފީގެ ގޮތުގައި ކޮންމެ އަހަރަކު 2،000 ރުފިޔާ ދައްކަންޖެހެ އެވެ.

ގަވައިދުގައި ބުނީ، އެ ގަވައިދުގެ ދަށުން ދޫކޮށްފައިވާ ކޯޓާގެ އިތުރަށް ނުވަތަ ކޯޓާ ހޯދުމެއް ނެތި، ގަވައިދާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވުމަކީ މަނާކަމެއް ކަމަށެވެ.

ގަވައިދުގައި ބުނީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެގެން ނުވަތަ ވަޒީފާދޭ ފަރާތާއި ބިދޭސީ މުވައްޒަފާ ދެފަރާތުން އެއްބަސްވެގެން އަނބުރާ ގައުމަށް ފޮނުވައިލެވޭ ބިދޭސީން ފުރުވައިލުމުގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ ވަޒީފާދޭ ފަރާތުން ކަމަށެވެ.

މީގެ އިތުރުން ބިސީއަކު ވަޒީފާދޭ ފަރާތަށް ފިލައިފި ނަމަ، ނުވަތަ އޭނާ ގެއްލިއްޖެ ނަމަ، އެކަން އެންގުމަށް ކަނޑައަޅައިފައިވާ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އިދާރާއަކަށް، ވަޒީފާދޭ ފަރާތުން އަންގަންވާނެ ކަމަށް ބުނެފައިވެ އެވެ.

މި ގަވައިދުގައި ޑިޕޮސިޓް ބަހައްޓަން ޖެހޭ އުސޫލާއި އެ ފައިސާ ރިފަންޑު ކުރެވޭނެ ހާލަތްތައް އަދި އެ ފައިސާ ބޭނުން ކުރާނެ އުސޫލުވެސް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ބިދޭސީ މުވައްޒަފުން ރާއްޖެ އައުމުން އެ މިހަކު ރާއްޖެ އެތެރެވާ ބަނދަރަކަށް ވަޒީފާ ދޭ ފަރާތުން ގޮސް އެ މުވައްޒަފާ ހަވާލުވާން ޖެހޭނެ ކަމަށާއި ވަޒީފާދޭ ފަރާތުން އެމީހަކަށް އެކޮމޮޑޭޝަން ހަމަޖައްސައިދޭން ވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެކޮމޮޑޭޝަން ހަމަޖައްސައިދޭ ތަނާ ބެހޭ އުސޫލެއް މި ގަވައިދުގެ ދަށުން ވަނީ އެކުލަވާލައިފަ އެވެ.

މީގެ އިތުރުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު މަސައްކަތްކުރަނީ މީހުން ދިރިއުޅޭ ރަށެއްގައި ނަމަ، ނުވަތަ ސިޓީއެއްގައި ނަމަ، މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި، ވަޒީފާދޭ ފަރާތުން، އެ ބިދޭސީއަކު ރަޖިސްޓަރީ ކުރަން ވާނެ ކަމަށާއި އަދި ބިދޭސީމީހާމަސައްކަތްކުރަނީ މީހުން ދިރިނޫޅޭ ރަށެއްގައި ނަމަ، ނުވަތަ ސިނާއީ ރަށެއްގައި ނަމަ، އެ ރަށަކާ އެންމެ ކައިރީގައިވާ، މީހުން ދިރިއުޅޭ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ބަލަހައްޓާ ދަފުތަރުގައި، ވަޒީފާދޭ ފަރާތުން އެ ބިދޭސީއަކު ރަޖިސްޓަރީ ކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ދެލައްކައެއްހައި ބިދޭސީން އުޅޭނެ ކަމަށް ލަފާކުރާއިރު، އޭގެ ތެރެއިން 63،000 ހައި މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންނެވެ.

ސަރުކާރުން ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލުމަށް ޕްރޮގްރާމެއް ފަށައިފައެވެ. މި އަހަރުގެ ނިޔަލަށް 20،000 ބިދޭސިން ގައުމަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް