ރައީސް ޔާމީން ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ހޯދަން އޭޖީ، މީރާއަށް

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާ ދައުލަތަށް ދައްކާފައި ނުވާތީ، އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މިރާ) އަށް ފޮނުވައިފި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރިމަނާ ކުރުމަށެވެ.

ހުކުމް ކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ފަސް މިލިއަން ޑޮލަރު މީރާއަށް ދައްކާ ހަލާސް ކުރުމަށް ހުކުމް ކުރި ނަމަވެސް، ހަ މަސް ފާއިތުވެގެން ދިޔައިރު ވެސް ރައީސް ޔާމީން އެ ފައިސާ ދައްކަވާފައެއް ނުވެ އެވެ.

ފައިސާ ދެއްކުމަށް ދިން ހަ މަސްދުވަހުގެ މުއްދަތު ހަމަވެފައިވަނީ، މޭ މަހުގެ 28 ވަނަ ދުވަހަށެވެ.

މުއްދަތު ހަމަވެ ދެ މަސް ފަހުން ސަރުކާރުން އެ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އެގޮތުން އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، އަބްދުﷲ ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 188 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރާ ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ ޖޫރިމަނާގެ ފައިސާ ދައްކަންވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފައިސާ ދައްކަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފަށައިގެން ކުރިއަށް އެބަދެ އެވެ.

comment ކޮމެންޓް