ޓެލެމެޑިސިންގެ ހިދުމަތް އިތުރަށް ފުޅާކުރަން ވިސްނަން: އަމީން

މިނިސްޓަރު އަމީން މިއަދު މަޖިލީހުގެ ޖަލްސާގައި --- ފޮޓޯ/ މަޖިލިސް

އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ދެމުންދާ ޓެލެ މެޑިސިންގެ ހިދުމަތް މިއަހަރުތެރޭ އިތުރަށް ފުޅާ ކުރުމަށް ވިސްނުން ގެންގުޅޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އަމީން އެހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ޑޮކްޓަރަށް ދައްކަން މާލެއައުމަށް ދަތިވެ ގިނަ ބަޔަކަށް ކޮންސަލްޓޭޝަން ދޭން ޖެހުނީ ދުރުގައި ބައިތިއްބައިގެން އޯޑިއޯ ވީޑިއޯ މެދުވެރިކޮށްކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ އޭގެ މުހިންމުކަން އަދި ފަސޭހަކަން މިދުވަސްތަކުން އެނގިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މިއަހަރު ތެރޭގައި ވަރަށް ބޮޑު އިސްކަމެއް ދޭނަން ކުރިއަށް އޮތް ތަނުގައި ޓެލެމެޑިސިން ޒަމާނީ ގޮތެއްގައި ތައާރަފް ކުރުމަށް." މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކުރިން ގަބޫލުކުރެވިފައި އޮތީ ޓެލެމެޑިސިންގެ ހިދުމަތް ދެވޭނީ ވަރަށް ގިނަ ވަސީލަތްތަކާއި ވަރަށް ގިނަ މީހުންނާ ގުޅުގެން ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އައި ދަތި ދުވަސްތަކުގައި އެއަށްވުރެ ލުއިކޮށް އެކަން ކުރެވޭނެ ގޮތްތަކެއް ހުރިކަމަށް ތަޖުރިބާ ކުރެވުނުކަމަށް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭން ބޭރަށް ބޭސްފަރުވާ ހޯދަން ނުދެވޭ ފަރާތްތަކަށްވެސް ފަރުވާ ދިނުމުގައި ޓެލެމެޑިސިންގެ ހިދުމަތް ވަނީ މިފަހުން ބޭނުންކޮށްފަ އެވެ. އެގޮތުން އެރަށެއްގައި ހުންނަ ހޮސްޕިޓަލަކަށް ގޮސް ވީޑިއޯ މެދުވެރިކޮށް ބޭރުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނަށް ދައްކާފައި އެބަ ހުއްޓެވެ.

އޭގެއިތުރުން ކޮވިޑާ ގުޅިގެން މާލޭގައި ލޮކްޑައުން ކޮށްފައި އޮތް އިރު ގިނަ ބަޔަކު އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ބޭނުން ކުރި އެވެ.

comment ކޮމެންޓް