އެޗްޑީސީގެ ޗެއާމަން ކަމަށް ޖައިޝް އައްޔަންކޮށްފި

މުހައްމަދު ޖައިޝް އިބްރާހީމް

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް މުހައްމަދު ޖައިޝް އިބްރާހީމް އައްޔަންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެ މަގާމަށް ޖައިޝް އައްޔަންކުރީ މިއަދު ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ސަރުކާރު ގިނަ ކުންފުނިތަކެއްގެ ބޯޑުގައި ހިމެނޭ މެންބަރުންތަކެއް ވަނީ ބޯޑުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި އެޗްޑީސީގެ އޭރުގެ ޗެއާމަން މުހައްމަދު ޝާހިދު ވެސް ހިމެނެ އެވެ.

އެޗްޑީސީގެ ޗެއާމަން ކަމަށް ޖައިޝް އައްޔަން ކުރުމާ އެކު، އެޗްޑީސީގެ ބޯޑުގައި މިހާރު ތިއްބަވަނީ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހްމަދުގެ އިތުރުން، ހަތަރު ޑިރެކްޓަރުން ކަމުގައިވާ އިބްރާހިމް އަފްރަތު، އަބްދުﷲ ރަމީޒް، އަހްމަދު އާތިފް އަދި ހަސަން މުނީރެވެ.

އެޗްޑީސީއަށް ޗެއާމަން އަކު އައްޔަންކޮށްފައި ވާއިރު، އެ ކޯޕަރޭޝަނާއި ގްރޭޓާ މާލެ އިންޓަންޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލަން ސަރުކާރުން ވަނީ ނިންމައިފައެވެ.

ޖީއެމްއައިޒެޑްއެލް އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުއްޓާއި ގުޅީފަޅު މެނޭޖްކުރުމަށް އުފެއްދި ކުންފުންޏެކެވެ. އަދި އެޗްޑީސީއަކީ ހަމައެކަނި ހުޅުމާލެ މެނޭޖް ކުރާ ކުންފުންޏެކެވެ.

comment ކޮމެންޓް