މާޅެ ސަރަހައްދުން ގަވާއިދާ ހިލާފުވި 258 ތަން ބަންދު، ނުހުޅުވެނީ ހަތް ތަން

މާލޭގައި ހިންގާ މާރުކޭޓެއް-- ސަން ފޮޓޯ/ފަޔާޒު މޫސާ

ލޮކްޑައުންއަށް ލުއިދިން ފަހުން އެޗްޕީއޭއިން ހިންގި މާސް އިންސްޕެކްޝަނުގައި މާލޭ ސަރަހައްދުން ޖުމުލަ 258 ތަން ބަންދުކުރަން ޖެހުނު ކަމަށް އެ އޭޖެންސީން ބުނެފި އެވެ.

ކޮވިޑް19އާ ގުޅިގެން މާޅެ ސަރަހައްދުގެ ލޮކްޑައުންއަށް ލުއިދިނުމަށްފަހު އާންމު ހިދުމަތްދޭ ތަންތަން ހިންގަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށްތޯ ބަލަން އެ އޭޖެންސީން ވަނީ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ ހަރަކާތުގެ ދަށުން ކާބޯތެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި ސެލޫންތަކުގެ އިތުރުން ޖިމްތަކާއި މާރުކޭޓުތައް ވަނީ އިންސްޕެކްޓު ކޮށްފަ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ޖުލައި 12އިން ފެށިގެން މާލެ ސަރަހައްދުގައި އާންމު ހިދުމަތްދޭ ތަންތަން އިންސްޕެކްޓުކުރަން ހަރަކާތެއް ފެށި ކަމަށެވެ.

އެ ހަރަކާތުގެ ދަށުން ދެވަނަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ޖުލައި 29އިން އޮގަސްތް އަށްވަނަ ދުވަހާ ހަމައަށެވެ.

މާސް އިންސްޕެކްޝަންގެ ތަފާސްހިސާބުތައް

  • މާލެ (1179 ތަން ބަލައި، 204 ތަން ބަންދުކުރި)
  • ހުޅުމާލެ (296 ތަން ބަލައި، 48 ތަން ބަންދުކުރި)
  • ވިލިމާލެ (51 ތަން ބަލައި، ތިން ތަނެއް ބަންދުކުރި)
  • ތިލަފުށި (17 ތަން ބަލައި، ތިން ތަނެއް ބަންދުކުރި)
  • ހުޅުލެ (ދެ ތަން ބެލި، އެއްވެސް ތަނެއް ބަންދުކޮށްފައި ނުވޭ)

"ގްރޭޓާ މާލޭ އޭރިއާގައި ޖުމުލަ 1545 ތަން ބެލިފައިވަނީ. އޭގެ ތެރެއިން 258 ތަން ބަންދުކުރެވިފައި ވަނީ ގައިޑްލައިންއާ ހިލާފުވުމުން." އަހްމަދު ނާސިރު ވިދާޅުވި އެވެ.

އަހްމަދު ނާސިރު ވިދާޅުވީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ބަންދުކުރި ގިނަ ތަންތަނަކީ ގައިދުރުކަމާއެކު ތަރުތީބުވެފައި ނެތުމުން ކަމަށެވެ. އަދި ފިހާރަތަކުގައި އެއްފަހަރާ ވަދެވޭ މީހުންގެ އަދަދު ބަޔާންކޮށްފައި ހުރި ނަމަވެސް އެއަށްވުރެ ގިނަ އަދަދަކަށް މީހުން އެތަންތަނަށް ވަދެ ހިދުމަތް ހޯދާތަނާއި ގައިދުރުކޮށް ހިދުމަތް ދިނުމަށް ބޭނުންވާ ސްޓިކާ ނެތްކަން ފާހަގަވި ކަމަށް ނާސިރު ވިދާޅުވި އެވެ.

އަހްމަދު ނާސިރު ވިދާޅުވި ގޮތުގައި ކެޓަގަރީތަކުގެ ތެރެއިން އެންމެ މައްސަލަ ބޮޑު ކަމަށް ފާހަގަވީ ބޯކޮށާ ތަންތަނެވެ.

"ކަނޑައެޅިފައިވާ ވަރަށްވުރެ ގިނަ މީހުން ބޯކޮށާ ތަންތަނަށް ވަދެ، ގައިދުރުކަމެއް ނެތި ހިދުމަތް ހޯދާކަން ފާހަގަވި. ހިދުމަތްދޭ ފަރާތް [ބޯކޮށާ މީހާ] ވަކި ގޮތަކަށް ހުންނަން ޖެހޭނެ ކަމަށް ގައިޑްލައިންގައި ބަޔާންކުރޭ، އަދި ތަނުގައި ހިފާ ގެންގުޅޭ ސާމާނު އެއް ކަސްޓަމަރު ބޭނުންކުރާ ތަކެތި އަނެއް ކަސްޓަމަރަށް ބޭނުން ނުކުރަން ނުވަތަ ކުރާނަމަ ކުރަން ޖެހޭ އުސޫލު ގައިޑްލައިންގައި ބަޔާންކުރޭ. މިކަންކަން ފޮލޯ ނުކުރުމުގެ ސަބަބުން ބަންދުކުރަން ޖެހުނު ތަންތަން ބަންދުކުރަން ޖެހުނީ." އަހްމަދު ނާސިރު ވިދާޅުވި އެވެ.

މީގެ އިތުރުން ބަންދުކުރަން ޖެހުނު ޖިމްތަކަކީ ގައިޑްލައިންގައި ބުނާ އެޕޮއިންޓްމަންޓް ސިސްޓަމަށް އަމަލު ނުކުރުމުން ބަންދުކުރަން ޖެހުނު ތަންތަން ކަމަށް ނާސިރު ވިދާޅުވި އެވެ. އަދި ބަންދުކުރި މާރުކޭޓުތަކުގައި އެއްފަހަރާ ވަންނަން ޖެހޭ މީހުންގެ އަދަދު އެނގެން ނެތް ކަމަށާއި ސްޓާފުންނާއި ކަސްޓަމަރުން އަމަލުކުރަން ޖެހޭ އުސޫލު ނެތްކަން ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވާއިދާ ހިލާފުވެގެން ތަންތަން ބަންދުކުރި ނަމަވެސް، މައްސަލަތައް ރަނގަޅު ކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ތަނެއް ހުޅުވުމުގެ ފުރުސަތު ދިން ކަމަށާއި އޭގެ ތެރެއިން ނުހުޅުވިފައިވަނީ ހަތް ތަނެއް ކަމަށް އަހްމަދު ނާސިރު ވިދާޅުވި އެވެ.

"އެއީ ދެ ސެލޫނާއި ދެ ފިހާރައާއި ތިން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން. އޭގެ ތެރެއިން އެއް ސެލޫން އަދިވެސް އުސޫލުތަކަށް ނުފެތޭތީ އެތަން ނުހުޅުވަން. އަދި ހަ ތަނެއް ވެރިފަރާތުން ނުހުޅުވައި، އަޅުގަނޑުމެންނަށް ރިކުއެސްޓު ނުކުރާތީ ނުހުޅުވޭ." އަހްމަދު ނާސިރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އާންމު ހިދުމަތް ދޭ ތަންތަން އިންސްޕެކްޓު ކުރަން ކުރިއަށްގެންދާ ހަރަކާތް، ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާ ކުރަން ރާވަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

comment ކޮމެންޓް