ބޮޑުފިނޮޅު: ދޮގު ވާހަކަދައްކާ ކަމަށް ބުނެ ފުލުހުންގެ ފަރާތުން ބައެއް ވަކީލުންގެ މައްސަލަ ބާ ކައުންސިލަށް!

ޖުލައި 2، 2020: ބ. ބޮޑުފިނޮޅުގައި ހިނގި ހަމަ ނުޖެހުން: މުޒާހަރާ ކުރި ބިދޭސީން ވަނީ ދިވެހިންގެ ބަޔަކު ރަހީނުކޮށް، އެ ރަށުގައި ހުރި މުދަލަށް ބޮޑެތި ގެއްލުން ދީފައި -- ފޮޓޯ: ފުލުހުން

ބ. ބޮޑުފިނޮޅު މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ ފަރާތުން ވަކާލާތު ކުރައްވާ ބައެއް ވަކީލުން، ހަގީގަތާ ހިލާފު ވާހަކަދައްކައި، ފުލުހުންގެ މަސައްކަތަށް ދަތިކޮށް ފުލުހުންގެ ތަސައްވުރު ކިލަނބުކުރަން މަސައްކަތް ކުރާ ކަމަށް ބުނެ، ވަކީލުންގެ ސުލޫކާ ހިލާފަށް އެ ވަކީލުން ކޮށްފައިވާ ކަންކަން ބަލައިދިނުމަށް ބާ ކައުންސިލަށް ހުށަހަޅަން ފުލުހުން ނިންމައިފިއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އެރަށުގައި ހަމަނުޖެހުން ހިންގައި، ދިވެހީންތަކެއް ރަހީނުކުރި އެވެ. އަދި ފުލުހުންނާ ވެސް ކުރިމަތިލާފައިވެ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން، ޖުލައި ތިން ވަނަ ދުވަހު ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ. ނަމަވެސް މިހާރު އެމީހުން ވަނީ ބަންދުން ދޫކޮށްލައިފައެވެ.

މައްސަލައިގައި ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލައާ ގުޅިގެން ހައްޔަރުކުރި 19 ބަންގްލަދޭޝް މީހުންނަށް އައްޔަންކުރެވުނު ވަކީލުންގެ ތެރެއިން ބައެއް ވަކީލުން ފުލުހުންގެ މުއައްސަސާ ބަދުނާމުވާގޮތަށް، މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން މައުލޫމާތު އާންމު ކުރަމުން އަންނަ ކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރެވުނު ބިދޭސީން ހައްޔަރުކޮށް އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާސީ ޖިނާއީ
އިޖުރާތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާތުތަކާއި އެއްގޮތަށް ކޯޓަށް ހުށަހަޅައިގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހުންނަށް އައްޔަންވި ބައެއް ވަކީލުން 19 ބިދޭސީންގެ ނަމުގައި، އެ ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ ސޯޝަލް މީޑިއާއާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މައްސަލައިގެ ތަހުގީގާއި ފުލުހުންގެ މުއައްސަސާއާއި ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅުވައިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރައި ފުލުހުންގެ މަސައްކަތަކާއި މެދު ނުބއި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ ހައްޔަރުކުރި 19 ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކަށް ދައުލަތުން ވަކީލުން އައްޔަންކޮށްފައިވާ ކަމަށާއި، އަދި ފަސް މީހަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ފަސް ވަކީލުން އައްޔަންކޮށްފައިވާ ކަމަށެވެ.

އަދި 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ވާހަކަ ދައްކާ ނޫސްބަޔާން ނެރެމުންދަނީ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 19 ބިދޭސީންގެ ތެރެއިން 10 ބިދޭސީންގެ ވަކީލުންގެ ގޮތުގައި ވަކި ވަކީލުންތަކެއް އައްޔަންވެފައި ވަނިކޮށް، އެ ވަކީލުންނަށް އެނގުމެއް ނެތިކަމަށް ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ.

އަދި އެ 10 މީހުންނަށް އައްޔަންވެފައިވާ ވަކީލުންގެ ފަރާތުން މައުލޫމާތު ސާފުކުރުމެއް ނެތި، އަދި އެވަކީލުންނާ އެއްވެސް މައުލޫމާތެއް ހިއްސާކުރުމެއް ނެތިކަން ވެސް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހައްޔަރުކުރި ހުރިހާ ބިދޭސީދްގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ނޫސްބަޔާން ނެރެ، ޓީވީ ޕްރޮގްރާމްތަކަށާއި، ސޯޝަލް މީޑިއާގައި މައުލޫމާތު އާންމު ކުރަމުންދަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުދް އައްޔަންވެފައިވާ ވަކީލުންނާއި އެއްވެސް ގުޅުމެއް
ނެތި ކަމަށާއި އަދި ފުލުހުންގެ ތަހުގީގުން ޓްރާންސްޕޭރަންސީގެ ފަރާތުން އައްޔަންވި ވަކީލުންނަށް އެއްވެސް ދައްޗެއް ކުރިމަތި
ނުވާކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވާކަން ވެސް ފުލުހުން ފާހަގަކުރިއެވެ.

މީގެ އިތުރުން ބޮޑުފިނޮޅުން ހައްޔަރުކުރެވުނު ބިދޭސީންގެ ގާނޫނީ ވަކީލުންގެ ނަމުގައި މަދު ވަކީލުންތަކެއްގެ ފަރާތުން ތަހުގީގަށް ގަސްދުގައި ހުރަސް އަޅައި، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް އުޅޭކަމަށް ބެލެވޭ ގޮތަށް މައްސަލައާ ގުޅިގެން ބަންދުގައި ތިބި މީހުންނަށް ނޭނގޭ އެތައް ކަމެއް އެމީހުން ލައްވައި ތަހުގީގު ރެކޯޑިންގެ ތެރޭގައި ބުނުވަން އުޅުމާއި، އެމީހުންނަށް ލިބެންޖެހޭ މުސާރައާއި ބޮޑުފިދޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ ބަންދުގައި ތިބި މީހުންނަށް މަޖުބޫރު ކުރުވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަމައެއާއެކު ބޮޑުފިނޮޅުގައި ހިނގާ ދިޔަ ހަމަނުޖެހުމާއި ގުޅޭ ބައެއް މައުލޫމާތުތައް އާންމު ފަރާތްތަކަށް އޮޅޭގޮތަށް، މީޑިއާގައި ވާހަކަދައްކާ ވަކީލުން ބޭނުންވާ ވަކި ގޮތަކަށް ބަޔާންކޮށް، ހިނގަމުންދާ ތަހުގީގަށް ނުރަނގަޅު އަސަރު ފޯރާގޮތަށް މައްސަލައިގައި މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ހިލާފަށް ހާމަކޮށް ވަކި ނަތީޖާތަކެއް ނެރުމަށް ފުލުހުނުނާއި މައްސަލައާއި ގުޅުންހުރި އެހެން ފަރާތްތަކުގެ މައްޗަށް ތަފާތު ތުހުމަތުކޮށް މައުލޫމާތު ހާމަކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ބޮޑުފިނޮޅުގައި ހިނގާދިޔަ ހާދިސާގައި ހަމަނުޖެހުން ހިންގި
ފަރާތުން އެކި ވަރުގެ އަނިޔާ ދިން ފުލުހުންނަށް ލިބިފައިވާ އަނިޔާއަކީ އެހާދިސާ ހިނގި ދުވަހު ފުލުހުން ބިރުން ދުވަން ފެށުމުގެ ތެރޭގައި
އެތަނުގައި ހުރި ހޮޅިތަކުގައި ޖެހިގެންނާއި މޫދަށާއި އަދި އެނޫން ތަންތަނަށް ވެއްޓިގެން ލިބުނު އަނިޔާތަކެއް ކަމަށް މަލާމާތުގެ
ރާގެއްގައި ބަޔާންކޮށް، ޖިނާއީ ތަހުގީގުތަކުގައި ބައިވެރިވާ ވަކީލުން އާންމުކޮށް އަމަލުކުރާ ޕްރޮފެޝަނަލް މިންގަނޑުތަކާއި ހިލާފަށް
ތަކުރާރުކޮށް އަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ބޮޑިފިނޮޅުގައި ހިނގި ހަމަނުޖެހުމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، އާރްއައިއެކްސް ކުންފުނީގެ ފަރާތުން އެ ބިދޭސީންނަށް މުސާރަ ނުދީ، އެމީހުންގެ ހައްގުތަކަށް އިހުމާލުވެ ފަރުވާކުޑަކުރުމުގެ ސަބަބުން ކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.

އަދި މައިގަނޑު މައްސަލައަކީ މުސާރަ ނުދިނުން ކަމަށް، މުއްދަތު މަޖިލީހުގައި ބިދޭސީން ވެސް ކިޔައިދީފައިވާ ކަމަށެވެ. އެ އަޑުއެހުން ބޭއްވީ ބައެއް ނޫސްވެރިންގެ ހާޒިރުގައި ކަން ވެސް ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ވެސް ހިންގަމުން އަންނަ އިރު ހަމަނުޖެހުން ހިންގުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތަކުގެ ތަހުގީގުގައި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ
ޕީޖީ އޮފީހާއި ދެމެދު ހިނގަމުން އަންނަ ކަމަށެވެ.

"ބ.ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރެވުދނު 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކާލާތު ކުރަމުން އަންނަ މަދު ވަކީލުނަތަކެއްގެ ފަރާތުން، ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލުން ކޮށްގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ އެތައް ސުލޫކީ މައްސަލައެއް ފާހަގަކުރެވެމުން އައިސްފައިވާތީއާއި މިވަކީލުންގެ ފަރާތުން ފުލުހުންގެ މަސައްކަތަަށް ދަތިކޮށް ހަގީގަތާއި ހިލާފް ވާހަކަ ފަތުރައި ފުލުހުންގެ ތަސައްވުރު ކިލަނބުކުރުމަށް މަސައްކަތް ކުރަމުން އައިސްފައިވާތީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އެ ވަކީލުން ކޮށްފައިވާ ކަންކަން މި ސާވިސްއިން މޯލްޑިވްސް ބާ ކައުންސިލަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމުގައިވެސް ދަންނަވަމެވެ." ފުލުހުން ބުންޏެވެ.

comment ކޮމެންޓް