ދުނިޔޭގެ އެންމެ ބޮޑު އެއް ސްމާޓްފޯނު ކުންފުނި ކަމަށްވާ ވާވޭއާ އެކު ވިޔަފާރީގެ ގޮތުން އޮތް ހުރިހާ ގުޅުމެއް ކަނޑާލުމަށް އެމެރިކާއިން ނިންމުމާ ގުޅިގެން އެކުންފުނީގެ ސްމާޓްފޯނުތަކުގެ މުސްތަގުބަލަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެ އެވެ. މިފަހަރު އިތުރު ސްމާޓްފޯނު އުފެއްދިދާނެ ކަމާ މެދު ވަނީ ބިރު އުފެދިފަ އެވެ.
ވާވޭއަކީ ޗައިނާގެ ސަރުކާރުން ޖާސޫސް ކުރުމަށް ބޭނުން ކުރާ ކުންފުންޏެއް ކަމަށާއި އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ވާވޭ އާ އެކު ވިޔަފާރި ކުރުން މަނާކޮށް އެމެރިކާއިން ވަނީ މިދިޔަ އަހަރު އެ ކުންފުނި ބްލެކްލިސްޓުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެެމެރިކާއިން އެކުންފުންޏަށް ބޭނުންވާ ހާޑްވެއާ އާއި ސޮފްޓްވެއާ ފޯރުކޮށްދިނުމަށް މަނާވާނެ އެވެ.
އޭގެ ސަބަބުން އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ އެކުންފުނީގެ ސްމާޓްފޯނުގެ އޮޕަރޭޓިން ސިސްޓަމް ކަމަށްވާ އެންޑްރޮއިޑް ބޭނުންކުރުމުގެ ލައިސަންސް ނެގުމުންނެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް އެކުންފުނިން ދަނީ އަމިއްލަ އޮޕަރޭޓިން ސިސްޓަމްއެއްގެ މަސައްކަތް ކުރަމުންނެވެ.
މިފަހަރު ދިމާވި ދަތިކަމަކީ ހާޑްވެއާގެ މައްސަަލައެކެވެ. އެގޮތުން އެކުންފުންޏަށް ބޭނުންވާ ޗިޕްސެޓް ގަންނަނީ އެމެރިކާއިންނެވެ. އެމެރިކާއިން ޗިޕްސެޓް ގަތުން މަނާކުރުމުގެ ސަބަބުން އެކުންފުނިން "ކިރިން" ނަމުގެ ޗިޕްސެޓްތަކެއް އުފައްދަން ފެށިއެވެ. ނަމަވެސް މިހާރު އެ ޗިޕްސެޓް އުފައްދަން ބޭނުންވާ ހާޑްވެއާ ހުސްވަނީއެވެ.
އެހެންކަމުން ކުންފުނީގެ ފޯނުތަކަށް ބޭނުންވާ ޗިޕްސެޓް ހަދާނެ ގޮތްވެސް ހުސްވަނީ ކަމަށް ވާވޭއިން ވަނީ ބުނެފައެވެ.
ވާވޭ އިން ބުނެފައިވަނީ މިއަހަރު ހަމަވާއިރު އެކުންފުނީގެ ފޯނުތަކުގައި ބޭނުންކުރާ ހައި އެންޑް ޗިޕްސެޓް ހުސްވާނެ ކަމަށެވެ. އެހެންކަމުން އަންނަ އަހަރާ ހަމައަށް ކުންފުނި ބްލެކްލިސްޓު ކޮށްފައި އޮވެއްޖެނަމަ ވާވޭއަށް އާ ފްލެގްޝިޕް ފޯނުތައް އުފެއްދުމަށް ދަތިވާނެ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.