ކްރިމިނަލް ކޯޓަށް ހޯދާ ފަނޑިޔާރުންގެ އަދަދު ދެ އަކަށް އިތުރުކޮށްފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު ބޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަކަށް ކުރިމަތިލާން ކުރިން ހުޅުވާލުމަށް ފަހު މިއަދު އެ ކޯޓުގެ ފަނޑިޔާރުކަމުގެ އިތުރު މަގާމަކަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލައިފިއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބު ސަސްޕެންޑުކޮށްފައި ހުއްޓާ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު އަހުމަދު ހައިލަމް ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އޭނާވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެހެންކަމުން މި މަހުގެ ހަ ވަނަ ދުވަހު ޖޭއެސްސީއިން ވަނީ އެ ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައެވެ.

އެ އިއުލާނު އިސްލާހުކޮށް މިއަދު ޖޭއެސްސީއިން ވަނީ އިތުރު އިއުލާނެއް ނެރެފައެވެ. މިއަދު ޖޭއެސްސީއިން ބުނީ ކުރިން ކުރި އިއުލާނުގައި ކްރިމިނަލް ކޯޓަށް އެންމެ ފަނޑިޔާރަކު ހޯދަން އިއުލާނު ކުރި ނަމަވެސް، މިހާރު އެ އަދަދު ދެ އަކަށް އިތުރުކޮށްފައިވާ ކަމަށެވެ. އެއީ އެ ކޯޓުގައި ދެ މަގާމު ހުސްކޮށް އޮތުމުން ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 16 އޮގަސްޓް ދުވަހުގެ 14:00 އާ ހަމައަށެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 48،300 ރުފިޔާ ލިބޭނެއެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ލިބޭނެއެވެ.

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައިވާއިރު، އެ ކޯޓުގެ އިސްފަނޑިޔާރު އަލީ ރަޝީދު ހުސެއިން ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖޭއެސްސީގެ ލަފަޔަކަށް އެދިފައެވެ.

comment ކޮމެންޓް