ކުޑަރިކިލު ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބ. ކުޑަރިކިލު: އެރަށު ހޯމް ކަރަންޓިންގައި ހުރި މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައި -- ފޮޓޯ/ މުހައްމަދު ޝިފާހު ސައީދު

ބ. ކުޑަރިކިލު ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް މިރޭ "ސަން" އަށް ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ 36 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ، ކަރަންޓީންގެ 14 ދުވަސް ހަމަވެގެން ކުރި ޓެސްޓުންނެވެ.

"ސާދަ ދުވަސް ހަމަވެގެން މިއަދު ހެނދުނު ނެގި ސާމްޕަލް ޕޮޒިޓިވްވި ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ވަނީ އަންގާފައި،" އަބްދުލްހަންނާން އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ، އެ މީހާ ކަރަންޓީންކޮށްފައި ވަނީ ވަކި ގެއެއްގައި އޭނާ އެކަނި ކަމަށެވެ. އަދި އޭނާއާ އެއްވެސް މީހަކު ބައްދަލުވެފައި ނުވާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

މިއީ ކުޑަރިކިލުން މީހަކު ކޮވިޑަށް ޕޮޒިޓިވި ފުރަތަމަ ފަހަރެވެ.

މާލެއިން ރަށްރަށަށް ދާ މީހުން 14 ދުވަހަށް ހޯމް ކަރަންޓިން ކުރެ އެވެ. އަދި އެ މީހަކު ދޫކޮށްލަނީ، ކަރަންޓީންގެ މުއްދަތު ހަމަވެ، ކޮވިޑަށް ހަދާ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުންނެވެ.

ކުޑަރިކިލު ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، މިއަދު ރ. ހުޅުދުއްފާރުގައިވެސް ކަރަންޓީންގައި ހުރި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީވެ ސަރުކާރުން ވަނީ މިިދިޔަ އަންގާރަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ކުރިން މާލެއިން ފުރައިގެން ރަށަށް ދާން ބޭނުންވާ ކޮންމެ މީހަކަށް ހުއްދަ ދިން ނަމަވެސް، މިހާރު ސަރުކާރުން ނިންމާފައި ވަނީ، ޒަރޫރީ ބޭނުމެއް ނެތި ކޮންމެހެން ރަށަށް ދާން ނުޖެހޭ މީހުންނަށް ރަށަށް ދިޔުމުގެ ހުއްދަ ނުދިނުމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފަ އެވެ. އަދި ބަލި އޮތް ރަށްތަކުގައި މާސްކު އެޅުން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން 4،500 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 2706 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ. މިހާތަނަށް ބަލި ޖެހިގެން މަރުވެފައިވަނީ 19 މީހުންނެވެ.

comment ކޮމެންޓް