ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް: އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެ މާގަށް އެދި ކުރިމަތިލުމުގެ ސުންގަނޑި މި މަހުގެ 16 ވަނަ ދަވަހުގެ 14:00 އަށް ހަމަވާނެ ކަމަށެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކީ ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވާންޖެހޭނެ ކަމަށާއި އަދި ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރާ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެން ނުވާނެ އެވެ.

ގެ އިތުރުން ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި އޮވެގެން ނުވާނެކަމަށާއި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް، ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް، ނުވަތަ ޓެރަރިޒަމްގެ އަމަލެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ތަންފީޒުކޮށްފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ. އަދި ސާބިތު ދަރަންޏެއް އޮތް މީހެއް ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރާ މީހަކަށް ވާންޖެހޭކަމަށް ވެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭ ކަމަށާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭކަމަށް އިއުލާނުގައި ވެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ދެކަމުގައިވެސް މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާހުރި މީހަކަށްވެސް ވާންޖެހެއެވެ.

ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، ދެ ފަނޑިޔާރުންގެ ގޮނޑި ހުރީ ހުސްކޮށެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ، ސުޕްރީމް ކޯޓަށް އައްޔަނު ކުރުމަށް ދެ މީހެއްގެ ނަމުގެ، ލަފަޔަކަށް އެދި ޖޭއެސްސީއަށް ފޮނުވާފަ އެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާއި އެކު ދެން އެ ކޯޓުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.

comment ކޮމެންޓް