އާދީއްތަ ދުވަހު ސަރުކާރު ހުޅުވަން ނިންމައި، އުސޫލު އާންމުކޮށްފި

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

މި މަހުގެ ނުވައެއްވާ އާދީއްތަ ދުވަހު ސަރުކާރު އޮފީސްތަކާއި އިދާރާތައް ހުޅުވަން ނިންމައި، އާންމުކޮށް ހުޅުވާއިރު އަމަލުކުރަން ޖެހޭނެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލައި އާންމުކޮށްފިއެވެ.

ކޮވިޑް19 ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވާން ފެށުމާއެކު މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ވަނީ އޯގަސްޓް ނުވަ ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އާންމުކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކާއެކު ކޮވިޑް-19 ފެތުރެމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށް، ބަލި ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކުރާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުމުގައާއި، މުވައްޒަފުން މަސައްކަތަށް ނެރުމުގައި، އެ އުސޫލަށް އަމަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުމަށާއި މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހާވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ވަނީ އަންގަވައިފައެވެ.

ހަމައެއާއެކު މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ވަނީ އަންގަވައިފައެވެ.

އަދި އިދާރާއިން ދޭ ހިދުމަތްތަކުގެ ބާވަތަށާއި، ދޭ ހިދުމަތްތަކުގެ މިންވަރަށާއި، ހިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި، މުވައްޒަފުންގެ އަދަދަށް ބަލައި އިދާރާއިން ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައި، އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުމަށް ވެސް އަންގަވާފައިވެއެވެ.

މީގެ އިތުރުން، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމަށް ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގައިފައެވެ.

ދަންފަޅި އުސޫލުން މަސައްކަތްކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމަށާއި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިޔުމަށް ވަނީ އަންގައިފައެވެ.

އަދި އޮންލައިންކޮށް ދެވެންހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުމަށާއި ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވާފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވާފައި ނުބެހެއްޓުމަށް އަންގާފައިވެއެވެ.

އުސޫލުގައިވާ ގޮތުން ސަރުކާރުގެ އިދާރާތައް ހިންގުމުގައާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ސިއްހީ ރައްކާތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް އެޗްޕީއޭގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަން ޖެހޭނެއެވެ.

އޮފީހުން ކުރާ ކަރުދާހުގެ ހަރަދާއި، ޕްރިންޓްކުރުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރުމަށާއި ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަލެސް" މަސައްކަތުގެ މާހައުލެއް އޮފީހުގައި ގާއިމުކުރުމަށް މަސައްކަތްކުރުމަށް އުސޫލުގައި ބުނެފައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން، ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިގްތިސޯދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ހުރިހާ އިދާރާއަކުން އެޅުމަށް ވެސް ވަނީ އަންގައިފައެވެ.

މިފަދަ އުސޫލު ހަމަޖެއްސެމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށްވާތީ، މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، އެޗްޕީއޭ އިން އަންގާ އެންގުންތަކަށް އެންމެހާ މުވައްޒަފުން ބޯލަނބައި ކިޔަމަންވުމަށާއި، އެ އެޖެންސީން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އަންގަވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެހެންކަމުން އުސޫލުގައި ބުނެފައިވާ ގޮތަށް، ސަރުކާރުގެ އިދާރާތައް ހުޅުއްވައިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ އަންގަވައިފައެވެ.

މިހާތަނަށް ރާއްޖެއިން 4،594 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓްވާ މީހުން އެންމެ ގިނަކަން ފާހަގަ ކުރެވެނީ މަސައްކަތު މާހައުލުން އޮފީސްތަކުގެ ތެރެއިން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މީގެކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް