އެމެރިކާ ރިޔާސީ އިންތިޚާބުގެ ތެރެއަށް ވަނުމަށް ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރޭ: ތަރުޖަމާނު

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ

ވޮޝިންޓަން (އޮގަސްޓް 6) : އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަމުގެ ތެރެއަށް ވަނުމަށް ބޭރުގެ ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައި އެކަން ހުއްޓުވަން މަސައްކަތްކުރާ ފަރާތަކަށް 10 މިލިޔަން ޑޮލަރުގެ ހަދިޔާއެއް ދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަންގައި ދެއްވި ބަޔާނެއްގައި ޕޮމެޕެއޯ ވިދާޅުވީ ބޭރުގެ ބައެއް ބާރުގަދަ ގައުމުތަކުން އެގައުމުތަކުގެ ސިޔާސީ އަދި އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި އެމެރިކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ކަމަށާއި އެ ގޮތުން އެމެރިކާގައި ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގެ ކަންކަމުގެ ތެރެއަށް ވެސް ވަނުމަށް ބޭރުގެ ބައެއް ސަރުކާރުތަކުގެ އެޖެންޓުން މަސައްކަތްކުރާ ކަމުގައެވެ. ނަމަވެސް މިކަމާބެހޭ ތަފްސީލު ޕޮމްޕެއޯ ނުދެއްވަ އެވެ.

ޕޮމްޕެއޯ ވިދާޅުވީ ބޭރުގެ އެއްވެސް ސަރުކާރެއްގެ އެޖެންޓެއްގެ ގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި އިންތިޚާބުގެ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތްކުރާ އެއްވެސް މީހަކު ދެނެގަނެވިއްޖެ ނަމަ އެކަމުގެ ހެއްކާއެކު އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް އެންގުމުން އެކަންބަލައި ތަހްގީގުކުރުމަށް ފަހު އެކަން ސާބިތު ކުރެވިއްޖެ ނަމަ އެ ފަރާތަކަށް އިނާމެއްގެ ގޮތުން 10 މިލިޔަން ޑޮލަރު ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާކަމުގަ އެވެ.

ޕޮމްޕެއޯ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ސަރުކާރުތަކުން ވަންނާނީ ސައިބާ ޓެކްނޮލޮޖީގެ ތެރެއިން ކަމާ އެކަމުގައި އެފަރާތްތަކުން ބޭނުންކުރާނެކަމަށް ބެލެވެނީ އެޖެންޓުންކަމަށް އެމެރިކާގެ ޖާސޫސީ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނެއެވެ.

އަދި އެމެރިކާގައި ހުންނަ ބޭރުގެ ބައެއް އެންބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތަކާ ގުޅިގެން ވެސް ބައެއް އެޖެންޓުން މިކަން ކޮށްފާނެކަމާއި އެމެރިކާއިން ބޭރުގައި ތިބެގެންވެސް ސައިބާ ޓެކްނޮލޮޖީގެ އެހީގައި އެމެރިކާގެ އިންތިޚާބުގެ ނިޒާމުގެ ތެރެއަށް ވަދެގެން މިކަން ކޮށްފާނެކަމަށް އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

ޕޮމްޕެއޯ މިމޭރުމުން ވާހަކަ ދައްކާއިރު އެހެން ގައުމުތަކުގެ އިންތިޚާބަށާއި ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ޚުދު އެމެރިކާގެ މައްޗަށްވެސް ވަނީ ކުރެވިފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ އެތަށްކަމަކަށް ސައިބާ ޓެކްނޮލޮޖީގެ އެހީގައާއި އެނޫން ވެސް ގޮތްގޮތުން ރަޝިޔާ ވަންކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތުހުމަތުކޮށްފައިވެ އެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން މިކަން ބެލުމަށް ޚާއްސަ ތަހްގީގްތަކެއް އެމެރިކާއިން ހިންގި އެވެ. ނަމަވެސް އެކަން ސާބިތުވާވަރުގެ ހެއްކެތް ލިބިފައިނެތްކަމަށް އެކަން ތަހްގީގުކުރި މުހައްގިގު ރޮބަޓް މުލާ އެކުލާލެއްވި ރިޕޯޓްގައި ބުނެފައިވެއެވެ.

ހެކިނެތްނަމަވެސް 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ އެތަށްކަމަކަށް ރަޝިއާ ވަންކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން އަދިވެސް ތުހުމަތު ކުރެއެވެ. ހެކި ނެތުމަކީ އެކަން ނުހިނގުން ނޫންކަމަށް އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ބުނެފައިވެ އެވެ.

އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަމަށް މިފަހަރު ރަޝިއާގެ އިތުރުން ޗައިނާ ވެސް އަދި އީރާން ވެސް ވަދެފާނެކަމުގެ ބިރު އެމެރިކާ އިޙުސާސް ކުރެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް އެންމެ ތިން މަހަށް ވެފައިވާއިރު ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން އެމެރިކާގައިވަނީ ދުވަހަކުވެސް ދަށަށް ނުދާވަރަށް ދަށަށް ގޮސްފައެވެ. އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓްރަމްޕްގެ ސަރުކާރު ނުކުޅެދުމާއި އެ ވަބާގެ ސަބަބުން އެމެރިކާގެ ދޮޅު ލައްކައަށްވުރެ ގިނަ މީހުން މަރުވެ އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ލިބި ބޮޑު ހީނަރުކަމެއް ތަހައްމަލުކުރަންޖެހި އެތަށް މިލިލިޔަން މީހުންގެ ވަޒީފާ ގެއްލިގެން ދިޔުމުން އެމެރިކާ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ ތާއީދުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.

މިއާއެކު ޓްރަމްޕަށް ރިޔާސީ ދެވަނަ ދައުރު ގެއްލި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން އިންތިޚާބު ކާމިޔާބު ކުރައްވަފާނެކަމުގެ ކަންބޮޑުވުން ޓްރަމްޕާއި އޭނާގެ ޓީމުން ގެންދަނީ ވަރަށް ބޮޑަށް އިހުސާސު ކުރަމުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ސަރުކާރުތަކުން ވަދެފާނެކަމަށް ތުހުމަތުކޮށް އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ މަސްއޫލުވެރިންނާއި އެމެރިކާ ސަރުކާރުގެ އިސް މަސްއޫލުވެރިން ވާހަކަ ދައްކަވަން ފައްޓަވާފައި މިވަނީ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ނާކާމިޔާބުވެދާނެކަމުގެ ބިރު އިހްސާސްކުރަން ފެށުމާއެކުގައި ކަމަށް މުހައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް