ފުލުހުންގެ ތެރޭގައި ކޮވިޑްގެ 56 ކޭސް، ފިޔަވަޅުތައް ވަރުގަދަކޮށްފި

ޖުލައި 5، 2020: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާތަނަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ތެރެއިން ކޮވިޑް-19ގެ ޕޮޒިޓިވް 93 ކޭސް ފެނިފައިވާ ކަމަށާއި އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 56 މީހަކު ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފުލުސް އޮފިސަރުންގެ އިތުރުން މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.

ސީޕީ ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ތެރޭގައި ބަލި ފެތުރެމުން އަންނަ ނަމަވެސް، ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ފުލުހުންގެ ލީޑަޝިޕް ދައްކުވައިދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މި މަހުގެ ކުރީކޮޅު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައި ވަނީ، އެހާތަނަށް 67 ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން 64 ސިއްހީ ހިދުމަތްތެރިން ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން ކޮވިޑް އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,594 އަށް އަރައިފަ އެވެ. މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުންދަނީ 1،869 މީހަކަށެވެ. މީގެެ ތެރެއިން 110 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން 19 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް