ނިމިގެން ދިޔަ ސީޒަނުގެ ޑަޗް ލީގު ކެންސަލް ކުރި އިރު އެއްވަނައިގައި އޮތް އަޔެކްސްގެ ކުޅުންތެރިންނާ އޮފިޝަލުންގެ ތެރެއިން 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިހާރު ރަނގަޅުވެފައި ވާކަން އެކުލަބުން ހާމަކޮށްފި އެވެ.
ޑަޗްގެ ފުޓުބޯޅަަ ސީޒަން ނިންމާލި އިރު އެންމެ ފަހުގެ ޗެމްޕިއަން އަޔެކްސްއާއި އޭޒީ އަލްކްމާރް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. އެ ދެ ޓީމު ވެސް 25 މެޗު ކުޅެފައިވާ އިރު ދެ ޓީމަށް ވެސް ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ފައިދާ ގޯލުން ލީގު ތާވަލުން އަޔެކްސް އޮތީ ކުރީގަ އެވެ.
ނަމަވެސް ބާކީ އޮތް ނުވަ މެޗު ނުކުޅެ ޗެމްޕިއަނެއް ހޮވެން ނެތް ކަމަށް ބުނެ ޑަޗް ފުޓުބޯޅަ ފެޑެރޭޝަނުން ލީގު ކެންސަލް ކުރި އިރު ރެލިގޭޝަން ޒޯނުގައި އޮތް ޓީމުތައް އަންނަ ސީޒަނަށް ރެލިގޭޓް ނުވާނެ ކަމަށާއި، އެއްވަނައިގައި އޮތް އަޔެކްސްއަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވެފައިވާ ކަމަށް ޑަޗް ފެޑެރޭޝަނުން ވަނީ ބުނެފައެވެ.
އަދި ފާޑުކިޔުންތަކާ އެކު ޑަޗް ފެޑެެރޭޝަނުން ވަނީ ފަހުން އަޔެކްސް އަކީ ނިމިގެން ދިޔަ ލީގުގެ ޗެމްޕިއަނަކީ އަޔެކްސް ކަމަށް ނިންމާފަ އެވެ.
ނެދަލޭންޑުގައި އަޅާފައިވާ ފުރަބަންދަށް ލުއިތަކެއް ލުއިތަކެއް ދިނުމާ އެކު އަޔެކްސްގެ ކުޅުންތެރިންނާއި، އޮފިޝަލުންގެ އިތުރުން ސްޓާފުން ވަނީ ކޮވިޑަށް ޓެސްޓްކޮށް މީގެ ކުރިން އެބަލި ޖެހިފައިވޭތޯ ބެލުމަށް އެންޓިބޮޑީ ޓެސްޓް ވެސް ހަދައިފަ އެވެ. ޖޫން މަހު ނެގި އެ ޓެސްޓްތަކުގެ ނަތީޖާ އަޔެކްސްއިން މިއަދު ހާމަކޮށްފައިވާ އިރު ކުލަބުގެ 13 މީހަކު ވަނީ މީގެ ކުރިން ވައިރަހަށް ޕޮޒިޓިވްވެ ރަނގަޅުވެފަ އެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޅުންތެރިންނާއި، ބައެއް އޮފިޝަލުން ވެސް ހިމެނޭ އިރު މިހާރު އެ އެންމެން ވެސް ބަލިން ރަނގަޅުވެފައިވާ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ.
އަޔެކްސްއިން އިތުރަށް ބުނީ، އެއް ކުޅުންތެރިއަކު ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން މިހާރު ފަރިތަކުރުންތަކަށް ނުކުންނަން ފަށާފައިވާ ކަމަށާއި، ފަރިތަކުރުންތަކުގައި ބައިވެރި ނުވެވެނީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ފަރުވާ ހޯދަމުން އަންނަ އަންޑްރޭ އޮނާނާ ކަމަށެވެ.