އިންޑިއާގެ އެހީގައި ފުވައްމުލަކުގައި ސްވިމިންގް ޕޫލެއް އަޅަން މަޝްވަރާކޮށްފި

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ފުވައްމުލަކު މަޖިލީސް މެމްބަރުންނާ އެކު މަޝްވަރާ ކުރައްވަނީ --- ފޮޓޯ//ޔޫތް މިނިސްޓްރީ

ފުވައްމުލައް ސިޓީގައި ޒަމާނީ ފެންވަރުގެ ސްވިމިން ޕޫލެއް އެޅުމާއި ބެހޭގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އެ ރަށު މަޖިލީސް މެމްބަރުންނާ އެކު މަޝްވަރާކުރައްވައިފި އެވެ.

މަހުލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުވައްމުލަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއެކު އެ ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މި ޕޫލް އެޅިގެންދާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށް ވެސް މިނިސްޓަރ ގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކަކީ މޫދަށް އެރެން ޚާއްސަ ސަރަހައްދެއް އޮންނަ ރަށެއް ނޫނެވެ. އެހެންކަމުން މިއީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންެދާނެ ބޮޑު ފަސޭހައެއް ކަމަށް ބެލެވެއެވެ. ހަމައެހެންމެ ފުވައްމުލަކު ސިޓީގައި މި ޕޫލް އެޅިގެން ދިޔުން ވާނީ ރާއްޖޭގެ ރަށެއްގައި އެންމެ ފުރަތަމަ އެޅިގެންދާ ސްވިމިންް ޕޫލަށެވެ. މާލޭގައި އޮލިމްޕިކް ފެންވަރުގެ ސްވިމިންގ ޕޫލެއް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ސްވިމިންގ ޕޫލް އެޅުމަށް ބޭނުންވާ ބިން ސާފުކޮށްފައިވީ ނަމަވެސް ކޮވިޑް 19 ގެ ސަބަބުން ޕޫލް އެޅުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް ވަނީ އައިސްފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މިހާރު ވެސް ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯރ ޖިމް ގާއިމްކުރުމަށް ވަނީ ސާމާނު ގެނެވިފައެވެ. އަދި މި ޖިމްތައް ވަރަށް އަވަހަށް ރަށްތަކުގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް