ޑިޒްނީގެ އެނިމޭޓެޑް ފިލްމު "މުލާން"ގެ ލައިވް އެކްޝަން ސިނަމާތަކަށް ނެރުމުގެ ބަދަލުގައި ޑިޒްނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް" އަށް ނެރުމަށް ނިންމާފައިވާކަން އެކުންފުނިން ހާމަކޮށްފި އެވެ.
މިހާރު ފެތުރެމުންދާ "ކޮވިޑް-19" އާ ގުޅިގެން ދުނިޔޭގެ ސިނަމާތައް ބަންދުކޮށްފައި ހުރުމުން މިއަހަރު އަޅުވަންހުރި އެތައް ފިލްމެއް ދަނީ ފަސްކުރަމުންނެވެ.
މުލާން އެންމެ ފުރަތަމަ އެޅުވުމަށް ހަމަޖެހިފައި އޮތީ މިދިޔަ މާޗު މަހު އެވެ. ނަމަވެސް އެ ފިލްމު ފަހުން ވަނީ ޖުލައި އަށް ފަސްކޮށްފަ އެވެ. އަދި އޭގެ ފަހުން އަލުން މި މަހުގެ 21 ގައި ދައްކާގޮތަށް އެ ފިލްމު ފަސްކުރި އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ މިހާރު ޑިޒްނީއިން އާ ގޮތެއް ހޯދައި ފިލްމު އެޅުވުމަށް ވަނީ ނިންމާފަ އެވެ.
ޑިޒްނީއިން ބުނެފައިވަނީ އެކުންފުނީގެ ސްޓްރީމިން ސާވިސް އަށް މުލާން ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ފިލްމު އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ޑިޒްނީ ޕްލަސް އިން ސްޓްރީމް ކުރާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
މުލާން ބަލަން ބޭނުންވާ ފަރާތްތަކުން އެ ފިލްމަށް ޖެހޭނީ ވަކިން ފައިސާ ދައްކާށެވެ. އެގޮތުން އެ ފިލްމު ރެންޓް ކުރާނީ، 29.99 ޑޮލަރަށް ކަމަށް އެކުންފުނިން ބުނެ އެވެ. މިއީ ޑިޒްނީ ޕްލަސް އަށް ތަފާތު ގޮތެކެވެ. ސަބަބަކީ ޑިޒްނީ ޕްލަސް އަކީ ސަބްސްކްރިޕްޝަން ޕްލެޓްފޯމެކެވެ. މަހަކު 6.99 ޑޮލަރު ދެއްކުމުން އެ ޕްލެޓްފޯމުގައި ހުރި ހުރިހާ ކޮންޓެންޓެއް ބެލޭނެ އެވެ. އެހެންނަމަވެސް އެ ފަރާތްތައްވެސް މުލާން ބަލަން ބޭނުންވާ ނަމަ ޖެހޭނީ ފިލްމު ވަކީން ކުއްޔަށް ނަގާށެވެ.
ޑިޒްނީއިން ބޮޑު ހަރަދެއް ކޮށްގެން ސިނަމާއަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމެއް އެކުންފުނީގެ ސްޓްރީމިން ސާވިސް އަށް ނެރުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރު ކުރީކޮޅުގައި އެޅުވުމަށް ނިންމާފައި އޮތް "އާޓެމިސް ފައުލް" ނަމަކަށް ކިޔާ ފިލްމުވެސް ޑިޒްނީއިން ވަނީ ކޮވިޑް-19 އާ ގުޅިގެން ޑިޒްނީ ޕްލަސްއަށް ގެންގޮސްފަ އެވެ.
މުލާން އަކީ ޑިޒްނީއިން ބޮޑު ހަރަދެއް ކޮށްގެން އުފައްދާފައިވާ ފިލްމެކެވެ. އެގޮތުން އެ ފިލްމު އުފައްދާފައިވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އެހެންކަމުން ލިބޭ އާމްދަނީ ކުޑަވުމަކީ އެކުންފުނީން ކަންބޮޑުވާ ކަމެކެވެ.