މިވަގުތު ރާއްޖޭގައި ކޮވިޑް-19 ޖެހި ފަރުވާދޭ މީހުންގެ ތެރޭގައި އެ ބަލީގެ ނުރައްކާ އެންމެ ބޮޑު 60 އަހަރުން މަތީގެ 77 މީހަކާއި، 173 ކުޑަކުދިން ހިމެނޭކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭގެ ކޮވިޑް19 ޑޭޝްބޯޑުގައި ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން މުޅި ޖުމްލަ 4،293 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓްވެފަ އެވެ. އޭގެ ތެރޭގައި 60 އަހަރުން މަތީގެ 150 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 89 ފިރިހެނުންނާއި، 61 އަންހެނުންނެވެ.
ރާއްޖެއިން މިހާތަނަށް 19 މީހަކު ބަލީގައި މަރުވެފައި ވާއިރު، 12 މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އޭގެ ތެރޭގައި 92 އަހަރުގެ މީހަކާއި، 80 އަހަރުން މަތީގެ ހަތް މީހަކާއި، 70 އަހަރުން މަތީގެ ހަތަރު މީހުން ހިމެނެ އެވެ.
ދެން ހިމެނެނީ 38 އަހަރުގެ މީހަކާއި، 42 އަހަރުގެ މީހަކާއި، 43 އަހަރުގެ މީހަކާއި، 52 އަހަރުގެ މީހަކާއި 54 އަހަރުގެ މީހެކެވެ.
ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ތެރެއިން 2،670 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 1،590 މީހެކެވެ.
އޭގެ ތެރޭގައި 60 އަހަރުން މަތީގެ 77 މީހުން ހިމެނޭއިރު، 10 މީހުންނަކީ 80 އަހަރުން މަތީގެ މީހުންނެވެ.
މިވަގުތު ކޮވިޑް ޕޮޒިޓިވް ކުޑަކުދިންގެ ގޮތުގައި 173 ކުދިން އެބަތިއްބެވެ. އޭގެ ތެރޭގައި އަދި އަހަރެއް ވެސް ނުފުރޭ ފަސް ކުދިން ހިމެނެ އެވެ. އަދި 10 އަހަރުން ދަށުގެ 94 ކުދިން ހިމެނެ އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ފަހަކަށް އައިސް ބައްޔަށް ޕޮޒިޓިވްވާ އުމުރުން ދުވަސްވީ މީހުންނާއި، އެހެނިހެން ބަލިތަކަށް ފަރުވާކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ހާލު ސީރިއަސް ނުވި ނަމަވެސް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ޑޭޝްބޯޑުން ދައްކާގޮތުގައި މިއަދުގެ މިހާތަނަށް 93 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާތީ މިހާރު ބޭރަށް ނުކުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.