އިސްތިއުފާ ގޮވި މީހުންނަށް ނަތަންޔާހޫގެ ރުޅިގަނޑު ބާލުވާލައިފި

ނަތަންޔާހޫގެ އިސްތިއުފާއަށް އެދި ކުރި މުޒާހަރާގެ ތެރެއިން--ފްރާޏ

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކުރި މީހުންނަށް އޭނާގެ ރުޅިގަނޑު ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

އިސްރާއިލްގައި ކޮރޯނާ ވައިރަސް ފެތުރޭތީ އެޅި ފިޔަވަޅުތަކާ މެދު ހިތްހަމަ ނުޖެހޭތީ އާއި ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އެތައް ބަޔަކު ދަނީ ސިލްސިލާކޮށް ފަހަކަށް އައިސް މުޒާހަރާކުރަމުންނެވެ.

މިއީ ތަކެއްޗާއި ދިރިއުޅުމުގެ އަގު ބޮޑުވުމުން 2011 ވަނަ އަހަރު އިސްރާއިލްގައި ބޭއްވި ވަރުގަދަ މުޒާހަރާތަކަށް ފަހު އެގައުމުގައި ކުރިއަށްދާ އެންމެ ބޮޑު މުޒާހަރާ އެެވެ. ކޮރޯނާއާ ގުޅިގެން އެގައުމުގައި ވަޒީފާ ނެތް މީހުންގެ އަދަދު 20 ޕަސެންޓަށް ވަނީ އަރައިފަ އެވެ.

އެއްވުންތައް ސުލްހަވެރި ނަމަވެސް ނަތަންޔާހޫއަށް ސަޕޯޓްކުރާ މީހުން ނުކުމު ހަމަނުޖެހުން ހިންގުމުން ފުލުހުންނާ މުޒާހަރާތަކުގެ ބައިވެރިންނާ ކޮންމެވެސް ވަރަަކަށް ވަނީ ކުރިމަތިލުން ހިނގައިފަ އެވެ. އަދި އެތައް ބަޔަކު ފުލުހުން ހައްޔަރުވެސް ކުރި އެވެ.

ނަމަވެސް ނަތަންޔާހޫ ވިދާޅުވީ އެ މުޒާހަރަތާތަކަކީ ވަކި ކޮޅަކަށް ޖެހިފަިއވާ މީޑިއާތަކާ ހެދި ބަޔަކު އުތުރިއަރައިގެން ކުރަމުންދާ މުޒާހަރާއެއް ކަމަށެވެ. އޭނާ ވިދާޅުވީ މީޑިއާތަކުން އެ މުޒާހަރާތަކަށް މާގިނައިން އެއާ ޓައިމްދީ މުޒާހަރާގެ ބައިވެރިންނާމެދު ބާރުގެ ބޭނުންކުރާ ކަމަށްބުނެ ކަން ހިނގާ ގޮތް މީީޑިއާތަކުން އޮޅުވާލަމުންދާ ކަމަށެވެ. އަދި މިއީ ޑިމޮކްރަސީގެ ނަމުގައި ޑިމޮކްރަސީ ނައްތާލަށް މަސައްކަތްކުރުން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

އެފަދައިން ނަތަންޔާހޫ ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނުގެ ގޭގެ ދޮރުމަތީގައި މުޒާހަރާކުރުމުގެ ސަބަބުންނެވެ.

އެ މުޒާހަރާތައް ކުރުމުގައި އިސްކޮށް އުޅޭ ލީޑަރުންގެ ނަންތަކާއި އެމީހުންގެ ފޯނު ނަންބަރުތައް ނަތަންޔާހޫގެ ދަރިފުޅު ޔައިރު ނަތަންޔާހޫ ޓުވީޓުކުރި މައްސަލައެއްވެސް ފެންމަތިވި އެވެ. އެއީ
ފުރައްސާރަ" ކުރުން ކަމަށް ބުނެ މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ އެ ޓުވީޓު ނެގުމަށް ޔައިރުއަށް އަންގައިފަ އެވެ.

މުޒާހަރާތަކަމަށް ނިމުމެއް ނާންނައިރު މިދިޔަ ހޮނިހިރު ދުވަހުގެ މުޒާހަރާއަކީ ފަހަކަށް އައިސް އެންމެ ބޮޑަށް މީހުން އެއްވި މުޒާހަރާ އެވެ. އެ މުޒާހަރާގައި 10،000 އެއްހާ މީހުން ބައިވެރިވިއެވެ.--އަލްޖަޒީރާ--

comment ކޮމެންޓް