ކަށުނަމާދުގެ ޖަމާއަތް ހަދާއިރު ދުރުމިން ބަހައްޓަން ސިޓީ ކައުންސިލުން އަންގައިފި

ޖޫން 15، 2020: ރައްކާތެރިކަމުގެ ފިިޔަވަޅުތައް އަޅައި، ޖަމާއަތް ނުހަދާގޮތަށް މިސްކިތް ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، މިދުވަސްކޮޅު ކަށުނަމާދުގެ ޖަމާއަތް ހަދާއިރު ދެމީހުންގެ ދޭތެރޭގައި ހުސް ޖާގަ ބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ފަރުދުންގެ ރައްކާތެރިކަމަށްޓަކައި، މިއަދުން ފެށިގެން މާލޭ ސަރަހައްދުގައި ކަށުކަމާކެމީގެ ކަންކަން ކުރުމާއި އަދި ކަށުނަމާދު ކުރުމުގައި އަމަލުކުރާނެ ވަކި އުސޫލެއް ސިޓީ ކައުންސިލުން ވަނީ އެކުލަވާލައިފައެވެ.

އެގޮތުން މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން، މާލޭގައި ކަށު ނަމާދު ކުރާނީ، މަސްޖިދުއް ތަޢާވުން ނުވަތަ އާސަހަރާ މިސްކިތުގައި ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އާސަހަރާ މިސްކިތުގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާއަތާއި ދިމާނުވާގޮތަށް، ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުން ކަމަށެވެ.

މައްޔިތާ އާސަހަރާއަށް ގެންދިއުމަށްފަހު، ވީއެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު، މައްޔިތާ ވަޅުލުމަށް، މައްޔިތާގެ އާއިލާގެ ފަރާތުން ވަރަށް ބޮޑަށް އިސްކަންދޭން ވާނެ ކަމަށާއި އަދި ޖަމާއަތްތެރިން އެގޮތަށް އެކަން ކުރަމުންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މައްޔިތާ އާސަހަރާއަށް ގެންދިއުމަށްފަހު، ހިނަވާގޭގައި މައްޔިތާ ބޭއްވޭނީ ގިނަވެގެން ތިން ގަޑި އިރުވަންދެނެވެ. އަދި މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށް ޒިޔާރަތް ކުރާ ފަރާތްތަކުން، ހިނަވާގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅޭއިރު، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކަށުނަމާދުގެ ޖަމާއަތުގައި މީހުން ތިބެންވާނީ ދެމީހުންގެ ދޭތެރޭގައި ހުސްޖާގަ އޮންނަ ގޮތަށް ކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުން މިހެން އެންގި ނަމަވެސް، މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުގެ ޖަމާއަތް ހަދަނީ ގައިދުރުނުކޮށެވެ. އަދި އަޟްހާ އީދު ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް ހެދި އިރުވެސް ގައިދުރުކުރަން އަންގާފައެއް ނުވެއެވެ.

ކޮޑިވް ބަލީގައި ނިޔާވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާ ގޯތިތެރޭ (ހިނަވާގެ ފެންޑާ) ގައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19ގައި 17 މީހަކު ވަނީ މަރުވެފައެވެ. ފަހަކަށް އައިސް ރާއްޖެއިން ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ގިނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް