ފުއާދު ވާހަކަފުޅު ދެއްކެވީ އަޅުގަނޑުގެ އިތުބާރު ގެއްލޭ ގޮތަށް: މައުމޫން

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި އެޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދެއްކެވި ވާހަކަފުޅަކީ މައުމޫންގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް ދެއްކެވި ވާހަކަފުޅެއްކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މައުމޫނަށް ފޮނުއްވެވި ސިޓީގެ ޖަވާބުގައި މައުމޫން މިއަދު ފޮނުއްވެވި ސިޓީގައި ބުނަނީ ޕީޕީއެމްގެ ޖަލްސާގައި ދެއްކެވި ވާހަކަ ފުއާދު ބޭނުންފުޅުގޮތަކަށް މާނަކުރައްވައިގެން، މައުމޫނާއި ދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލޭފަދަގޮތަކަށް ފުއާދު މީޑިއާގައި ދައްކާފައިވާތީ އެކަމާއި ހިތާމަ ކުރައްވާކަމަށެވެ.

މިހާރު ރާއްޖޭގެ އިންތިޚާބުތައް ކުރިޔަށްދަނީ "ކުރިޔާ ޚިލާފަށް" ދެފުށްފެންނަ ގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އަމާނާތްތެރިކަމާއި އެކުގައި ކަމަށް ފުއާދު މީޑިއާގައި ބުނެފައިވަނީ މައުމޫން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިއިރު އިންތިޚާބުގެ ކަންތައް ގާނޫނާއި ގަވާއިދާއި ޚިލާފަށް ހިންގާފައިވާ ކަމެއްކަމަށް ތޯ އޮޅުންފިލުވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.

މައުމޫންގެ ވާހަކަފުޅު މީޑިއާގައި ކުއްވެރިކުރުމުގެ އިތުރުން ފުއާދު ވަނީ މައުމޫން ދެއްކެވި ވާހަކަތައް ކުއްވެރިކުރައްވައި މައުމޫނަށް ސިޓީއެއްވެސް ފޮނުވާފައެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނަނީ ފާއިތުވި ދުވަސްތަކުގައި އެކިފަރާތްތަކުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ތަކުރާރުކޮށް ފާޑުކިޔަމުން ދިޔައިރު ހަނުހުންނެވުމަށް ފަހު މައުމޫން ދެއްކެވި ވާހަކަފުޅެއްގެ އަސްލު އޮޅޭގޮތަށް، އެވާހަކަ ކުއްވެރިކުރައްވައި މައުމޫނަށް ސިޓީއެއް ފޮނުއްވުމަކީ ކުއްލި ހައިރާންކަމެއް ލިބުނު ކަމެއްކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު