އިބްރަހިމޯވިޗް ސީޒަން ނިންމާލީ ރެކޯޑަކާ އެކު

އޭސީ މިލާނުގެ ސްޓްރައިކަރު ޒްލަޓަން އިބްރަހިމޯވިޗް --- ފޮޓޯ: ލައިވްސްކޯ

އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ޒްލަޓަން އިބްރަހިމޯވިޗް ރޭ ކުޅުނު މެޗުގައި ވެސް ގޯލު ޖަހައި، ލީގުގެ ރެކޯޑަކާ އެކު ސީޒަން ނިންމާލައިފި އެވެ.

އިޓާލިއަން ލީގުގައި ރޭ ކަގިލިއާރީއާ ދެކޮޅަށް މިލާން ކުޅުނު މެޗުން އެ ޓީމު ކުރި ހޯދީ 0-3 ގެ ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު ތާވަލުގެ ހަވަނައިގައި އޮވެ މިލާނުން ލީގު ނިންމާލި އިރު، ޔޫރޮޕުގެ ގަދަ ބާރަކަށް އެކުލަބު ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު ކުލަބުގައި ތިބި ކުޅުންތެެރިން ހިފެހެއްޓުމަށް ކުލަބުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެ ޓީމުގައި، މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ޒްލަޓަން އިބްރަހިމޯވިޗް އަންނަ ސީޒަނުގައި ވެސް ކުލަބުގައި ބެހެއްޓުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެކުލަބުގެ ޑައިރެކްޓާ އަދި ކުލަބުގެ ލެޖެންޑް ޕައޮލޯ މަލްޑިނީ ވަނީ ބުނެފަ އެވެ.

ލީގުގެ ފަހު މެޗުގައި ރޭ މިލާނުން މޮޅު ހޯދި އިރު 55 ވަނަ މިނަޓުގައި އިބްރަހިމޯވިޗް ވަނީ ގޯލެއް ޖަހައިފަ އެވެ. މި އަހަރުގެ ޖަނަވަރީގައި މިލާން އާ ގުޅުނު، އިބްރޮހިމްވިޗް ވަނީ ކުޅުނު 18 މެޗުގައި 10 ލަނޑު ޖާހަފަ އެވެ. ރޭގެ ލަނޑާއެކު އޭނާ ވެފައި ވަނީ ސެރީ އޭ ގައި ޑަބަލް އަދަދަކަށް ލަނޑުޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

ޔޫރޮޕުގެ ގިނަ ކުލަބުތަކަކަށް ކުރިން ކުޅުނު އިބްރަހިމޯވިޗް އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރެވެ. ސްވިޑަންގެ މަލްމޯ އިން 1999 ގައި ކެރިއަރު ފެށި އޭނާ ވަނީ ނެދަލެންޑްސްގެ އަޔެކްސްއާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. ނަމަވެސް އޭނާއަށް މިހާތަނަށް އެއްވެސް ޓީމަކާ އެކު ޗެމްޕިއަންސް ލީގުގެ ތަށްޓެއް އުފުލާލެވިފައެއް ނުވެ އެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ކާމިޔާބު ދެ ސީޒަން ހޭދަކުރުމަށް ފަހު އިބްރަހިމޯވިޗް މިލާނަށް ފްރީ އެޖެންޓެއްގެ ގޮތުގައި އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މީގެ އަހަރުތަކެއް ވެސް މިލާނަަށް ކުޅެދިން އިބްރަހިމޯވިޗް ވަނީ މިފަހަރު އެކުލަބަށް އައިސް ކުޅުނު މެޗުތަކުގައި ގިނަ ގޯލުތަކެއް ޖަހައިފަ އެވެ.

އިބްރަހިމޮވިޗް، 38؛ މިލާނަށް ކުރިން ކުޅުނީ 2010 އިން 2012 އަށެވެ. އޭނާ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް 85 މެޗުން 56 ގޯލް ޖަހައިދީފަ އެވެ.

comment ކޮމެންޓް