ސަރަހައްދީ އިމުގެ މައްސަލަތައް ހައްލުކުރުމަށް އިންޑިއާ ދެނީ ބީރުކަންފަތެއް: ނޭޕާލު

ނޭޕާލުގެ ޚާރިޖީ ވަޒީރު ޕްރަދީޕް ކުމާރު ޖިޔަވާލީ

ކަތުމަންޑޫ (އޮގަސްޓް 02): އިންޑިއާ އާއި ނޭޕާލާ ދެމެދުގައި އުފެދިފައިވާ ސަރަހައްދީ އިމުގެ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރުމަށް އެދި ހުށަހެޅި ހުށަހެޅި ހުށަހެޅުމަށް އިންޑިއާއިން ބީރު ކަންފަތެއް ދެމުން ގެންދާކަމަށް ނޭޕާލުން ބުނެފި އެވެ.

ކަތުމަންޑޫގައި ދެއްވި ބަޔާނެއްގައި ނޭޕާލުގެ ހާރިޖީ ވަޒީރު ޕްރަދީޕް ކުމާރު ޖިޔަވާލީ ވިދާޅުވީ ދެގައުމުގެ ސަރަހައްދީ ރޮނގުގައިވާ ލިޕުލޭ ސަރަހައްދު ހުރަސްކޮށް، މަގެއް ބިނާކުރުމަށް އިންޑިއާ ކުރަމުން ގެންދާ މަސައްކަތަކީ ނޭޕާލުގެ ސިޔާދަތަށް އިންތިހާއަށް ގެއްލުންވާ ކަމެއްކަމަށް ވާތީ ނޭޕާލުން އެކަމާ ދެކޮޅުހަދާއިރު އެމައްސަލަ ހައްލުކުރުމަށްޓަކައި ދެގައުމުގެ މެދުގައި ވާހަކަތައް ފެށުމަށް ޑިޕްލޮމެޓިކް ޗެނެލްތައް މެދުވެރިކޮށް އިންޑިއާއަށް އެތަށް ފަހަރަކު އަންގާފައިވާނެކަމަށެވެ. ނަމަވެސް އިންޑިއާއިން އެކަމަށް އަމަލީގޮތުން އިޖާބަ ދީފައިނުވާތީ ހިތާމަ ކުރައްވާކަމަށް ޖިޔަވާލީ ވިދާޅުވި އެވެ.

އޭގެކުރިން މިދިޔަ ނޮވެންބަރު މަހުވެސް ސަރަހައްދީ ރޮނގުގެ މައްސަލަތައް ހައްލުކުރުމަށް އެދި އިންޑިއާއަށް ހުށަހަޅާފައިވާނެ ކަމަށާއި އެ ހުށަހެޅުމަށްވެސް އިންޑިއާއިން އިޖާބަ ދީފައިނުވާކަން ޖިޔަވާލީ ފާހަގަ ކުރެއްވި އެވެ.

ލިޕުލޭ ގައި ބިނާކުރާ މަގުގެ ހެދުމުގެ މަސައްކަތް އިންޑިއާއިން ކުރިޔަށް ގެންދަނީ

އިންޑިއާ އާއި ނޭޕާލާ ދެމެދުގައިވާ ސަރަހައްދީ އިމުގައި މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ލިޕޫލޭ އާއި ކަލްޕަނީ ހިމެނެ އެވެ. ކަލްޕަނީގައި މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ އެންމެ ސްްޓްރެޓީޖިކް ސަރަހައްދަކީ ލިމްޕިޔަދޫރާ އެވެ. އިންޑިއާއާއި ނޭޕާލުގެ ސަރަހައްދީ ރޮނގުގެ ދިގުމިނަކީ ގާތްގަނޑަކަށް 1،800 ކިލޯމީޓަރެވެ.

މިމައްސަލަ އެންމެބޮޑަށް ގޯސްވީ މިދިޔަ އަހަރު އިންޑިއާއިން ނެރުނު އެގައުމުގެ ސިޔާސީ ސަރަހައްދުތަކުގެ އާ ޗާޓުގައި އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި މުޅި ކަލްޕަނީ އޮތް އޮތުމެވެ. އެކަމާ ނޭޕާލުން ވަނީ ދެކޮޅު ހަދާފަ އެވެ.

މިމައްސަލާގައި ނޭޕާލުގެ ޝަކުވާތައް ބޮޑުވުމުން މިއާއެކު މިދިޔަ އަހަރުގެ ކުރީކޮޅު އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އަނޫރާޖު ސްރިވަސްޓަވާ ނެރުއްވި ބަޔާނެއްގައި އިންޑިއާ އާއި ނޭޕާލާ ދެމެދު ސަރަހައްދީ ރޮނގުގެ އަރާރުން އުފެދިފައިވާ ހުރިހާ ސަރަހައްދުތަކާ ދެމެދު ޑިޕްލޮމެޓިކް ރޫހެއްގައި ވާހަކަތައް ފެށުމުގެ ވިސްނުން އިންޑިއާ ގެންގުޅޭ ކަމަށް ބުނެފައިވެ އެވެ. އަދި ނޭޕާލާއެކު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަށް އިހުތިރާމު ކުރާނެކަމަށްވެސް އެބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ވާހަކަތައް ފަށާފައެއް ނުވެ އެވެ.

ލިމްޕިޔަދޫރާ އާއި ލިޕުލޭ މި ދެސަރަހައްދަކީ އިންޑިއާގެ ބިމެއްކަމަށް އިންޑިއާ ދައުވާކުރާއިރު ނޭޕާލުން ބުނަނީ އެއީ 1947 ގައި އެއް ގައުމެއްގެ ގޮތުގައި އިންޑިއާ ވުޖޫދަށް އައުމުގެ ކުރިންވެސް ނޭޕާލުގެ ބިންތަކެއް ކަމަށެވެ. ނޭޕާލުން މިކަމުގެ ހެއްކެއްގެ ގޮތުގައި ދައްކަނީ އިންޑިއަން ސަބްކޮންޓިނެންޓް ސަރަހައްދުގައި އިނގިރޭސީންގެ އިސްތިއުމާރީ ވެރިކަން އޮތް ދުވަސްވަރު ކަމަށްވާ 1816 ގައި އިނގިރޭސި ދައުލަތުން އެކުލަވާލު "ސުގައުލީ" މުއާހަދާ އެވެ.

އެއީ އިންޑިއާގެ ސަރަހައްދީ ރޮނގު އެކަށައެޅުމަށްޓަކައި އިންޑިއާގައި އެދުވަސްވަރު ވެރިކަންކުރި އިނގިރޭސި އިސްތިއުމާރީ ބާރުތަކާއި ނޭޕާލާ ދެމެދު އެކުލަވާލި މުއާހަދާއެ ވެ. އެ މުއާހަދާގައި އެދެ ސަރަހައްދުގެ ބޮޑުބައި ހިމެނެނީ ނޭޕާލުގެ ސަރަހައްދުގެ ގޮތުގައި ކަމަށް ނޭޕާލުން ބުނެ އެވެ. ނޭޕާލުގެ ކުރީގެ ޑިޕްލޮމެޓެއްކަމަށްވާ ލޮކްރާޖް ބަރާލް ވަނީ މިކަން ކަށަވަރުކޮށް ދެއްވާފަ އެވެ.

އަނެއްކޮޅުން ލިޕުލޭ ސަރަހައްދު ހުރަސްކޮށް އިންޑިއާއިން ބިނާކުރާ ހައިވޭ ނުވަތަ ލިންކު ރޯޑު ބޮޑުބައި ދަނީ ނޭޕާލުގެ އިމުގެ ތެރޭންކަމަށް ނޭޕާލުން ބުނި ނަމަވެސް އިންޑިއާ މިކަން ގަބޫލެއް ނުކުރެ އެވެ. އިންޑިއާ ދެކޭގޮތުގައި ލިޕުލޭ އަކީ ސައްތައިން ސައްތަ އިންޑިއާގެ އިމުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. އެހެންކަމުން އެއީ ވާހަކަ ދައްކަންޖެހޭ މައްސަލައެއް ނޫނެވެ.

ނޭޕާލަކީ ކަނޑު ނެތް ބަންދު ގައުމެކެވެ. ނޭޕާލުގެ ދެކުނާއި ހުޅަނގުގައި ވަނީ އިންޑިއާ އެވެ. އުތުރުން އޮންނަނީ ޗައިނާގެ ފަރުބަދަމަތީ ސަރަހައްދެއްކަމަށްވާ ޓިބެޓް ސަރަހައްދެވެ. އިރުމަތިން އޮންނަނީ ބޫޓާން އެވެ. ނޭޕާލާ އިންވެފައިވާ އިންޑިއާގެ ސްޓޭޓްތަކަކީ އުއްތުރަޚާންދު، އުއްތުރަ ޕްރަދޭޝް، ބިހާރު އަދި ސިއްކީމް އެވެ.

ސިއްކީމަކީ ކުރިން އަމިއްލަ ވެރިކަމެއް އޮތް ގައުމެއް ނަމަވެސް 1975 ވަނަ އަހަރު އެގައުމުވަނީ އިންޑިއާގެ ދަށަށް ގޮސް އިންޑިއާގެ 22 ވަނަ ސްޓޭޓަށް ބަދަލުވެފަ އެވެ. ސިއްކިމް އިންޑިއާގެ ސްޓޭޓަކަށް ހެދުމަށްޓަކައި 1975 ވަނަ އަހަރު އިންޑިއާގެ ގާނޫނު އަސާސީއަށް ވަނީ ބަދަލުވެސް ގެނަސްފަ އެވެ.

ނޭޕާލުގެ ހާރިޖީ ވަޒީރު ޕްރަދީޕް ޖިޔަވާލީ ވިދާޅުވި ގޮތުގައި ލިޕުލޭ ސަރަހައްދު ހުރަސްކޮށް އިންޑިއާއިން ބިނާކުރާ ހައިވޭ ނުވަތަ ލިންކު ރޯޑު ބޮޑުބައި ނޭޕާލުގެ ސަރަހައްދީ ރޮނގުގެ އެތެރެއިން ދާގޮތަށް އިންޑިއާއިން ރާވައި ޕްލޭންކޮށްފައިވުމަކީ ނޭޕާލުގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

ނޭޕާލުގެ އިތުރުން ބޫޓާނަކީވެސް ކަނޑު ނެތް ބިމުގެ ގޮތުން ބަންދު ދެ ގައުމަށްވެފައި އެ ދެ ގައުމުގެ އުތުރުން އޮންނަނީ ޗައިނާގެ ފަރުބަދަ މަތީ ސަރަހައްދެއްކަމަށްވާ ޓިބެޓް ކަމަށްވާތީ އެ ދެ ގައުމަކީވެސް ގެންނަންޖެހޭ މުދަލާއި އެނޫންވެސް ތަކެތި ގެނައުމުގައި އެއްގަމު މަގުން އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހިފައިވާ ދެ ގައުމެވެ.

މީގެ އިތުރުން އެދެގައުމަށް ކުރާ ވައިގެ ގިނަ ދަތުރުތައް ވެސް ކުރަންޖެހެނީ އިންޑިއާގެ ވައިގެ ސަރަހައްދު ހުރަސްކޮށް ކަމަށްވާތީ އެ ދެގައުމުވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހިފަ އެވެ. މިސަބަބަށް ޓަކައި އެ ދެގައުމަށް ޖެހިފައިވަނީ ވަރަށް ގިނަ ކަންކަމުގައި އިންޑިއާއަށް ދޫދީ އިންޑިއާގެ ފިއްތުންތަކަށް ދީލާލާށެވެ.

އިންޑިއާއާއި ނޭޕާލާ ދެމެދު ސަރަހައްދީ އިމުގައި މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ލިޕޫލޭ އާއި ކަލްޕަނީއަކީ ސްޓްރެޓީޖިކް ދެސަރަހައްދެވެ. އެހެން ކަމުން އިންޑިއާ އޮތީ މިއިން އެއްވެސް ސަރަހައްދެއްގެ މިލްކުވެރިކަމާ ބެހޭގޮތުން ނޭޕާލާ ވާހަކަދެއްކުމުގެ ވިސްނުމުގައި ނޫންކަމަށް އިންޑިއާގެ ނޫސްތައް ބުނެ އެވެ.

އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނަތު ސިންގް

ނޭޕާލުގެ ނިކަމެތިކަމަށްބަލާއިރު އިންޑިއާގެ ފިއްތުންތަކުގެ ކުރިމަތީގައި ނޭޕާލަށް ކުރެވޭނެ މާބޮޑުކަމެއްނޯންނާނެކަން އިންޑިއާ ދަނެ އެވެ. އިންޑިއާ އިން ދާދިފަހުން ވަނީ ސަރަހައްދީ ރޮނގުގެ އަރާރުން އުފެދިފައިވާ ސަރަހައްދުތަކާ ބެހޭ ގޮތުން ނޭޕާލުން ވާހަކަ ދައްކާތީ ނޭޕާލުން އެގައުމުގެ ސަރަހައްދު ފުޅާކުރަން މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް ނޭޕާލަށް އިންޒާރެއް ވެސް ދީފަ އެވެ.

ލިޕުލޭ ސަރަހައްދު ހުރަސްކޮށް އިންޑިއާއިން ހައިވޭ ނުވަތަ ލިންކު ރޯޑު ބިނާކުރަން ފަށާފައިވަނީ މިދިޔަ މޭމަހުގެ ތެރޭގަ އެވެ. މިއީ 80 ކިލޯމީޓަރުގެ ދިގު މަގެކެވެ. މިމަގު ނޭޕާލުގެ އިމުގެ ތެރެއިން ގެންދިޔަ ނަމަވެސް އިންޑިއާގެ ކުރިމަތީގައި ނޭޕާލަށް ކުރެވޭނެ މާބޮޑުކަމެއްނޯންނާނެކަމާއި ބާރުގެ ބޭނުންކޮށް އެމަސައްކަތް ހުއްޓުވަން ނޭޕާލަށް ނުކެރޭނެކަން އިންޑިއާ އަށް ކަށަވަރުވާތީ އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނަތު ސިންގް ވަނީ އިންޑިއާއިން ޕްލޭންކޮށްފައިވާ ގޮތަށް އެ މަގުގެ މަސައްކަތް ނިންމާނެކަމަށް ވިދާޅުވެ ނޭޕާލަށް ނުސީދާގޮތެއްގައި އިންޒާރެއް ދެއްވާފަ އެވެ.

މި މަގުގެ މަސައްކަތް އިންޑިއާ ފެށުމުން ނޭޕާލުން އެދުވަސްވަރުވަނީ އެކަމާ ދެކޮޅު ހަދައި ކަތުމަންޑޫގައި ހުންނަ އިންޑިއާގެ ސަފީރު ވިނޭ މޯހަން ކުވަޓްރާ، ނޭޕާލުގެ ހާރިޖީ ވުޒާރާއަށް ހާޒިރުކޮށް އިހުތިޖާޖުގެ ލިޔުމެއް އޭނާއާ ހަވާލުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު