އިންޑިއާގައި ވިހަ ރަލެއް ބޮވިގެން 86 މީހަކު މަރުވެއްޖެ

އިންޑިއާގެ ޕަންޖާބުގައި ވިހަ ރަލެއް ބޮވިގެން 86 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އީޕީއޭ

ޗަންދިގަރު (އޮގަސްޓު 2): އިންޑިއާގައި ވިހަ ރަލެއް ބޮވިގެން މިދިޔަ ބުދަ ދުވަހާއި އިއްޔެއާ ދޭތެރޭ 86 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ހިންދުސްތާން ޓައިމްސްގައިވާ ގޮތުން ޕަންޖާބުގައި ހިނގި އެ ހާދިސާގައި އެ ސްޓޭޓުގެ ތިން ސިޓީއަކުން މީހުން ވަނީ މަރުވެފަ އެވެ. އެއީ ތަރަން ތާރަންއިން 63 މީހަކާއި އަމްރިތުސަރުން 12 މީހަކާއި ގުރުދަސްޕޫރުން 11 މީހެކެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެ މީހުން މަރުވެފައި ވަނީ ގަވައިދާ ހިލާފަށް ކައްކާފައިވާ ރަލެއް ބޮވުމުން ވިހަވެގެންނެވެ. އަދި އެ ރަލަކީ ގިނަ އަދަދަކަށް އުފެއްދުމަށް ފަހު ކެފޭތަކުގެ ވެރިންނަށް ދީގެން މީހުންނަށް ވިއްކާފައިވާ ރާ ކަމަށް ބެލެވެ އެވެ.

ޕަންޖާބުގެ ޗީފް މިނިސްޓަރު އަމަރިންދަރު ސިންހު ވަނީ އިއްޔެ އެ ހާދިސާ ތަހުގީގު ކުރުމަށް އިއްޔެ އަމުރު ކުރައްވާފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ހަ ފުލުހަކު ސަސްޕެންޑުކޮށް، 25 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިންޑިއާގައި ގަވާއިދާ ހިލާފަށް ކައްކާފައިވާ ބަނގުރާ ބޮވިގެން ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ މީހުން މަރުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް