ޕޮޒިޓިވް ކޭސްތައް ގިނަވެ އެޑްމިޓްކުރަންޖެހޭ މީހުން ގިނަވާތީ އެމްއެމްއޭގެ ކަންބޮޑުވުން

އާރްއާރްޓީ އިން ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑަށް ޕޮޒިޓިްވާ މީހުން ގިނަވެ، އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު ގިނަވާތީ ސިއްހީ ހިދުމަތްތެރިންގެ ޖަމްއިއްޔާ މޯލްޑިވްސް މެޑިއަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ ބަލި ފެތުރޭ މިންވަރު އިތުރުވެ، ކޮންޓްރޯލު ނުކުރެވިއްޖެނަމަ ސިއްހީ ހިދުމަތްދޭ ތަންތަންފުރި، ސިއްހީ ހިދުމަތްދޭނެ ހިދުމަތްތެރިން މަދުވުމަކީ ވެދާނެ ކަމެއް ކަމަށެވެ.

އެމްއެމްއޭ އިން ވަނީ ބަލިފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލައިފަ އެވެ.

"އިޖްތިމާއީ ގައި ދުރުކަން ބެހެއްޓުން ހަރުކަށިކޮށް، މިކަންކަން ގާތުން ބައްލަވާ، މިކަންކަމަށް ބޯނުލަނބާ ފަރާތްތައް ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް ގޮވާލަމެވެ. އަދި އެކި މުއައްސަސާ ތަކުންނާއި އާންމު ފަރުދުން ބާއްވަމުންދާ އެއްވުންތައް މަނާކުރުމަށްވެސް ގޮވާލަމެވެ." އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 152 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 59 މީހަކަށް ފަރުވާދެމުންދާއިރު 1،120 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މި ބަލީގައި ރާއްޖެއިން 16 މީހަކު މަރުވެފައިވެއެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމާއެކު މާސްކުއެޅުން މަޖުބޫރުކޮށް، މާދަމާ އިން ފެށިގެން މާސްކު ނާޅާ ބޭރުގައި އުޅޭނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް