އީރާނުގެ ސެޓަލައިޓުން ނެގި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ފޮޓޯތަކާއެކު އީރާނުން ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ފަށައިފި

ތަމްރީންތަކުގައި ބައިވެރިވާ އީރާނުގެ ބައެއް މަނަވަރުތައް

ދައުޙާ (ޖުލައި 30) : ގަލްފުގެ ހުރްމުޒު ކަނޑުއޮޅީގައި "އައްރަސޫލުލް އަޢުޟަމް"ގެ ނަމުގައި އީރާނުން ފެށި އަސްކަރީ ތަމްރީންތަކާ ގުޅިގެން ގަލްފުގައިވާ އެމެރިކާގެ އަސްކަރީ ދެބޭސް އެއް ތައްޔާރީ ހާލަތަށް ގެނަސްފި އެވެ.

ގަލްފުގައިވާ އެމެރިކާ އަސްކަރީ ބާރުތަކުގެ މޭޖާ ޖެނެރަލް ކޮމާންޑާ ރެބެކާ ރެބާރިޗް ވިދާޅުވީ ހުރްމުޒު ކަނޑުއޮޅީގައި އީރާނުން އިއްޔެ ފެށި އަސްކަރީ ތަމްރީންތަކާ ގުޅިގެން ގަތަރުގައިވާ އެމެރިކާގެ އަސްކަރީ ބޭހާއި ޔުނައިޓެޑް އަރަބް އިމަރޭޓްސްގައިވާ އެމެރިކާގެ އަސްކަރީ ބޭސް ތައްޔާރީ ހާލަތަށް ގެނަސްފައިވާ ކަމުގައެވެ.

އީރާނުން ކުރިޔަށް ގެންދަނީ ވަރަށް ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ކަމަށާ އެތަމްރީންތަކުގައި އީރާނުގެ ކަނޑުގެ ސަރަހައްދުގެ އިތުރުން ގަލްފުގައިވާ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުވެސް އީރާނުން ބޭނުންކުރަމުން ދާއިރު އީރާނުގެ ތަމްރީންތައް ހުރީ އެމެރިކާ ރުޅިއަރުވާފަދަ ގޮތަކަށް ކަމަށް ވިދާޅުވެ ޖެނެރަލް ރެބެކާ ވަނީ އީރާން ކުށްވެރިކުރައްވާފައެވެ.

ތަމްރީންތަކުގައި ބައިވެރިވާ އީރާނުގެ ސިފައިން

މި ތަމްރީނުގައި އީރާނުންވަނީ އެގައުމުން ދާދިފަހުން ޖައްވަށް ފޮނުވި އަސްކަރީ ޖާސޫސީ ސެޓަލައިޓް ކަމަށްވާ "ނޫރު" އިން ނާގާފައިވާ އެމެރިކާގެ އަސްކަރީ ބައެއް މަރުކަޒުތަކުގެ ފޮޓޯތައް ދައްކާލާފައެވެ. އީރާނުގެ އަސްކަރީ ސެޓަލައިޓުން ނަގާފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ފޮޓޯތަކުގައި ހިމެނެނީ ގަތަރާއި ޔޫއޭއީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ފޮޓޯތައްކަމަށްވެއެވެ.

އީރާނަށް އެމެރިކާ އުދުވާނީ ޙަމަލާއެއް ދީފި ހާލަތެއްގައި އެމެރިކާގެ އެދެ މަރުކަޒަށް ރައްދު ޙަމަލާތައް ދޭނެގޮތުގެ ތަމްރީންތައްވެސް މިތަމްރީންތަކުގައި އީރާނުން ހަދަމުންގެންދާކަމަށާ އެމެރިކާ ރުޅިއައީ އެކަމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ތިން މަހަށްވެފައި ވަނިކޮށް އީރާނުން ބާއްވާ މިތަމްރީން ތަކުގެ ބޭނުމަކީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ކުއްލި އުދުވާނީ ހަމަލާއެއް ދިނުންފަދަ ހިކިހިއްވަރުގެ އަމަލެއް ހިންގަވައިފިނަމަ އޭގެ އަގު ވަރަށް ވޭންދެނިވި ގޮތެއްގައި ދައްކަންޖެހޭނެކަމުގެ މެސެޖް އެމެރިކާއަށާއި އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ސައޫދީ އާއި ގަތަރާއި ޔޫއޭއީ ފަދަ ގަލްފުގެ އަރަބި ގައުމުތަކަށް ދިނުންކަމަށް އީރާނުގެ މީޑިއާ ބުނެއެވެ.

އީރާނުން ތަމްރީންތަކުގައި ފައްތާލަން ބޭނުންކުރި ޑަމީ މަނަވަރު

އީރާނުންވަނީ އެމެރިކާއިން އެގައުމުގެ ކޮމާންޑަރެއް ކަމަށްވާ ގާސިމް ސުލައިމާނީ މިދިޔަ ޑިސެމްބަރު މަހު އަވަހާރަކޮށްލުމާ ގުޅިގެން އެކަމަށް ބަދަލުހިފުމުގެ ގޮތުން އިޜާގުގައިވާ އެމެރިކާގެ އަސްކަރީ ދެ ބޭހަކަށް ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން ޙަމަލާތަކެއް ދީ އެމެރިކާ ސިފައިންގެ އެތަށް ބަޔަކު ޒަޚަމް ކޮށްލާފައެވެ. އެމެރިކާ އިތުރު ހަމަލާއެއް ދީފިނަމަ އެމެރިކާގެ އަސްކަރީ ބޭސްތަައް ހުންނަ ގައުމެއްކަމަށްވާ ޔޫއޭއީގެ ދުބާއި އަށް މިސައިލް ޙަމަލާތައްދީ ދުބާއި ގެ ވިޔަފާރި އެއްކޮށް ހުއްޓުމަކަށް ގެންނާނެކަމުގެ އިންޒާރުވެސް އީރާނުން އެދުވަސްވަރު ދީފައިވެއެވެ. ނަމަވެސް އީރާނަށް އިތުރު ރައްދެއް ދޭން އެމެރިކާއަށް ކެރިފައެއް ނުވެއެވެ.

"އައްރަސޫލުލް އަޢުޟަމް" ގެ ނަމުގައި ގަލްފުގެ ހުރްމުޒު ކަނޑުއޮޅީގައި އީރާނުން ފެށި އަސްކަރީ ތަމްރީންތަކުގައި އީރާނުގެ އެއްގަމާ، ކަނޑާ، ވައިގެ ބަރުތައް ބަރުހަތިޔާރާއެކު ބައިވެރިވެއެވެ. އީރާނުން ތަޖްރިބާކުރި ކްރޫޒް މިސައިލްތަކުންވަނީ އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރެއްގެ ގޮތަށް ހަދާފައިވާ ޑަމީ މަނަވަރަކަށް ހަމަލާދިނުމުގެ ތަމްރީންތަކެއްގައި އެ ޑަމީ މަނަވަރަށް ހަމަލާތަކެއް ދީފައެވެ.

އީރާނުން މިދިޔަ މޭމަހު ޖައްވަށް ފޮނުވި އަސްކަރީ ޖާސޫސީ ސެޓަލައިޓް ކަމަށްވާ "ނޫރު" އިން ގަލްފާއި ގަލްފުގެ ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ފޮޓޯތައް ޖައްވުން ނަގާފައިވާލެއް ފުރިހަމަކަމުން އެމެރިކާ ކަންބޮޑުވެފައިވާކަމަށާ އެއީ އީރާނުން ހޯދި ފަޒާގެ އިތުރު ޓެކްނޮލޮޖީއެއްކަމަށް އަލްޖަޒީރާ ބުނެއެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް