ޗައިނާއިން ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވް ވެއްޖެ

ވޫހާންގައި މީހަކު ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ -- ފޮޓޯ: އޭއެފްޕީ

އޭޕްރީލް މަހަށްފަހު ޗައިނާއިން ގިނަ އަދަދެއްގެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޗައިނާއިން ކޮވިޑް19ގެ 101 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން 89 ކޭހަކީ އެގައުމުގެ ހުޅަނގުގައި އޮންނަ ޝިންޖިއަން ޕްރޮވިންސްއިން ރިޕޯޓުކޮށްފައިވާ ކޭސްތަކެވެ.

ޗައިނާ އިން ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ގިނައީ އެ ގައުމުގެ އެތެރެއިން ބަލި ޖެހުނު މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާއަކީ ކޮވިޑް19 ވަރަށް ބޮޑަށް ފެތުރިފައިވަނިކޮށް ކޮންޓްރޯލު ކުރި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގައުމުގެ އެތެރޭގައި ބަލި ފެތުރުން ކޮންޓްރޯލުކުރީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންނެވެ.

ބަލި ފެތުރުން ކޮންޓްރޯލު ކޮށްފައިވާ ވިއެޓްނާމުންވެސް ބަލީގެ ކޭސް ފެނި، އަލުން ބަލި ފެތުރިދަނެކަމުގެ ބިރު މިހާރުވަނީ ބޮޑުވެފައެވެ.

ޗައިނާ އިން މިހާތަނަށް 84،060 މީހުންނަށް މި ބަލި ޖެހިފައިވާއިރު 4،634 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން އުފަންވި ކޮވިޑް19 ވައިރަސް ދުނިޔޭގެ ހަ ބިތަށް ފެރުތިފައިވާއިރު މިހާތަނަށް 16.8 މިލިއަން މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 10.4 މިލިއަން މީހުންނަށް ބަލި ޖެހި، ރަނގަޅުވެފައިވާ އިރު، 663.476 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

comment ކޮމެންޓް