ހަރުކަށި ފިކުރުގެ ޖަމާއަތެއްގައި ގޮތުގައި އިއުލާންކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގިވެރި ނެޓްވޯކެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
އެހެން ބުނެފައި ވަނީ ދުނިޔޭގެ ޓެރަރިސްޓް ޖަމާއަތްތަކާއި ޓެރަރިސްޓުން ލިސްޓުކުރާ ސެކިއުރިޓީ ކައުންސިލްގެ ކޮމެޓީން އެ ކައުންސިލްގެ ރައީސަށް އެރުވި ރިޕޯޓުގައެވެ.
އެ ރިޕޯޓުގައި ރާއްޖޭގައި އައިއެސް އިން ހަރަކާތްތެރިވަމުން އަންނަ ގޮތް ވަނީ ބަޔާންކޮށްފައެވެ. ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގައި އައިއެސް އިން ހަރަކާތްތެރިވަމީ އެ ޖަމާއަތަށް ވާގިވެރިވާ ބަޔަކު މެދުވެރިކޮށް ކަމަށެވެ.
"މޮނީޓަރިން ޓީމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއެސް އިން ރާއްޖޭގައި ހަރަކާތްތެރިވަނީ އެ ޖަމާއަތަށް ވާގިވެރިވާ ބަޔަކާއެކު އެވެ." ރިޕޯޓުގައި ބުނެފައިވެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ރޭ އދ. މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި އަލިފާން ރޯކޮށްލި މައްސަލަ އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އަލިފާނުގެ ހާދިސާގައި ރޯވެ އަނދައިގެން ދިޔައީ، ސީ އެމްބިއުލާންސްއަކާއި ފުލުސް ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗަކާއި އަދި ތެޔޮ ކުންފުންޏެއް ކަމަށްވާ އެޗްއެމްއެޗްގެ ދެ ލޯންޗެކެވެ. އަދި އާންމު ފަރާތެއްގެ ދެ ޑިންގީއެއް ވެސް އަނދައިގެން ގޮސްފައިވެ އެވެ.
އިނގިރޭސިވިލާތުގެ އިންވެސްޓިގޭޓިވް ޖަމްއިއްޔާއަކުން ހާމަކޮށްފައިވާ ގޮތުގައި މަހިބަދޫ ލޯންޗްތަކުގައި އަލިފާން ރޯކޮށްލި ހާދިސާގެ ޒިންމާ އައިއެސްއިން ވަނީ ނަގައިފަ އެވެ.
ސެކިއުރިޓީ ކައުންސިލްގެ ރިޕޯޓުގައި ބުނެފައި ވަނީ އެއީ ރާއްޖޭގައި ހައްދުފަހަނައެޅުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި ދެކުނު އޭޝިއާގައި ހިންގަމުން އަންނަ އައިއެސްގެ މީޑިއާ ނެޓްވޯކްތަކުގައި އެ ހަބަރު ވަރަށް ފުޅާކޮށް ގެނެސްދީފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އދ ސެކިއުރިޓީ ކައުންސިލުން ބުނެފައި ވަނީ ރާއްޖޭގައި ހައްދުފަހަނައެޅުމާއި އައިއެސްއަށް މީހުން ރެކްރޫޓުކުރުން އިތުރުވަމުން އަންނަކަމުގެ ކަންބޮޑުވުން މެމްބަރު ގައުމުތަކުން ފާޅުކޮށްފައިވާ ކަމަށެވެ.
މަހިބަދޫ ލޯންޗުތަކުގައި ރޯކޮށްލުމާ ގުޅިގެން ދިވެހި ފުލުހުން ބުނެފައި ވަނީ އެހަމަލާއަކީ ސީދާ އައިއެސްއިން ހިންގި ހަމަލާއެއްކަން ނިންމާނެ ވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ. ނަމަވެސްމ ލ. އަތޮޅުގެ ހުރި ލޯންޗްތަކެއްގައި ރޯކޮށްލުމާ މިފަހުން ރާއްޖޭގައި ހިނގި ބައެއް އަލިފާނުގެ ހާދިސާތަކާ އެއްގޮތް ކަންތައްތަކެއް މަހިބަދޫ ހާދިސާއިން ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.