ރިޓަޔާ ކުރާކަށް ނޫޅެން، މިއީ އަދި ވޯމްއަޕެއް: އިބްރަހިމޯވިޗް

އޭސީ މިލާނުގެ ސްޓްރައިކަރު ޒްލަޓަން އިބްރަހިމޯވިޗް --- ފޮޓޯ: ލައިވްސްކޯ

އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ޒްލަޓަން އިބްރަހިމޯވިޗް މި ސީޒަނަށް ފަހު ކުޅުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށާއި، މިހާރު މިއީ އަދި "ވޯމް އަޕެއް" ކަމަށް އޭނާ ބުނެފި އެވެ.

ޔޫރޮޕުގެ ގިނަ ކުލަބުތަކަކަށް ކުރިން ކުޅުނު އިބްރަހިމޯވިޗް އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރެވެ. ސްވިޑަންގެ މަލްމޯ އިން 1999 ގައި ކެރިއަރު ފެށި އޭނާ ވަނީ ނެދަލެންޑްސްގެ އަޔެކްސްއާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. ނަމަވެސް އޭނާއަށް މިހާތަނަށް އެއްވެސް ޓީމަކާ އެކު ޗެމްޕިއަންސް ލީގުގެ ތަށްޓެއް އުފުލާލެވިފައެއް ނުވެ އެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ކާމިޔާބު ދެ ސީޒަން ހޭދަކުރުމަށް ފަހު އިބްރަހިމޯވިޗް މިލާނަށް ފްރީ އެޖެންޓެއްގެ ގޮތުގައި އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މީގެ އަހަރުތަކެއް ވެސް މިލާނަަށް ކުޅެދިން އިބްރަހިމޯވިޗް ވަނީ މިފަހަރު އެކުލަބަށް އައިސް ކުޅުނު މެޗުތަކުގައި ގިނަ ގޯލުތަކެއް ޖަހައިފަ އެވެ.

އިބްރަހިމޮވިޗް، 38؛ މިލާނަށް ކުރިން ކުޅުނީ 2010 އިން 2012 އަށެވެ. އޭނާ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް 85 މެޗުން 56 ގޯލް ޖަހައިދީފަ އެވެ.

މިއަހަރު 39 އަހަރު ފުރޭ އިބްރަހިމޯވިޗް މިހާރު ކުރިއަށްދާ ސީޒަން ނިމުމާ އެކު ރިޓަޔާ ކުރަން ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ މީސްމީޑިއާގައި ފެތުރިފަ އެވެ. އެކަމަކު މިފަދަ "ޔޯލަ" ވާހަކަތައް ގަބޫލު ނުކުރަމަށާއި، ރިޓަޔާ ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އިބްރަހިމޯވިޗް ވަނީ ބުނެފަ އެވެ.

"ތި ހީކުރީ އަހަރެންގެ ފުޓުބޯޅަ ހަޔާތް އެހާ އަވަހަށް ނިމޭނެ ކަމަށްތަ؟ އަހަރެންނަކީ ކާކު ކަން އަދި ނޭންގިގެން ތިއުޅެނީ. އަހަރެން މުޅި ހަޔާތް އެއްކޮށް މިކުރީ ހަނގުރާމައެއް. އެކަކުވެސް އަހަރެންނާ ދޭތެރޭ އުންމީދެއް ނުކުރި. އެހެންވެ އަހަރެން ކުރިއަރާ ދާނެ ކަން ގަބޫލު ކުރަން ޖެހުނީ ޙުދު އަހަރެން އެކަނި،" ޒްލަޓްނަ އިބްރަހިމޯވިޗް އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައި އޭނާ ބުންޏެވެ.

އޭނާ ބުނީ ރިޓަޔާ ކުރުމާ ބެހޭ ގޮތުން ދައްކާ ވާހަތައް އެދައްކަނީ އޭނާ އަކީ ކާކުކަން ނޭންގޭ ބައެއް ކަމަށެވެ. އަދި މިހާރު މިއީ އަދި ވޯމްއަޕެއް ކަމަށާއި، ކޮންމެ މީހަކަށް އިބްރަހިމޯވިޗް ފަދަ މީހަކަށް ނުވެވޭނެ ކަމަށެވެ.

comment ކޮމެންޓް