ފުލުހުންގެ 615 މައްސަލައެއް، 145 ފުލުހަކު ވަޒީފާއިން ވަކިކުރި

ޖުލައި 5، 2020: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ 615 މައްސަލައެއް ބަލައި، އެކި މައްސަލަތަކާ ގުޅިގެން 145 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް، ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންނާ ގުޅޭގޮތުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ހުށަހެޅި ބަލާފައިވާ މައްސަލަތަކުގެ ތަފާސްހިސާބު މިއަދު ވަނީ އާންމުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ މައްސަލަތައް ބަލާފައި ވަނީ 2017 ވަނަ އަހަރުއެވެ. އެ އަހަރު ފުލުހުންނާ ގުޅޭ އެކި ބާވަތުގެ 141 މައްސަލައެއް ބަލާފައި ވާއިރު، 2016 ވަނަ އަހަރު 122 މައްސަލަ، 2018 ވަނަ އަހަރު 127 މައްސަލަ، 2019 ވަނަ އަހަރު 128 މައްސަލަ އަދި މި އަހަރުގެ މިހާތަނަށް 97 މައްސަލައެއް ވަނީ ބަލާފައެވެ.

ފަސް އަހަރު ތެރޭގައި ބަލާފައިވާ މައްސަލަތަކުގެ ތަފްސީލް:

  • ވައްކަން: 8
  • ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުން: 15
  • ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން: 12
  • މާރާމާރީ: 45
  • ގަވާއިދާ ހިލާފުވުން: 45
  • ވަޒީފާއިން ފިލުން: 3
  • ސިއްރު ހިފެހެއްޓުމާ ހިލާފުވުން: 20
  • ކޯޑް އޮފް ކޮންޑަކްޓް، ކޯޑް އޮފް އެތިކްސް އާ ހިލާފުވުން: 44
  • ވަޒީފާއަށް ހާޒިރުނުވުން: 95
  • ފުލުހެއްގެ އަހުލާގީ މިންގަނޑުތަކާ ހިލާފުވުން: 82
  • ހަޑިހުތުރު ބަހުން މުއާމަލާތްކުރުން: 9
  • ސިޔާސީ ހަރަކާތެއްގައިި އަމަލީގޮތުން ބައިވެރިވުން: 13
  • ރަސްމީ ލިޔެކިޔުމަށް ބަދަލުގެނައުން: 7
  • ހަގީގަތާ ހިލާފު ވާހަކަދެއްކުން: 10
  • އޮފީހަށް ހާޒިރުވުމުގައި ފަރުވާކުޑަ ކުރުން: 8
  • ބަދުއަހުލާގީ މައްސަލަތައް: 44
  • ފުލުހުންގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރުން: 9
  • އާންމު މުވައްޒަފުންގެ ކޮންޑަކްޓާ ހިލާފުވުން: 2
  • މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން: 38
  • އިހުމާލުވުން: 81
  • މަސްތުވާތަކެތި: 19
  • ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތުން ބަރީއަވުން: 4
  • ހުއްދަ / ޗުއްޓީ ނުނަގާ ގައުމުން ބޭރަށް ދިއުން: 2
  • ފޭރުން: 3

ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުގެ މަސައްކަތްތަކުގެ ތަފާސްހިސާބުގެ އިތުރުން އަހުލާގީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރާ އުސޫލުތަކާއި އެ މައްސަލަތައް ބެލުމުގެ މަރުހަލާތައް އަދި ފިޔަވަޅު އެޅުމާބެހޭ މައުލޫމާތު ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ.

ތަހުގީގު މަރުހަލާ ނިމި މައްސަލައާމެދު ގޮތް ނިންމުމަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، މައްސަލަ ތަހުގީގުކުރި ފަރާތުގެ ހުށަހެޅުންތަކާއި، ދައުވާ ލިބޭ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތުގައި ދައްކާ ވާހަކަތަކަށް ރއިއާޔަތްކޮށް މައްސަލައާ
މެދު ގޮތެއް ނިންމާނެއެވެ.

ޑިސިޕްލިނަރީ ބޯޑުން މައްސަލައާ ގުޅިގެން މުވައްޒަފަކަށް ދެވޭ އަދަބުތަކުގެ ތެރޭގައި، ކައުންސިލިންގ ދިނުމާއި، ހާއްސަ ތަމްރީން ފުރިހަމަކުރުވުމާއި، ގާބިލުކަން އިރުރުކުރުވާ ފަދަ ހާއްސަ ކައުންސެލިންގ ދިނުމާއި ކައިރިން ސްޕަވައިޒްކުރެވޭ ގޮތަށް ވަޒީފާ އަދާކުރުވުމާއި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާއި ރޭންކް ދަށްކުރުމާއި ވަޒީފާއިން ވަކިކުރުން ހިމެނެއެވެ.

ފަސް އަހަރުގެ ތެރޭގައި 28 ފުލުހެއްގެ ރޭންކް ދަށްކޮށްފައިވާއިރު، 145 ފުލުހަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ފުލުހުން ވަޒީފާއިން ވަކިކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ. އެ އަހަރު 46 ފުލުހަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރު 36 ފުލުހަކު، 2018 ވަނަ އަހަރު 31 ފުލުހަކު، 2019 ވަނަ އަހަރު 21 ފުލުހަކު އަދި މި އަހަރުުގެ މިހާތަނަށް 12 ފުލުހަކު ވަނީ އެކި މައްސަލަތަކުގައި ވަޒީފާއިން ވަކިކޮށްފައެވެ.

އެންމެ ގިނަ އަދަދެއްގެ ފުލުހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއަށް ހާޒިރުނުވުމުގެ މައްސަލަތަކާ ގުޅިގެންނެވެ. އެގޮތުން ވަޒީފާއަށް ހާޒިރުނުވެގެން 70 ފުލުހަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ވަޒީފާއިން ވަކިކުރި މައްސަލަތަކުގެ ތަފްސީލް:

  • ވައްކަން: 4
  • ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުން: 1
  • ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން: 0
  • މާރާމާރީ: 1
  • ގަވާއިދާ ހިލާފުވުން: 4
  • ވަޒީފާއިން ފިލުން: 1
  • ސިއްރު ހިފެހެއްޓުމާ ހިލާފުވުން: 8
  • ކޯޑް އޮފް ކޮންޑަކްޓް، ކޯޑް އޮފް އެތިކްސް އާ ހިލާފުވުން: 8
  • ވަޒީފާއަށް ހާޒިރުނުވުން: 70
  • ފުލުހެއްގެ އަހުލާގީ މިންގަނޑުތަކާ ހިލާފުވުން: 7
  • ހަޑިހުތުރު ބަހުން މުއާމަލާތްކުރުން: 0
  • ސިޔާސީ ހަރަކާތެއްގައިި އަމަލީގޮތުން ބައިވެރިވުން: 3
  • ރަސްމީ ލިޔެކިޔުމަށް ބަދަލުގެނައުން: 1
  • ހަގީގަތާ ހިލާފު ވާހަކަދެއްކުން: 0
  • އޮފީހަށް ހާޒިރުވުމުގައި ފަރުވާކުޑަ ކުރުން: 2
  • ބަދުއަހުލާގީ މައްސަލަތައް: 9
  • ފުލުހުންގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރުން: 1
  • އާންމު މުވައްޒަފުންގެ ކޮންޑަކްޓާ ހިލާފުވުން: 2
  • މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން: 9
  • އިހުމާލުވުން: 1
  • މަސްތުވާތަކެތި: 11
  • ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތުން ބަރީއަވުން: 0
  • ހުއްދަ / ޗުއްޓީ ނުނަގާ ގައުމުން ބޭރަށް ދިއުން: 0
  • ފޭރުން: 2

މީގެ އިތުރުން ފަސް އަހަރުގެ ތެރޭގައި 135 ފުލުހަކަށް ވަނީ ނަސޭހަތާއި އިންޒާރު ދީފައެވެ.

comment ކޮމެންޓް