އޮޕަރޭޝަނަށް ފަހު ކުވޭތުގެ އަމީރު އިތުރު ފަރުވާއަށް އެމެރިކާއަށް ވަޑައިގެންފި

ކުވޭތުގެ އަމީރު ޝައިހް ސަބާހުލް އަހްމަދުއްސަބާހް -- ފޮޓޯ: އޭޕީ

ކުވޭތު ސިޓީ (ޖުލައި 24): ކުވޭތުގެ އަމީރު ޝޭހް ސަބާހުލް އަހްމަދުއްސަބާހް އެގައުމުގައި ކުރެއްވި އޮޕަރޭޝަނަކަށް ފަހު އިތުރު ފަރުވާއަށް އެމެރިކާއަށް ވަޑައިގެންފި ކަމަށް ކުވޭތުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

އުމުރުން 91 އަހަރުގެ ޝޭހް ސަބާހު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސިއްހީ ފަރުވާ ހޯއްދަވަން ފައްޓަވާ، އާދިއްތަ ދުވަހު އޮޕަރޭޝަނެއް ކުރެއްވި ސަބަބެއް ކުވޭތުން އަދި ހާމައެއް ނުކުރެ އެވެ. އެގައުމުގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނަކާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، ޝޭހް ސަބާހުގެ އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް އޭނާ އިތުރު ފަރުވާއަށް އެމެރިކާއަށް ވަޑައިގެންނެވީ މެޑިކަލް ޓީމުން އެގޮތަށް ލަފާ އެރުވުމުންނެވެ.

ޝޭހް ސަބާހު އެމެރިކާއިން ފަރުވާ ހޯއްދަވާނީ ކޮން ތަނަކުން ކަމެއް ގަނޑުވަރުން ހާމަ ނުކުރެ އެވެ.

ދެހާސް ހަ ވަނަ އަހަރު ކުވޭތުގެ އަމީރުގެ މަގާމަށް ވަޑައިގެންނެވި ޝޭހް ސަބާހު ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވާ އިރު އޭނާގެ ބައެއް ބާރުތައް ވަލީއަހުދު ނަވާފުލްއަހުމަދާ ހަވާލުކޮށްފައިވާ އެގައުމުގެ ގެޒެޓުގައި މިދިޔަ އާދިއްތަ ދުވަހު ޝާއިއު ކުރި އަމުރެއްގައިވެ އެވެ.

ސޯޅަ ޖޫން 1929 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޝޭހް ސަބާހަކީ ކުވޭތުގެ ދައުލަތުގެ 15 ވަނަ އަމީރެވެ. އޭނާ އަމީރުކަމާ ހަވާލުވެވަޑައިގެންނެވީ 29 ޖެނުއަރީ 2006ގަ އެވެ. އެއީ ކުރީގެ އަމީރު ޝޭހް ޖާބިރުލްއަހްމަދުއްސަބާހް އަވަހާރަ ވުމާ ގުޅިގެންނެވެ. އޭގެކުރިން ޝޭހް ސަބާހް ވަނީ 40އަަށް ވުރެ ގިނަ އަހަރު ވަންދެން ފޮރިން މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި އޭނާ ވެރިކަމަށް އިސްވެ ވަޑައިގަތުމުން އިރާގާއި ސީރިއާއަށް އެހީ ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތަކަށާއި އަރަބި ގައުމުތަކުން ގަތަރު ބޯއިކޮޓް ކުރި މައްސަލަ ހައްލު ކުރުމަށް ކުރައްވާ މަސައްކަތަށް ގިނަ ބަޔެއްގެ ތައުރީފު ވަނީ ލިބިފަ އެވެ.

comment ކޮމެންޓް