ޔަމަން މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި

ޔާސިރު ޔަހުޔާ ސޯލިހު --

ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށް، ހާލު ދެރަވެގެން އެޑްމިޓްކުރި، ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސޯލިހް އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

ޓެރަރިޒަމްގެ ތުހުމަތުތަކެއްގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ޔާސިރުގެ ހާލު ދެރަވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުުވާދޭން ފެށީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ޔާސިރަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.

ކަރެކްޝަންސް އިން މިއަދު ބުނީ އަދިވެސް އައިސީޔޫގައި ފަރުވާދެމުން އައި ނަމަވެސް އޭނާގެ ހާލު މިހާރު ކުޑަކޮށް ރަނގަޅު ކަމަށެވެ.

އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި ކުރިން އުޅުނު ޔާސިރަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހެއްވެސް މެއެވެ. އެ ކައިވެންޏަށް ކުއްޖަކުވެސް ލިބިފައިވެ އެވެ.

ޔާސިރު ހައްޔަރުކުރީ 2017 ވަނަ އަހަރު އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވިދާޅުވީ ޔާސިރުގެ މައްސަލައިގައި ސީރިއަސް ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެކަން ފަހުން ހާމަކުރައްވާނެ ކަަމަށް އިމްރާން ވިދާޅުވި އެވެ. ނަަމަވެސް މިހާތަނަށްވެސް އެއްވެސް މައުލޫމާތެއް އެކަމާ ގުޅޭ ގޮތުން ހާމައެެއް ނުކުރެ އެވެ.

ހައްޔަރުކޮށްގެން އުޅޭތީ ޔާސިރު މީގެ ކުރިން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލުވެސް އެތައް ފަހަރަކު ކޮށްފަ އެވެ. އެކަމާ ގުޅިގެން ހާލު ބޮޑުވެގެން ޔާސިރު މީގެ ކުރިންވެސް ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.

ޔާސިރު ހައްޔަރުކޮށްފައި ބަހައްޓާފައިވާ އިރު އޭނާގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އޭނާގެ މައްޗަށް އެއްވެސް ކޯޓަކުން ހުކުމެއް ވެސް ކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރު ކުރި ސަބަބާއި އޭނާ ހައްޔަރު ކުރީ އޭނާއާ ދެކޮޅަށް ކޮން ހެކިތަކެއް ހުރެގެން ކަމެއްވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ޔާސިރުގެ އަންހެނުން ވަނީ އޭނާގެ ހާލަތު ބަޔާންކޮށް ހިއުމަން ރައިޓްސް ކޮމިޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ސިޓީ ފޮނުވައިފަ އެވެ.

comment ކޮމެންޓް