މެންދުރު އޮންލައިންގެ ތުހުމަތުތައް އާޒިމާ ދޮގުކުރައްވައިފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެޔާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނެ، އަންހެން މީހާއާ ހަވާލާދީ ރާއްޖޭގެ ވެބްސައިޓެއް ކަމަށްވާ "މެންދުރު އޮންލައިން" އިން ދެއްކި ވާހަކަތައް ބަދަލުކޮށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ ބޮލުގައި އިލްޒާމްތައް އެޅުވުމުން އޭނާ އެކަން ދޮގު ކުރައްވައިފި އެވެ.

ސަފާރީގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހެޅީ 26 ޖޫން ވީ ދުވަހުގެ ފަތިހު 5:00 ހާއިރު އެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ އެވަގުތު 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް ފަހުން އެ ދެމީހުން ވަނީ ދޫކޮށްލައިފަ އެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުން މާ ބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވަނީސް، މެންދުރު އޮންލައިން އިން ވަނީ ގޯނާ ލިބުނު އަންހެން މީހާ ކިޔައިދިން ގޮތަށް ކަމަށް ބުނެ ވަރަށް ތަފްސީލް ރިޕޯޓެއް ޝާއިއުކޮށްފަ އެވެ.

އެ ރިޕޯޓުގައިި ބުނެފައި ވަނީ އަންހެން މީހާ ރޭޕްކޮށްފައިވާ ކަމަށާއި، އެކަމުގައި ބައިވެރިވީ ސިޔާސީ ބޮޑުންނާ ގުޅުން އޮންނަ ދެމީހުން ކަމަށާއި، އަދި އެ ދެމީހުން އަންހެން މީހާއަށް ބިރު ދައްކާފައިވާ ކަމަށެވެ.

މެންދުރު އޮންލައިންގެ ރިޕޯޓަށް ފަހު، ފުލުހުން ވަނީ އެ ވެބްސައިޓުގައި ހުރި ވާހަކަތަކާއި ވިކްޓިމް ކިޔައިދިން ވާހަކަތަކާ ވަރަށް ބޮޑަށް ތަފާތު ހުރި ކަމަށް ބުނެފަ އެވެ. އަދި އެއްވެސް މީޑިއާއަކާ ވާހަކަ ދައްކާފައި ނުވާނެ ކަމަށް ވިކްޓިމް ބުނެފައިވާ އިރު، މެންދުރު އޮންލައިންގައި އޭނާއާ ހަވާލާދީ ދައްކާފައިވާ ވާހަކަތަކަކީ ދޮގު ކަމަށް ވިކްޓިމް ބުނި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އޭގެ ފަހުން ވެސް މެންދުރު އޮންލައިން އިން ވަނީ އެމީހުންގެ ރިޕޯޓު ދިފާއުކޮށް، އޭގައިވާ ވާހަކަތަކަކީ ތެދު ކަމަށާއި، އަދި އެކަން ސާބިތުކޮށްދޭން ޖެހިއްޖެނަމަ އެކަން ކުރެވޭނެ ކަމަށް ވެސް ބުނެފަ އެވެ.

އެހެން ނަމަވެސް މެންދުރު އޮންލައިން އިން ރޭ މެންދަމު ނެރުނު ނޫސް ބަޔާނަކުން ވަނީ އެމީހުންގެ ވާހަކަތައް މުޅިން ބަދަލުކޮށްފަ އެވެ.

ނޫހެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާ އެ ވެބްސައިޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަފާރީ އެއްގައި އަންހެނަކު ރޭޕް ކޮށްގެން އުޅޭ ކަމަށާއި އަދި މިވާހަކަ މެންދުރު އޮންލައިން އަށް ސީދާ ވިކްޓިމް ގެ ފަރާތުން ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މައުލޫމާތު ދީފައިވަނީ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރު ކަމަށެވެ.

ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު ދެމުވެރިކޮށް ކުޑައިރުކޮޅެއްވަންދެން ވާހަކަ ދެއްކުމަށްފަހު، ވިކްޓިމްއަށް އެވާހަކަތައް ކިޔައިދޭން ވަރަށް އުނދަނގޫވާނޭ ކަމަށްބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު އެ ވެބްސައިޓަށް ދިވެހިބަހުން ކިޔައިދިނީ ވެސް އާޒިމާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް މެންދުރު އޮންލައިން އިން ފަހުން ބެލި ބެލުމުން ސަފާރީގައި ހިނގާފައިވަނީ ރޭޕް އެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"އަދި މިމައްސަލަ 'ރޭޕް ކޭސް' ގެ ގޮތުގައި، ބޮޑުކޮށްލީ މީގައި ސިޔާސީ ފަރާތްތަކަކާއި ގުޅުން ހުރި ބައެއް ތިބުމުން، މިކަން ސިޔާސީ ކޮށްލުމައްޓަކައިކަން އަދި އެ ނިޔަތުގައިކަން މެންދުރު އޮންލައިން އަށް ވަނީ ކަށަވަރުވެފަ އެވެ." އެ ބަޔާނުގައިވެ އެވެ.

މެންދުރު އޮންލައިން އިން ވަނީ އެ ނޫހަށް "ބޮޑު އޮޅުވާލުމެއް އޮޅުވާލައި" އަދި "ސިޔާސީ ކަމެއްގެ ތެރެއަށް ގަންބުވާލާފައިވާ" ކަމަށް ބުނެ ވިކްޓިމް އާއި މައްސަލައިގައި ހިމެނޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެފަ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އާޒިމާ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއްވެސް ނޫހަކާ އެކަމާ ބެހޭ ގޮތުން އޭނާ ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.

"މިކަމުގައި އަޅުގަނޑު ގާނޫނީ ފިޔަވަޅު އަޅާނަން. މެންދުރު އޮންލައިންއަށް އަޅުގަނޑު މައުލޫމާތު ދިނިއްޔާ ދިން ގޮތަކާއި ވާހަކަ ދެއްކި މީހަކާ ހުންނަން ވާނެ ނޫންތޯ؟،" އާޒިމާ ލިޔުއްވާފައިވެ އެވެ.

މެންދުރު އޮންލައިން އިން އިތުރަށް ބުނީ މިހާރު "ސަފާރީގައި ރޭޕް ކުރި އަންހެންކުއްޖާގެ ދުލުން އެބިރުވެރި ނުބައި އަމަލާއި އަދި ބޭއިންސާފުގެ ވާހަކަތައް" ސުރުހީގެ ދަށުން ލިޔުނު ރިޕޯޓު ވެސް ވެބްސައިޓުން ނަގާފައިވާ ކަމަށެވެ. އަދި މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ހުރިހާ އެބާރުލުމެއް ދޭނެ ކަމަށް ބުނެފައިވެ އެވެ.

"އަދި ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ވާހަކަތަކަކީ މިޔަށްވުރެ ރަނގަޅު ނިޒާމެއްގެ ދަށުން ކުރެވޭނޭ ކަމެއްކަމުގައި ދެކޭތީ، އެކަންކަން އިސްލާހުކުރާނެ ވާހަކަ ކިޔުންތެރިންނަށް ޔަގީންކޮށް އަރުވަމެވެ." ބަޔާނުގައިވެ އެވެ.

ސަފާރީގައި ކަން ހިނގާދިޔަ ގޮތް ކަމަށް ބުނެ މެންދުރު އޮންލައިން އިން "ދޮގު ވާހަކަތަކެއް" ގެނެސްދީފައިވާ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. ފުލުހުން ބުނީ އެ މައްސަލައިގައި މެންދުރު އޮންލައިން އާ ދެކޮޅަށް ދައުވާކުރަން ބޭނުންވާ ކަމަށް ވިކްޓިމް ބުނެފައިވާ ކަމަށެވެ.

އުމުރުން 27 އަހަރުގެ އަންހެން މީހާއަށް ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ 26 ވަނަ ދުވަހުގެ ފަތިހު 05:00 ހާއިރު، ޕެޓްރޯލް ކުރަން ނުކުމެ އުޅުނު ފުލުހުންނަށް ހުޅުމާލޭ ލަކުޑި ޖެޓީ މަތީގައި އެ އަންހެން މީހާއާއެކު އިތުރު ދެ މީހަކު ތިއްބާ ފެނިގެން އެތަނަށް ގޮސް ސުވާލު ކުރުމުންނެވެ.

އެގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށާއި، އެމީހުންގެ އަމަލުތައް އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވާން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެންގޮސް ހުޅުމާލެ ޖެޓީއަށް ބޭލީ ކަމަށް އަންހެން މީހާ ވަނީ ބަޔާން ދީފައެވެ.

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލާނީ ބޮޑުކަމެއް ވެގެން ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށާއި އެހެންކަމުން ސަފާރީގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މައްސަލަ ތަހުގީގުކުރަމުންް އަންނަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ނަމަވެސް ސަފާރީގަައި ރޭޕް އެއް ނުހިނގާކަމަށް "ރޫލް އައުޓް" ނުކުރާ ކަމަށް މަންނާނު ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް