އެމެރިކާގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓެއް ބަންދު ކުރަން އަންގައިފި

ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓު ބަންދު ކުރަން އެމެރިކާއިން ވަނީ އަންގާފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖުލައި 23): އެމެރިކާގެ ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓު އަންނަ ހުކުރު ދުވަހުގެ ކުރިން ބަންދު ކުރަން އެމެރިކާއިން އަންގައިފި އެވެ.

އެމެރިކާއިން އެ އަމުރު ކުރީ، މިދިޔަ އަންގާރަ ދުވަހު އެ ކައުންސިއުލޭޓުގެ ކޯޓުޔާޑުގައި ބަޔަކު ލިޔެކިޔުންތަކެއް އަންދާތަން މީހުންނަށް ފެނި، އެކަން ފުލުހުންނަށް އެންގި ފަހުންނެވެ. ފުލުހުން ބުނި ގޮތުގައި އެ ރިޕޯޓާ ގުޅިގެން އޮފިސަރުން ކޮންސިއުލޭޓަށް ދިޔަ ނަމަވެސް އެ މީހުންނަށް އެތަނަށް ވަންނަން ހުއްދައެއް ނުލިބުނެވެ.

އޭގެ ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ދަނީ "އެމެރިކާގެ އިތުރުން ޔޫރަޕްގެ ފިކުރީ މުދާ ވަގަށް ނަމުން ކަމަށާއި އޭގެ ސަބަބުން އެތައް ހާސް މީހުންގެ ވަޒީފާ ގެއްލެމުންދާ" ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޑިޕާޓްމެންޓުގެ ތަރުޖަމާނަކު ވަނީ ކޮންސިއުލޭޓު ބަންދު ކުރަން އެންގީ "އެމެރިކާގެ ފިކުރީ މުދަލާއި އެގައުމުގެ ރައްޔިތުންގެ އަމިއްލަ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި" ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާއަށް ރައްދު ދެއްވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވަނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ނިންމުން ބަދަލު ކުރުމަށް ގޮވާލައްވާ، އެގޮތަށް އަމަލު ނުކޮށްފި ނަމަ ޗައިނާއިންވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ހިއުސްޓަންގައި ހުންނަ ކޮންސިއުލޭޓުގެ އިތުރުން ޗައިނާގެ ހަތަރު ކޮންސިއުލޭޓަކާއި އެމްބަސީއެއް އެމެރިކާގައި ހުރެ އެވެ.

އެމެރިކާއިން ޗައިނާގެ ކޮންސިއުލޭޓު ބަންދު ކުރަން އަންގާފައި ވަނީ ދެގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ހަނގުރާމަ އާއި ކޮރޯނާވައިރަސް ބަލިމަޑުކަމާއި ޗައިނާއިން ހޮންކޮންގް އާއި އެގައުމުގައި މުސްލިމުން ދިރިއުޅޭ ޝިންޖިއަންގުގައި އަމަލު ކުރާ ގޮތްތަކަށް އެމެރިކާއިން ފާޑު ކިޔުން ހިމެނެ އެވެ.

comment ކޮމެންޓް