ސުޝާންތުގެ "ދިލް ބޭޗާރާ" ޕްރޮމޯޓްކުރަން ބޮލީވުޑްގެ ތަރިން

ދިލް ބޭޗާރާގެ މަންޒަރުތަކެއް: މި ފިލްމަކީ އެކްޓަރު ސުޝާންތު ފެނިގެންދާ އެންމެ ފަހު ފިލްމު---

ބޮލީވުޑްގެ ވާސަޓައިލް އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" ޕްރޮމޯޓްކުރުމުގައި ބޮލީވުޑްގެ ކާމިޔާބު ނަން މަޝްހޫރު ތަރިން އިސް ސަފުގައި ބައިވެރިވަމުން އެބަދެ އެވެ.

ބޮލީވުޑްގައި ތަރިންގެ ފިލްމުތައް އާންމުކޮށް ޕްރޮމޯޓްކުރަނީ އެ ފިލްމެއްގެ ތަރިންނެވެ. ނަމަވެސް ސުޝާންތުގެ މަރާއެކު އޭނާ ފެނިގެންދާ އެންމެ ފަހު ފިލްމު ޕްރޮމޯޓްކުރަން ގިނަ ތަރިންނެއް އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފިލްމު ޕްރޮމޯޓްކުރަން ބައިވެރިވަމުންނެވެ.

މާދަމާރޭ 7:30 ގައި ހޮޓްސްޓާއިން ރިލީޒްކުރާ އެ ފިލްމުގެ ޕޯސްޓަރެއް ހިއްސާކުރަމުން އެކްޓަރު ކާތިކް އާރްޔަން ބުނީ ހުރިހާ އެންމެން އެކުގައި މި ފިލްމު ބަލައިލަން ވާނެ ކަމަށެވެ. ބަތަލާ ބޫމީ ޕެޑްނޭކަރު ހިއްސާކުރި ޕޯސްޓުގައި އޭނާ ބުނީ ދިލް ބޭޗާރާ އަކީ ސުޝާންތުގެ އެންމެ ފަހު ފިލްމޭ ބުނަން ވަރަށް ހިތްދަތިވާ ކަމަށާއި ނަމަވެސް އޭނާގެ ފަހު ފިލްމު ހިޓަކަށް ހެދުމަށް އެންމެން ގުޅެންޖެހޭ ކަމަށެވެ. ހުރިހާ އެންމެ އެކުގައި ސުޝާންތުގެ ދިލް ބޭޗާރާ އަބަދުގެ އަބަދަށް ހަނދާން ހުންނަ ފިލްމަކަށް ހަދަން ޖެހޭކަމަށެވެ.

މިދެތަރިންގެ އިތުރުން މި ފިލްމު ޕްރޮމޯޓްކުރުމުގައި ބޮލީވުޑްގެ ތަރިންކަމަށްވާ އަޔޫޝްމަން ކުރާނާ، ވަރުން ދަވަން، ރާޖްކުމާރު ރާއޯ، ވަރުން ޝަރްމާ، މުރްނާލް ތާކޫރު ވެސް ބައިވެރިވެފައިވެއެވެ. އަދި ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަދި ބަތަލާ ސާރާ އަލީ ހާން ވެސް ފިލްމު ޕްރޮމޯޓްކުރުމުގައި ބައިވެރިވެފައިވެ އެވެ.

ފިލްމުގެ ޑައިރެކްޓަރު މުކޭޝް ޗާބްރާ ބުނީ ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރި ނަމަވެސް ސުޝާންތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި އެ ގަޑީގައި އެންމެން އެކުގައި އެއް އޯޑިއެންސެއްގައި ތިބެގެން ފިލްމު ބެލުމަށެވެ.

"ދިލް ބޭޗާރާ" ވަނީ ޔޫޓިއުބްގައި 10 މިލިއަން ލައިކްސް ހޯދާ ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ. މި ފިލްމުގައި ސުޝާންތު އާއެކު ފެނިގެންދާނީ ސަންޖަނާ ސަންގީއެވެ. މި ފިލްމަކީ ސަންޖަނާ ލީޑު ރޯލު ކުޅޭ ފުރަތަމަ ފިލްމުވެސްމެ އެވެ.

comment ކޮމެންޓް