ޕްރަބާސްއާ އެކު ފެނިގެންދާ ފިލްމު ދީޕިކާ ކުޅެދެނީ 20 ކުރޯޑަށް

ދީޕިކާ އާއި ޕްރަބާސް--

ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން އާއި ބާހޫބަލީގެ އެކްޓަރު ޕްރަބާސް އާއެކު ފިލްމެއް ކުޅޭކަން އިއުލާންކުރުމާއެކު ސޯޝަލް މީޑިއާ ވަރަށް ބާރަށް ތެޅިގަތެވެ.

މިހާތަނަށް އެންމެ ބޮޑު އާމްދަނީ ހޯދި ބޮލީވުޑް ފިލްމު ބާހޫބަލޫގެ އެކްޓަރު ޕްރަބާސް އާއެކު ދީޕިކާ ފެނުމަކީ ދެތަރިންގެ ފޭނުންގެ ވަރަށް ބޮޑު އުންމީދެކެވެ. ހަމައެއާއެކު އެއީ ޕްރަބާސްގެ ވެސް އެންމެ ބޮޑު އުންމީދެވެ.

ދެތަރިން އެކުގައި ފިލްމަކުން ފެނިގެންދާ ކަން މިހާރު ޔަގީންވެފައިވާއިރު އެ ފިލްމު ދީޕިކާ ކުޅެދޭން އެއްބަސްވީ 20 ކުރޯޑަށެވެ. އެއާއެކު ދީޕިކާ ވެފައިވަނީ ބޮލީވުޑުގެ ތާރީހުގައި ވެސް އެންމެ އަގުބޮޑުކޮށް ފިލްމެއް ކުޅެދޭން އެއްބަސްވި ފުރަތަމަ އަންހެން ބަތަލާއަށެވެ. ދީޕިކާއަށް މި ފިލްމުން 20 ކުރޯޑު ލިބޭއިރު ޚަބަރުތައް ބުނާގޮތުގައި ޕްރަބާސްއަށް މި ފިލްމު ކުޅެގެން 50 ކުރޯޑު ލިބޭނެއެވެ.

ޕްރަބާސް އާއި ދީޕިކާ ކުޅޭ ފިލްމުގެ ނަން އަދި ހާމަނުކުރި ނަމަވެސް މި ފިލްމުގެ މަސައްކަތްތައް ފަށާނީ ލޮކްޑައުން އުވާލުމުންނެވެ. މި ފިލްމަކީ ނަގް އަޝްވިން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. މިހާރު މި ދެތަރިން އެކަކު އަނެކަކު އިންސްޓަގްރާމުން ފޮލޯވެސްކުރެއެވެ.

އަންނަ އަހަރު ފަހުކޮޅު ސިނަމާތަކަށް އަންނަ މި ފިލްމަކީ ޕްރަބާސް އާއި ދިޕިކާ ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ.

comment ކޮމެންޓް