ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޝުޖާއުއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ފުރަތަމަ މައްސަލަ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެކެވެ.
ދެވަނަ މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޭރުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ހޯދުމަށް ފާޅުކަންބޮޑުގޮތެއްގައި ހުވަދުއަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރި ކަމުގެ ތުހުމަތު ޝުޖާއުއަށް ކުރެވެއެވެ.
ކްރިމިނަލް ކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނަވަނިކޮށް ޝުޖާއު އުސްމާން ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސީ، ޖޫން، 2015ގަ އެވެ. ޝުޖާއު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.