އެއް މަގުސަދެއް ހާސިލު ކުރުމަށް ދެ އިމްތިހާނު ހަދަން ތާއީދެއް ނުކުރަން: ބާ ކައުންސިލް

ސެޕްޓެމްބަރ 9، 2019: ބާ ކައުންސިލްގެ ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއް މަގުސަދެއް ހާސިލު ކުރުމަށް ދެ އިމްތިހާނެއް ހެދުމަށް ތާއީދު ނުކުރާ ކަމަށާއި ބާ ކައުންސިލުން ތާއީދު ކުރަނީ އެ ބިލް ފުރަތަމަ މަޖިލީހަށް ހުށަހެޅި ގޮތަށް ފާސް ކުރަން ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫނު ހަމީދު މިއަދު ސަން އަށް ވިދާޅުވީ ގާނޫނީ ފަންނުގެ ބިލަށް އިސްލާހެއް ހުށަހެޅީ ކޮވިޑް19ގެ ހާލަތާ ގުޅިގެން ވަކީލު ކަމުގެ ލައިސަންސް ނުލިބި ތިބި ފަރާތްތަކަށް ލައިސަންސް ލިބުމުގެ ފައިސޭހަ އަދި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ.

ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް އަހަރެއް ވެގެން ދިޔައިރު ވެސް ބާ އިމްތިހާނު ބާއްވާފައި ނުވާތީ ހުއްދަ ނުލިބިގެން ވަކީލުކަން ކިޔަވައިގެން ތިބި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބާ އިމްތިހާނު ނުހަދައި މިހާރު ތިބި ވަކީލުންނަށް ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

އެ އިސްލާހުތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ދިރާސާ ކުރުމަށް ފަހު ނިންމާފައި ވަނީ މިހާރު ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހާއްސަކޮށްގެން ބާ ކައުންސިލުން ހިންގާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ލިބިދެވޭ ގޮތަށެވެ.

ބާ ކައުންސިލުން ހިންގާތާ އެއް މަސް ދުވަހުގެ ތަމްރީނު ޕޮރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހު ކުރަން ޖުޑިޝަރީ ކޮމިޓީއިން ނިންމި ނިންމުމަށް އަމަލު ނުކުރުމަށް ބަހަނާތަކެއް ދައްކައި ބާ ކައުންސިލުން މަޖިލީހަށް ސިޓީ ފޮނުވާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނިކޮށް ބާ ކައުންސިލްގެ ރައީސް މައުމޫނު ހަމީދު ވިދާޅުވީ ބިލަށް ކޮމެޓީ އިން ގެނައި އިސްލާހަކީ ވަކީލު ކަމުގެ އިމްތިހާނު ހެދުމަށް ތިބި ފަރާތްތަކަށް އިތުރު ބުރައެއް ކަމަށެވެ.

އެގޮތުން ބިލުގައި ބުނާ ގޮތުން މިހާރު ބާ ކައުންސިލްގެ ތަމްރީނު ފުރިހަމަ ކުރުމަށް ފަހު، އިމްތިހާނު ވެސް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އެއް މަގުސަދެއްގައި ދެ އިމްތިހާނެއް ހަދަން ޖެހުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމު އެކުލަވާލަން ހަތް ދުވަސް ލިބޭ އިރު، 30 ދުވަހުގެ ޕްރޮގްރާމެއް އެކުލަވާލަން ހަތް ދުވަހަކީ މަދު ދުވަސްކޮޅެއް ކަމަށް ވެސް ބާ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހުގައި ބުނެފައި ވަނީ އެ އިސްލާހު މަޖިލީހުން ފާސްކޮށް ގެޒެޓުގައި ޝާއިރު ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލެއް ބާ ކައުންސިލުން އެކުލަވާލައި ގެޒެޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ އުސޫލު ގެޒެޓް ކުރާތާ ހަތް ދުވަހުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމް ބާއްވަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

"އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި މި ގާނޫނުގެ 33 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރާ ގޮތުގެ މަތިން ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ އެވެ." ޖުޑިޝަރީ ކޮމިޓީއިން ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.

އަދި އެ ތަމްރީނު ޕްރޮގްރާމަށް ފަހު ވަކީލު ކަމުގެ ހުވާ ކުރާ ފަރާތްތަކުން އެންމެ އަވަހަށް ބާ ކައުންސިލުން ބާއްވާ ބާ އިމްތިހާނެއްގައި ބައިވެރިވުމަށް ވަނީ ލާޒިމް ކޮށްފަ އެވެ. ނަމަވެސް އެ ބާ އިމްތިހާނުގައި ބައިވެރި ނުވުމުން ދެން ވާނެ ގޮތެއް ކޮމިޓީއިން ގެނައި އިސްލާހުގައި ބަޔާން ކޮށްފައެއް ނުވެ އެވެ.

އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ލިބެނީ މިހާރު ހުވާ ނުކުރެވި ތިބި ވަކީލުންނަށެވެ. އޭގެ ފަހުން ކިޔަވާ ކުދިންނަށް ހުއްދަ ލިބޭނީ ބާ އިމްތިހާނު ފުރިހަމަ ކުރުމުން ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވެ އެވެ.

މިއަދު އެ އިސްލާހަށް ވޯޓަށް އަހައި، އިސްލާހު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.

މައުމޫނު ހަމީދު ވިދާޅުވީ ބިލަށް ގެނެސްފައިވާ އިސްލާހުތަކުން، ގާނޫނަށް އިސްލާހު ގެންނަން ބޭނުންވާ މަގުސަދު ހާސިލްނުވާ ކަމަށެވެ.

comment ކޮމެންޓް