އިބްރަހިމޯވިޗްގެ ދެ ގޯލާ އެކު މިލާން ފަސްވަނައަށް

އިޓާލިއަން ލީގުގައި އިބްރަހިމޯވިޗް ސަސުލޯ ކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// ލައިވްސްކޯ

އިޓާލިއަން ލީގުގައި ރޭ ސަސުލޯ ކޮޅަށް ސްވިޑަންގެ ތަޖުރިބާކާރު ސްޓަރައިކަރު ޒްލަޓަން އިބްރަހިމޯވިޗް ޖެހި ދެ ގޯލާ އެކު އޭސީ މިލާން ތާވަލުގެ ފަސްވަނައަށް އަރައިފި އެވެ.

ސަސުލޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމުގެ މައްޗަށް މިލާން ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު މިލާން ފަސްވަނައަށް ޖެހިލާފައިވާ އިރު އެ ޓީމަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެގެން އެ ޓީމުގެ ފަހަތުގައި ރޯމާ އޮތީ 58 ޕޮއިންޓާ އެކު އެވެ. އެހެން ކަމުން ރޯމާ މިރޭ ސްޕަލް އަތުން މޮޅުވެއްޖެ ނަމަ އަލުން ފަސްވަނައަށް އަރާނެ އެވެ.

ސްޓެފަނޯ ޕައޮލީގެ އިރުޝާދާ އެކު މިލާން އަލުން އިޓަލީގެ ގަދަ ބާރަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތާ އެކު މި ސީޒަނުގައި އެ ޓީމުން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެގޮތުން ރޭގެ މެޗަކީ ދެ ގޯލަށް ވުރެން އިތުރަށް ލީގުގައި އެ ޓީމުން ނަތީޖާ ނެރުނު ވިދިވިދިގެން ނުވަ ވަނަ މެޗެވެ.

ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގައި މިލާނުން ފުރަތަމަ ފަހަރަށް ލީޑު ނެގީ 19 ވަނަ މިނަޓުގަ އެވެ. އުމުރުން 38 އަހަރުގެ އިބްރަހިމޯވިޗުގެ އެ ގޯލާ އެކު މިލާނުން ލީޑު ނަގާފައި ވަނިކޮށް 42 ވަނަ މިނަޓުގައި ސަސުލޯއަށް ނަތީޖާ އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ފްރެންސެސްކޯ ކަޕުޓޯ އެވެ. ކަޕުޓޯ މި ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.

ސަސުލޯގެ ގޯލާ އެކު މިލާނުން ޓީމު ކުރިއަށް ޖައްސާލައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ އަލުން އަނބުރާ ލީޑު ނަގައިފަ އެވެ. މި ގޯލަކީ ވެސް އިބްރަހިމޯވިޗް އެ ޓީމށް ކާމިޔާބުކޮށްދިން ގޯލަކަށްވާ އިރު، މިއީ 2012 ވަނަ އަހަރުގެ ފަހުން އިޓާލިއަން ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގައި އޭނާ ދެ ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް