އަލިދޫގެ އިންޝުއަރެންސް ކްލެއިމް މައްސަލާގައި 115 މިލިއަން ޑޮލަރު ހޯދަން ކޯޓަށް

އަލިދޫ ރިސޯޓު--

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އިން ހިންގި އަލިދޫ ރިސޯޓުގެ އިންޝުއަރެންސް ކްލެއިމް ނުދީ ލަސްވިކަމަށްބުނެ، ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޔޮޓް ޓުއާސް އިން އެލައިޑް އިންޝުއަރެންސް އާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.

ޔޮޓް ޓުއާސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެލައިޑް އިންޝުއަރެންސްގެ ފަރާތުން ޔޮޓް ޓުއާސް އަށް ވިއްކާފައިވާ 50 މިލިއަން ޑޮލަރުގެ ޕޮލިސީއެއްގެ ދަށުން ހއ. އަލިދޫ ރިސޯޓު އިންޝުއާ ކޮށްފައިވާ ކަމަށެވެ.

އަދި ކުރިމަތިިވި ގުދުރަތީ ކާރިސާއެއްގައި ރިސޯޓަށް ލިބިފައިވާ ގެއްލުން ތަކާ ގުޅިގެން ހުށަހެޅި ކްލެއިމް އެލައިޑް އިން އެއްކޮށް ރިޖެކްޓު ކުރުމުން 64 މިލިއަން ޑޮލަރު އިންވެސްޓުކޮށްގެން ހިންގަމުންދިޔަ 200 އެނދުގެ އެ ރިސޯޓުގެ އޮޕަރޭޝަން ހުއްޓިފައިވާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

ރިސޯޓު މަރާމާތު ނުކުރެވި، ރިސޯޓުގެ އޮޕަރޭޝަން ހުއްޓިފައިވާ މި މުއްދަތުގައި ރިސޯޓު ހިންގަމުން ދިޔަ ނަމަ ޔޮޓް ޓުއާސް އަށް އެ ރިސޯޓުން ފައިދާ ވާނެ ކަމަށާއި، ރިސޯޓުން އެއްވެސް ފައިދާއެއް ނުވެ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެ، އެ މައްސަލާގައި ޔޮޓް ޓުއާސްގެ ފަރާތުން ދައުވާ ކުރަނީ އެލައިޑް އާއި އެ ކުންފުންޏާ ދެމެދު އޮތް "ފަޔާ އިންޝުއަރެންސް ޕޮލިސީ" އާއި އެލައިޑް އިން ހިލާފުވެ، އެ ހިލާފުވުން މަތީ ދެމިތިބުމުގެ ސަބަބުން ކަމަށް ޔޮޓް ޓުއާސް އިން ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

އަދި މި މައްސަލާގައި އެލައިޑް އިން ކަންކުރި ގޮތުގެ ސަބަބުން ޔޮޓް ޓުއާސް އަށް ލިބިފައިވާ އެންމެހާ ގެއްލުންތަކުގެ ބަދަލު ދޭންޖެހޭނެ ކަން ކޮންޓްރެކްޓާ ބެހޭ ގާނޫނުން އެނގެން އޮތް ކަމަށް ވެސް ޔޮޓް ޓުއާސް އިން ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

އެ މައްސަލާގައި ބުނެފައިވާގޮތުން 2014 ވަނަ އަހަރުގެ އޮގަސްޓް 30 އިން ސެޕްޓެމްބަރު މަހުގެ 15 އަށް ކުރި ވިއްސާރަ އާ ގުޅިގެން އަލިދޫ ރިސޯޓަށް 22.7 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.

ޔޮޓް ޓުއާސް އިން އެދިފައިވަނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެލައިޑް އިންޝުއަރެންސް އިން 115.5 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.

ޔޮޓް ޓުއާސް އިން ވަނީ މި ގެއްލުމުގެ ބަދަލު އެ ކުންފުންޏަށް ލިބެންދެން އެލައިޑް އިންޝުއަރެންސް އާއި އެ ކުންފުނީގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ ބެންކް އެކައުންޓުތައް ފްރީޒް ކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ.

ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ވަނީ އާދިއްތަ ދުވަހު ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސުގައި 2014ގައި އިންޝުއާކޮށްފައި ވަނިކޮށް އެ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށެވެ. އަދި އެއީ އެ ރިސޯޓުން ނަގާފައިފައިވާ ފަޔާ ޕޮލިސީގެ ދަށުން އެލައިޑް އިންޝުއަރެންސުގެ މައްޗަށް ކްލައިމް ކުރެވޭނެ ކަމެއް ކަމަށާއި އެއީ ބަދަލު ދޭން ޖެހޭނެ ކަމެއް ކަމަށް އެ ހުކުމްގައިވެއެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ސޮއި ކުރައްވާފައިވާ ހުކުމުގައި ބުނީ އެ ފައިސާ އާދިއްތަ ދުވަހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ހުކުމް ކުރާ ކަމަށެވެ.

ޔޮޓް ޓުއާސް އިން ކުރިން އެ މައްސަލާގައި ދައުވާ ކުރުމުން ސިވިލް ކޯޓުން އޭރު ނިންމީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ. ނަމަވެސް ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން، އެ ކޯޓުން ސިވިލް ކޯޓަށް އެންގީ އެ މައްސަލަ ބެލުމަށެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުން ނިންމި ގޮތް ރަނގަޅު ކަމަށެވެ.

comment ކޮމެންޓް