ޕީއެސްއެމް އިން 22 މިލިއަން ހޯދަން ކުންފުނިތަކަކުން ދައުވާ ކޮށްފި، ލިޔެކިޔުމެއް ނެތް

ޕީއެސްއެމްގެ ޓީވީ ހިންގާ އިމާރާތް ---- ސަން ފޮޓޯ / މުހައްމަދު މުޒައްޔިނު ނާޒިމް

ކުރީގެ ސަރުކާރުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އެކި މަސައްކަތްތައް ކޮށް ފައިސާ ނުދޭ ކަމަށްބުނެ ޖުމްލަ 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ހަ ކުންފުންޏަކުން ޕީއެސްއެމްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ކުރީގެ ސަރުކާރުގައި ޕީއެސްއެމްގެ ޓީވީ އަދި ރޭޑިޔޯ އިމާރާތުގައި ކޮށްފައި ހުރި މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ކުރުވާފައި ހުރީ އެއްވެސް އެގްރިމެންޓެއް ހެދުމަކާ ނުލައެވެ. އެ މަސައްކަތްތަކާ ގުޅޭ އެއްވެސް ލިޔެކިޔުމެއްވެސް ފެންނަން ނެތްކަމަށް އެނގިފައިވެއެވެ.

ނަމަވެސް މި މަސައްކަތްތައް ކޮށް ނިންމާ، ފައިސާ ނުލިބޭ ކަމަށްބުނެ ކުންފުނިތަކަކުން ޕީއެސްއެމް އަށް ފައިސާ ހޯދުމަށް އެދި ސިޓީ ލާފައިވާ ކަމަށާއި ނަމަވެސް އެ ކުންފުނިތަކަށްވެސް އެ މަސައްކަތް ކުރީ އެމީހުންކަން ސާބިތުކޮށްދޭނެ ލިޔެކިޔުމެއް ހުށަނޭޅޭ ކަން ވަނީ އެނގިފައެވެ.

އަދި މިގޮތަށް ހެއްކެއް ނެތި ފައިސާ ދޭން އެދުމުން، އެފައިސާ ދޫކޮށްފައި ނުވާތީ، ކުންފުނިތަކުން ވަނީ ފައިސާ ހޯދަން ސިވިލްކޯޓުގައި ދައުވާވެސް ކޮށްފައެވެ.

ޕީއެސްއެމް ނިއުސް ސްޓޫޑިއޯ---

އެގޮތުން ޕީއެސްއެމްގެ ނިއުސް ސްޓޫޑިއޯގެ މަސައްކަތް ކުރި ކަމަށް ބުނެ 3.34 މިލިއަން ރުފިޔާ ހޯދުމަށް ވަނީ ހުށަހަޅައިފައެވެ. މި މައްސަލަ ހުށަހެޅި ފަރާތަށް، ކަމާ ގުޅުންހުރި ހެކި ހުށަހަޅަން ކޯޓުން ވަނީ އަންގައިފައެވެ.

ޕީއެސްއެމްގެ އަޑު ހިންގާ އިމާރާތުގައި މޯލްޑިވްސް މީޑިއާ އިންސްޓިޓިިއުޓް (އެމްއެމްއައި) ހިންގާ ބައި ހެދި ކަމަށް ބުނެ 1،639،751.1 ރުފިޔާ ހޯދުމަށް ވެސް ކުންފުންޏަކުން ދައުވާ ކުރެއެވެ. އަދި އެމްއެމްއައި ސަރަހައްދުގައި ޕާކެއްގެ މަސައްކަތް ކުރި ކަމަށް ބުނެ 2.1 މިލިއަން ރުފިޔާ ހޯދަން ވެސް އެހެން ކުންފުންޏަކުން ވަނީ ކޯޓަށް ގޮސްފައެވެ.

އެމްއެމްއައި ޕާކު --

އެގޮތުން 2.1 މިލިއަން ރުފިޔާ ހޯދުމަށް ހުށަހެޅި މައްސަލައިގެ ހުލާސާ ބަޔާން ނަގާފައިވާއިރު 1،639،751.1 ރުފިޔާ ހޯދަން ހުށަހަޅާފައިވާ މަައްސަލައިގެ ހެކިބަސް މިހާރު ވަނީ ނަގައިފައެވެ.

ޕީއެސްއެމްގެ ޓީވީ ހިންގާ އިމާރާތުގެ ސެކިޔުރިޓީ ޕޯސްޓެއްގެ މަސައްކަތަށް 2.3 މިލިއަން ރުފިޔާ ހޯދަންވެސް ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

ޓީވީ އިމާރާތުގައި ހުރި ސެކިޔުރިޓީ ޕޯސްޓް --

އެގޮތުން އެ މައްސަލައިގެ ދެ ވަނަ ބަޔާން ހުށަހަޅަން ކޯޓުން އަންގާފައިވާއިރު ޕީއެސްއެމްގެ އެމްޑީ ބިޔުރޯގެ މަސައްކަތެއްކޮށް، ފައިސާ ނުދައްކައިގެން 11.3 މިލިއަން ރުފިޔާ ހޯދަންވެސް ވަނީ ކޯޓަށް ހުށަހަޅައިފައެވެ. މި މައްސަލަ އަދި އޮތީ ޑިސްޕިއުޓް މަރުހަލާގައެވެ.

މީގެ އިތުރުން ތިން ޓީވީ ރެކުގެ މަސައްކަތް ކޮށް، އެމަސައްކަތަށް 1.4 މިލިއަން ރުފިޔާ ހޯދަންވެސް ކުންފުންޏަކުން ވަނީ ޕީއެސްއެމް އާ ދެކޮޅަށް ދައުވާ ކޮށްފައެވެ.

1.4 މިލިއަން ރުފިޔާ ހޯދަން ހުށަހެޅި ޓީވީ ރެކުގެ މަސައްކަތް ފަހަތުން(ވ)ފެންނަން ---

ކުރީގެ ސަރުކާރުގައި ޕީއެސްއެމްއިން ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެއިން އެއްވެސް މައްސަލައެއްގެ ތަހުގީގު އަދި ނުނިމޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް