މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭއަށް ހޭދަކުރި 31 މިލިއަން ރުފިޔާ ފެނަށް

ގދ.މަޑަވެއްޔާއި ގދ.ހޯނޑެއްދޫއާ ދެމެދު ކޯޒްވޭއެއް ހަދައި، ދެ ރަށް ގުޅައިލުމަށް ފެށި މަސައްކަތަކީ ބޮޑު އިސްރާފެއް ކަމަށް ކަނޑައަޅައި ރައްޔިތުން މަޖިލީހުގެ ތިމާވެށި ކޮމިޓީއިން އެކުލަވާލި ރިޕޯޓް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދެ ރަށް ކޯޒްވޭއަކުން ގުޅަލަން ނިންމައި މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ހަދާފައިވާގޮތުން އެ ދެރަށަށް ލިބެމުންދާ ގެއްލުންތަކާއި އުދައެރުމުގެ މައްސަލަ
އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ދިރާސާކުރަން ފެށީ 16 ޖުލައި 2019ގަ އެވެ. އެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވަނީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 11 ވަނަ ޖަލްސާ -- މަޖިލިސް

އެ މައްސަލަ ދިރާސާކުރުމަށް ފަހު ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ މަޝްރޫއު ހިނގަމުންދިޔަ އިރުވެސް، އެކަށީގެންވާ ޑިޒައިނެއް ނެތި އަދި އީއައިއޭ ރިޕޯޓަށް ބެލުމެއްނެތި މަޝްރޫއު ކުރިއަށް ގެންގޮސްފި ކަމުގައިވާނަމަ، ހުޅަނގު މޫސުމުގައި ކޯޒްވޭއަށް އުދައެރުމުގެ ފުރުސަތު ބޮޑުވާނެކަމުގެ ޝަކުވާ ދެ ރަށުގެ މީހުން ކޮށްފައިވާކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ ޝަކުވާއަކަށް ބެލުމެއްނެތި ހިންގަމުން ދިޔަ މަޝްރޫއު އެއްކޮށް ނުނިމެނީސް ފުރަތަމަ ފަހަރަށް ކޯޒްވޭ ހަލާކުވެ ދެ ރަށަށް އުދައަރައި އެތަކެއް ގެއްލުންތަކެއް ލިބިފައިވާކަމަށާއި އަދި މަޝްރޫއު ނިމުނުފަހުން ދެ ފަހަރެއްގެ މަތިން ހޯނޑެއްދުއަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޯޒްވޭގެ ސަބަބުން އެކިއެކި ގެއްލުންތަކާއި އުނދަގޫތައް ކުރިމަތިވެ ހޯނޑެއްދޫގެ އެކި ސަރަހައްދުތަކަށް ރާޅު އަރާކަމާއި، މިކަން މިހެން ދިމާވަނީ ވެލިބެޑަކުން ކޯޒްވޭއެއް އެޅުމުން ލޮނުގަނޑު ބްލޮކްވެ އޮއިވަރަށް އަންނަ ބަދަލުތަކުން ކަމުގައި ހޯނޑެއްދޫ ކައުންސިލުން ފާހަގަކޮށްފައިވާކަން ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކޯޒްވޭގައި މޫދުން އޮއެ ދައުރުވާގޮތަށް ހަދާފައިވާ ކަލްވާޓްތައް މާ ތިރިވެފައި މަދުވުމުގެ ސަބަބުން ދިޔަވަރު އެންމެ ބޮޑުވާ ވަގުތުގައިވެސް މި ކަލްވާޓްތަކުގެ މަތީ ދާރައާ ހަމައަށް ލޮނުގަނޑު ހުންނަކަމާއި، ގިނަ ދުވަސްދުވަހުގައި ލޮނުގަނޑާއި ކަލްވާޓްތަކުގެ މަތީ ދާރައާ ދެމެދު ހަ އިންޗިވެސް ހަމަނުވާކަމުގައި ހޯނޑެއްދޫ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ދިޔަވަރު ބޮޑުވާ ދުވަސްވަރުގައި ރަށުގެ ހުޅަނގު އުތުރު ފަރާތުން ގާތްގަނޑަކަށް 300 ފޫޓަށް ރާޅު އަރަމުންދާކަމާއި، ރަށުގެ ހުޅަނގު ފަރާތުގައި ގުދުރަތީގޮތުން ހެދިފައި ހުރި ކުޅި އަދި ކަނޑުފާތަކަށް ރާޅާއެކު ވެލި އެޅި، ހޯޑެއްދޫގެ "ކޯރާޑޭކޮޑާ" ސަރަޙައްދުގެ ބޮޑުބައި ގިރައި އާނުގަނޑު ހަލާކުވަމުންދާކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ތިމާވެށި ކޮމެޓީގެ މުގައްރިރު އަހްމަދު ސަލީމް --- ފޮޓޯ/ މަޖިލިސް

ހަމަ އެއާއެކު ރަށުގެ ހުޅަނގު ދެކުނުފަރާތަށް ރާޅުއަރައި އެ ސަރަހައްދުގެ ގިނަ ގަސްތަކެއް މަރުވަމުން ދިއުމުގެ އިތުރުން އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ބޭނުން ކުރަމުން އަންނަ ވަޅުފެނަށް ލޮނުގެ އަސަރު ކުރަމުންދާކަމަށާއި ހޯނޑެއްދޫގެ އަލަށް އާބާދުވާ ސަރަޙައްދުންނާއި ހައުސިންގ ޔުނިޓް ސަރަހައްދަށްވެސް ރާޅު އަރަމުންދާތީ ރަށުގެ ފެންފަށަލަ ހަލާކުވެގެން ހިނގައިދާނޭ ކަމުގެ ބިރު އޮތްކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ދެ ރަށުގެ ކައުންސިލާއި ކަމާބެހޭ ފަރާތްތަކުން ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކޮމެޓީއަށް ފާހަގަވި ކަންކަން ވެސް ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ.

އެގޮތުން މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އީޕީއޭގެ
ރެކޮމެންޑެޝަންއާ އެއްގޮތަށް ނޫންކަމަށާއި އަދި މަޝްރޫއު ކުރިއަށް ގެންދިއުމުގައި އީއައިއޭ ރިޕޯޓުގައި ދީފައިވާ އިރުޝާދަކަށް އެއްގޮތަކަށްވެސް ބަލާފައި ނެތްކަމަށް ވެސް ކޮމެޓީން ބުންޏެވެ.

ހަމައެއާއެކު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހައުސިން މިނިސްޓްރީން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އަދި މަޝްރޫއުގެ ސަބަބުން ދިވެހި ދައުލަތުގެ ބަޖެޓަށާއި، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ވެސް ކޮމެޓީން ފާހަގަކުރި އެވެ.

ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ޝަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވާތީ، މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިހުމާލުވެފައިވާ ފަރާތްތަކުން ގެއްލުމުގެ ބަދަލު ހޯދުމަށް އީޕީއޭއިން މަސައްކަތް ކުރަން ޖެހޭ ކަމަށް ކޮމެޓީއަށް ފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓު ނިންމާލަމުން ބުނެފައި ވަނީ މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ހަދާފައިވާގޮތުން އެ ދެ ރަށަށް ލިބެމުންދާ ގެއްލުންތަކަކީ މަޝްރޫއު ކުރިއަށް ގެންދިޔަ ފަރާތުގެ ބޮޑެތި އިހުމާލުތަކެއް އެކަމުގައި އެކުލެވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކެއް ކަމަށް ކޮމިޓީގެ ހޯދުންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ދައުލަތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ކޮމިޓީއަށް ފާހަގަވެފައިވުމާއެކު، މަޝްރޫއުގެ ސަބަބުން، ތިމާވެއްޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަންޖެހޭ ކަމަށް ކަނޑައަޅައި، އެ ސަރަހައްދަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަލުން ފަރުމާކޮށް އަމަލީ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ދައުލަތުގެ ބަޖެޓުން 29 މިލިޔަން ރުފިޔާ ހަރަދު ކޮށްގެންނެވެ.

އެހެން ނަމަވެސް އެ ރިޕޯޓު މަޖިލީހުގަ ތަޅުމަށް ހުށަހަޅުއްވައި ދެއްވަމުން ކޮމެޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް ހޯދައިދޭން ހަރަދުކުރި 31.14 މިލިއަން ރުފިޔާ ފެނަށް ވެގެން ގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް